އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީއިން މިރޭ ފަށައިފިއެވެ.

އެކަމަށްޓަކައި މިރޭ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައި ވާއިރު އެމްޓީސީސީ އިން ބުނީ އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތް ޝެޑިއުލާއި އެއްގޮތަށް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި އެގޮތުން އަމީނީ މަގުގެ ސެގްމެން 1، 2، އަދި 3 ގައި ސަބްގްރޭޑް އަދި ޢޭބީސީ ފަށަލަ އެޅުމުގެ މަސައްކަތާއި ޕްރައިމް ކޯޓް އެޅުމުގެ މަސައްކަތް މިހާރު ނިންމާލާފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން 2،511 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް، އޭބީސީ އަދި ތާރު އެޅުން ހިމެނޭ ކަމަށްވެސް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ހަދަމުން ދިޔަ އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އާރްޑީސީއަށް އަމާޒުވެފައެވެ.

އަމީނީ މަގުގެ މަސައްކަތް އަވަހަށް ނިންމުމަށްޓަކައި އެމްޓީސީސީ އާ ހަވާލުކޮށްފައި ވާއިރު މި މަސައްކަތް އެމްޓީސީސީ އާ ހަވާލުކުރީ އާރުޑީސީގެ ތާރު މެޝިން ބަހައްޓާނެ ބިމެއް އަދި ކަނޑައެޅިފައި ނުވާތީ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ. އަދި ބިން ހަމަޖެހުނުހާ އަވަހަކަށް އާރްޑީސީގެ ތާރު މެޝިން ބަހައްޓައި، އަމީނީމަގުގެ ދެން އޮތް ބައިގައި ތާރު އެޅުމުގެ މަސައްކަތް ކުރާނީ އާރުޑީސީން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 84 މިލިއަން ރުފިޔާއަށެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިދިޔަ އޮގަސްޓު މަހުގެ 30 ވަނީ ފަށާފައެވެ. އެ މަޝްރޫއުގެ ދަށުން އަމީނީމަގުގައި 1.7 ކިލޯމީޓަރުގެ ތާރުއަޅާއި، ފެންހިންދާ ނިޒާމެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކުރިން މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައި އޮތް ތާރީހަކީ ފެބްރުއަރީ މަސްކަމުގައި ވިޔަސް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، މަސައްކަތް ލަސްވެ ދެން އެ މަސައްކަތް ނިންމޭނީ އަންނަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހަށް ކަމަށެވެ. އެ މަގު ހެދުމުގެ އެންމެ ބޮޑު ގޮންޖެހުމަކީ މަގަށް ބޭނުންވާ ހޮޅިތައް އެމްޑަބްލިއުއެސްސީ އިން ފޯރުކޮށް ނުދެވުން ކަމަށް އަސްލަމް ވިދާޅުވެފައި ވާއިރު އެކުންފުނިން ބުނެފައި ވަނީ އެދޭ މިންވަރަކަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.