އއ. މަތިވެރި ހަސަން އަލީ (ހަސަންފުޅު) 73 އަހަރު، ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓާނުލާކަމަށް ފުލުހުން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ގެއްލުނު ހަސަންފުޅު ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދާކަމަށާއި އޭނާ ހޯދުމުގެ ގޮތުން ޑައިވް ކޮށްގެން ވެސް މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި ރަށުގެ ހުރިހާ ސަރަހައްދުތަކާއި ގޭބިސީތަކާއި ފަޅު ގޯތިތައް ވެސް ބަލާފައި ވާކަމަށް މައުލޫމާތު ދިނެވެ.

ފުލުހުންގެ އިތުރުން މަތިވަރި ރައްޔިތުންވެސް އަންނަނީ ހަސަންފުޅު ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރަމުންނެވެ. މި ގޮތުން ހަސަންފުޅު ދާނެހެން ހީވާ ހުރިހާ ތަނަކާއި އާންމުކޮށް ދާނެހެން ހީވާ އެއަތޮޅުގެ ހުރިހާ ރަށެއްވެސް ވަނީ ބަލާފައެވެ. އަދި މަތިވެރި ފަޅާއި އެ ރަށާއި ކައިރީގައި އޮތް ތިން ފަޅު ރަށްވެސް ވަނީ ބަލާފައެވެ.

ހަސަންފުޅު އެންމެ ފަހުން ފެނިފައި ވަނީ ޖެނުއަރީ 31 ވަނަ ދުވަހުގެ 10:30 ހާއިރުއެވެ. ފުލުހުން ބުނީ ހަސަންފުޅު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މި މަހުގެ 1 ވަނަ ދުވަހު 09:37 އެހާއިރު ކަމަށެވެ. ހަސަންފުޅުގެ އާއިލާއިން ބުނީ އާންމުކޮށް ދާ އަޅައިގެން މަސް ހިފަންދާ ހަސަންފުޅު އާންމުކޮށް ގެންގުޅޭ ދެ ފޯނާއި، ދުފާ ދަބަސް އަދި ވޮލެޓް ގޭގައި އޮތްކަމަށެވެ.