މަންމަން ކުދިންނާއި ވާހަކަ ނުދެއްކޭ ފަދަ ނުކުޅަދުންތެރިކަން ހުންނަ ކުދިންނަށް ވަގުތުން ފަރުވާ ދޭ ކަމަށް ބުނާ އަލީ މަހްމޫދު ނޫންނަމަ "މާލާ" އަށް ރާއްޖެ ނާދެވޭގޮތް ހަދަން އިމިގްރޭޝަނަށް އަންގާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލުމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ، މާލާ ރާއްޖެ އައިސް ބައެއް ދިވެހީންނަށް ފަރުވާދިން ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި އަދި މާލާ ރާއްޖެ އައިސް މީހުންނަށް ފަރުވާދިނުމުގެ ކަންތަކުގައި ދިވެއްސަކު ޝާމިލުވެފައި ވޭތޯ ބަލަމުންވެސް ދާކަމަށެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ މާލާ މިކަން ކޮށްފައިވަނީ ފައިސާ ނަގައިގެން ނޫން ކަމަށް މިނިސްޓްރީން ހޯދި މައުލޫމާތުތަކުން އެނގިފައިވާ ކަމަށެވެ.

އޭނާ ކައިރިން ފަރުވާ ހޯދި މީހުން ބުނަނީ ލާރި ނުނަގާ ކަމަށް، ފަހަރެއްގަ ވެދާނެ ލާރި ނެގިއަސް މިހާރު އެމީހުން ނުބުނަނީ ކަމަށް ވެސް މައްސަލަ ބޮޑުވެފައި އޮތީމަ
ހެލްތު މިނިސްޓްރީގެ އޮފިޝަލް

މާލާ އަށް ރާއްޖެ ނާދެވޭނެ ގޮތަށް ފިޔަވަޅު އަޅަން އިމިގްރޭޝަނަށް މިހާރު އަންގާފައިވާ ކަމަށާއި ނަމަވެސް އިމިގްރެޝަނުން އެ ފިޔަވަޅު އަޅާފައިވާ ކަމެއް އަދި ޔަގީން ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން "ދަ ޕްރެސް" އިން އިމިގްރޭޝަނަށް ގުޅި ނަމަވެސް، ފޯނަށް ޖަވާބު ދީފައެއް ނުވެއެވެ.

މާލާގެ މައްސަލަ ސަމާލުކަމަށް އައީ އޭނާ ދިވެހީންނަށް ފަރުވާދޭ ވީޑިއޯތަކެއް ސޯޝަލްމީޑިއާގައި އާންމުވުމުންނެވެ.

މާލާ ވަނީ އދ. މާމިނގިއްޔަށް ނިސްބަތްވާ ވާހަކަ ނުދެއްކޭ 3 ކުދިން ތިބި އާއިލާއެއްގެ ތެރެއިން 2 ކުދިންނަށް ފަރުވާ ދީފައެވެ. އެ ކުދިންގެ ދައްތައެއް ކަމަށްވާ އައިޝަތު އިބްރާހިމް " ދަ ޕްރެސް" އަށް މައުލޫމާތު ދިން ގޮތުގައި ފަރުވާ ކުރި ކުޑަ ކުއްޖާއަކީ 9 އަހަރުގެ ކުއްޖެއްކަމާއި މި ކުއްޖާ އަކީ މީގެ ކުރިން އޮޕަރޭޝަން ކޮށް ހިއަރިން އެއިޑް ބޭނުން ކުރަމުންދާ ކުއްޖަކަށް ވުމުން ހިއަރިން އެއިޑް ބޭނުން ކޮށްގެން ނޫނީ އަޑު ނީވޭ ކަމަށް ދައްތަ ފާހަގަ ކުރިއެވެ. ނަމަވެސް ސްކޫލަށްގޮސް ﷲގެ އިރާދަފުޅާއެކު އަކުރުތައް ކިޔަމުން ދިޔަ ކުއްޖެއް ކަމަށާއި ކޮންމެސް ވަރަކަށް ބަސްތައް ވެސް މިހާރު ކިޔަމުންދާ ކުއްޖެއް ކަމަށް ބުންޏެވެ.

ނަމަވެސް އެއާ ހިލާފަށް ބޮޑު މީހާ އަކީ އުމުރުން 28 އަހަރުގެ މީހެއް ކަމަށާއި މާލާ އެ ހެދިގޮތެއް ހެދުމަށްފަހު އެ ވަގުތު އަޑު އިވުނު ކަމަށް އޭނާ ބުނިކަމަށް ދައްތަ ކިޔައިދިނެވެ. ނަމަވެސް ފަހުން އޭގެ އެއްވެސް ބަދަލެއް ނުފެނުނު ކަމަށާއި އިހުހުރި ގޮތަށް އިއާދަވެއްޖެ ކަމަށްވެސް ބުންޏެވެ. އަދި ކުޑަ ކުއްޖާއަށް އެއްވެސް ބަދަލެއް އައިކަން ފާހަގަ ކުރެވިފައި ނުވާކަމަށް ވެސް ބުންޏެވެ. އަދި މާލާ އެކުރި ކަމަކުން ރަނގަޅު ނުވާ ވާހަކަ ބުނުމުން މާލާ އެދުނީ ކަންފަތް ކައިރީ ގިނަ ގިނައިން ޤްރުއާން އަޑު އިއްވުމަށާއި ގިނައިން އެ ކުއްޖާއާ ވާހަކަ ދެއްކުމަށް ކަމަށް ވެސް ދައްވަ ވަނީ ބުނެފައެވެ. ނަމަވެސް މިހާތަނަށް އެއްވެސް ކާމިޔާބީ އެއް މިކަމުން ނުފެންނަ ކަމަށް އައިޝަތު ކިޔާ ދިނެވެ.

މީގެ އިތުރުން ވެސް ލޮލަށް ނުފެންނަ މީހުންނާއި ވާހަކަ ނުދެއްކޭ މީހުން މާލާ ކައިރިން ފަރުވާ ހޯދުމަށް މާލެ އައެވެ. ނަމަވެސް އެކަކަށްވެސް ފަރުވާ އެއް ލިބިފައި ނުވާކަމަށް ރިޕޯޓު ކޮށްފައި ވެއެވެ.

މި މާލާ އަކީ މީގެ ކުރިންވެސް އެކި ގައުމުތަކަށް ގޮސް މީހުންނަށް ފަރުވާ ދިނުމަށް ފަހު ރަނގަޅުވާ ކަމަށް "ޓިކްޓޮކް" ގައި އާންމުންނަށް ދެއްކިގެން އުޅޭ މީހެކެވެ. ބައެއް ގައުމުތަކުން މީނާ ޑީޕޯޓް ކޮށްފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓް ތަކުން ހާމަވެއެވެ. މާލާއާ މެދު ރާއްޖޭގެ އިލްމުވެރިންވެސް ކަންބޮޑުވުން ފާޅުކުރައްވާފައި ވާއިރު ބައެއް އިލްމުވެރިން ވިދާޅުވި ގޮތުގައި ހިލޭ އަންހެނުން ގައިގައި އަތްލުމުގެ އިތުރުން ވަގުތުން ޝިފާ ލިބޭނެ ކަމަށް ބުނާ ބުނުމަކީ ޖިންނި ޝައިތޯނުންގެ އެހީތެރިކަމަށް އެދޭ މީހުންނާއި ސިހުރުވެރިންގެ ސިފަތަކެކެވެ.