ފިލްމީ ތަރި އައިމިނަތު ރިޝްފާގެ ޒާތީ ފޮޓޯ ތަކެއް ލީކު ކޮށްލި ކަމުގެ ތުހުމަތުތަކަށް ދިވެހި ފުލުހުންގެ އިދާރާއިން އިންކާރު ކޮށްފިއެވެ.

ރިޝްފާގެ ފޭސްބުކް އެކައުންޓް އިން ކޮށްފައިވާ ޕޯސްޓްއެއްގައި ބުނެފައި ވަނީ، 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ޑިސެންބަރު މަހުގެ ނިޔަލަށް އޭނާގެ ފޯނާއި ޕާސްވޯޑު ކޯޓު އަމުރެއްގެ ދަށުން ފުލުހުންނަށް ދިން ކަމަށާއި، ފޮރެންސިކްސް ޑިޕާޓްމަންޓްގެ އިތުރުން ތިން އޮފިސަރަކަށް ފޯނުގެ އެކްސެސް ދީފައިވާ ކަމަށެވެ.

މިހާރު އޭނާގެ ހުރިހާ ފޮޓޯތަކާއި ވީޑިއޯތަކެއް ޕަބްލިކް ސައިޓްތަކުގައި ދައުރުވަމުންދާ ކަމަށް ރިޝްފާގެ ޕޯސްޓްގައި ބުނެފައިވެއެވެ. ނަމަވެސް ފޯނުގެ ޕާސްވޯޑް ދިނީ މައްސަލައެއްގައި ފުރިހަމަ އެއްބާރުލުން ދޭން ބޭނުންވާތީ ކަމަށް ނަމަވެސް އޭގެ ބަދަލުގައި އޭނާއަށް ލިބުނީ އެކަމުގެ ސަބަބުން ފުރައްސާރަކަމަށް އޭނާ ބުނެފައިވެއެވެ. އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ޒިންމާ އުފުލަންޖެހޭނީ ކާކުތޯ ރިޝްފާ ސުވާލު އުފަށްދާފައި ވެއެވެ. އަދި މިފަދައިން ފުލުހުންގެ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރަމުން ދާނަމަ އެ އިދާރާއާ މެދު އިތުބާރު ކުރާނީ ކިހިނެއްތޯވެސް ރިޝްފާ ވަނީ ސުވާލު ކޮށްފައެވެ.

އަދި އޭނާގެ އަބުރު ގެއްލުވާލުމުގެ ޒިންމާ އުފުލަންޖެހޭ ކޮންމެ މީހަކަށް ވެސް ކޯޓު މެދުވެރިކޮށް އަދަބު ލިބޭނެކަން ކަށަވަރު ކުރާނެ ކަމަށާއި ފުލުހުންގެ މޮޓޯ "ޕްރޮޓެކްޓް އެންޑް ސާވް" އަކީ މީހުންގެ ޒާތީ ކަންކަމަށް އަރައިގަތުން ފަދަ ކަމެކަށް ވެފައިވާ ކަމަށް ރިޝްފާ ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ފުލުހުން އިދާރާގެ ބަހެއް ހޯދާލުމަށް "ދަ ޕްރެސް" އިން ގުޅާލުމުން ބުނީ، އެ އިދާރާގެ ބެލުމުގެ ދަށަށް ހެކީގެ ގޮތުގައި ގެނެވޭ ތަކެތި ގެންގުޅުމާއި ބެލެހެއްޓުމުގައި އަމަލުކުރާނީ ގާނޫނުގައިވާ ގޮތުގެ މަތިން އަދި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތުގެ މަތިން ކަމަށެވެ. އަދި ފޮރެންސިކްގެ ބެލުމުގެ ދަށަށް ގެނެވޭ ހެއްކެއްގައި ހުންނަ އެއްވެސް މައުލޫމާތެއް ލީކު ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ހިދުމަތުން އަރުވާކަމަށް ބުނިއެވެ. މީގެ އިތުރުންވެސް ފޮރެންސިކް ލެބޯރަޓަރީގެ މަސައްކަތްތައް ތަރުތީބުކުރެވިފައި ހުންނާނީ ޕްރައިވެސީ ރައްކާތެރިކޮށްދެވޭ ފަދަ ގޮތަށް ކަމަށް އެ އިދާރާއިން މައުލޫމާތު ދިނެވެ.

ފިލްމީ ތަރު ރިޝްފާއަކީ ނިމިދިޔަ އަހަރު މަސްތުވާ ތަކެތި ބޭނުންކުރުމާއި އޭގެ ވިޔަފާރި ކުރާ މައްސަލައެއްގައި ފުލުހުން ހައްޔަރުކޮށް ދައުވާ އުފުލާފައި ހުރި ފަންނާނެކެވެ. މާލެ އާއި ހުޅުމާލޭގައި ހިންގި އެ އޮޕަރޭޝަނުގައި ރިޝްފާ އާއެކު 12 މީހުން ހައްޔަރުކޮށް ބަންދުކޮށްފައިވެއެވެ. ނަމަވެސް މި ތުހުމަތު ތަކަށް އޭނާ ދަނީ އިންކާރު ކުރަމުންނެވެ.