މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފިއެވެ.

ފުލުހުން ބުނީ ވިލިމާލެ ފެރީ ޓާމިނަލް ކައިރީ މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން ކަމުގެ މައުލޫމާތު މިއަދު 3:30 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެ މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

އެ މީހާއަށް ލިބުނު އަނިޔާއެއް އަދި އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކުރި ކަމެއް އަދި ނުކުރާ ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.

އެ މާރާމާރީގައި އިތުރު ބަޔަކަށް އަނިޔާވިކަން "ދަ ޕްރެސް" އަށް ވަނީ އެނގިފައެވެ. އެ މަންޒަރުދުށް މީހަކު "ދަ ޕްރެސް" އަށް ބުނީ އެ މާރާމާރީ ހިނގަނިކޮށް ނުފެނުނު ނަމަވެސް 3:35 ގެ ފެރީއަށް އަރައިގެން ދިޔަ ދެ ޒުވާނުންގެ ތެރެއިން އެކަކަށް ޒަހަމްތަކެއް ލިބިފައިވާއިރު އޭނާގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައި ހުރި ކަމަށެވެ. އަދި އެ ދެމީހުން ވިލިނގިއްޔަށް ފޭބުމަށް ފަހު ސައިކަލަކަށް އަރައިގެން ގޮސްފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަށް ހަމަލާ ދީފައިވަނީ ބަޔަކު ހަމަލާދޭން އުޅޭ ކަމުގެ އިންޒާރެއް ލިބިގެން ވިލިމާލެ ފެރީ ޓާމިނަލްގައި ފިލާ އިންދައެވެ.