މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލައި "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން ހަދާ ބްރިޖުގެ މަސައްކަތަކީ މި ސަރުކާރުން ހިންގާ އެންމެ ބޮޑު އެއް މަޝްރޫއެވެ. މި މަޝްރޫއުގެ މަސައްކަތްތައް ލަސްވެފައި މަސައްކަތް ކުރިއަށް ދާ މަންޒަރު ނުފެންނާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން އަންނަ މި ދަނޑިވަޅުގައި، ކަނޑުގައި ގިނަ ތަނބުތަކެއް ޖަހާފައި ހުރި މަންޒަރު ފެންނަ ކަމަށާއި ބްރިޖުގެ މަސައްކަތުގެ ސްޕީޑް ދައްކާލައިފި ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އެގޮތުން މިހާރު ކަނޑުގައި ގިނަ އަދަދަކަށް ތަނބު ޖަހާފައިވާ ކަމަށް ބުނަމުން އަންނަނީ ކަނޑުގެ ލޮނުގަނޑުގެ މައްޗަށް ފެންނަން ހުރި ހޮޅިތަކަކީ ތަނބުގެ ގޮތުގައި ސިފަ ކުރަމުންނެވެ. ނަމަވެސް ކަނޑުގައި ޖަހާ ހުރިހާ ހޮޅިތަކަކީ ތަނބެއް ނޫނެވެ. ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބްރިޖްގައި އެންމެ ފުރަތަމަ ނިންމަން ކަނޑައަޅާފައިވާ ސެގްމަންޓްގައި މާލެއިން ފެށިގެން ގުޅިފަޅާ ހަމައަށް އެކި ފުންމިނުގައި 50 ތަނބު ޖަހައެވެ. އެއިން ކޮންމެ ތަނބެއް ޖަހާއިރު އެ ތަނބު ކައިރީގައި ފުރަތަމަ ޖަހަނީ ޕައިލްތަކެކެވެ. އެގޮތުން ބައެއް ތަނބެއް ވަށައިގެން ހަ ޕައިލް ނުވަތަ ހަތަރު ޕައިލް ޖަހައެވެ.
ތިލަމާލެ ބްރިޖް މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު 'ދަ ޕްރެސް' އާ ހިއްސާ ކުރައްވަމުން ޕްލޭނިން މިނިސްޓްރީގެ ދަށުން ބަލަހައްޓަމުންދާ ބްރިޖު އޮފީހުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވީ، މާލެ ސަރަހައްދުން ކަނޑުގައި ޖަހާފައިވާ ޓެސްޓް ޕައިލް ކައިރީގައި މިހާރު ދާއިމީ ފުރަތަމަ ތަނބުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ދާއިމީ ތަނބުގެ ވަށައިގެން 6 ޕައިލެއް ޖަހާނެ ކަމަށާއި މިއަދު ވަނީ ހަތަރު ވަނަ ޕައިލް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ކަމަށް ޖިނާން ވިދާޅުވިއެވެ.
މީގެ އިތުރުން މިހާރު ވިލިމާލެ ކަނޑުގައި ވެސް ތަނބުތައް ޖެހުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ޖިންނާން ވިދާޅުވިއެވެ. ވިލިމާލެ ކަނޑުގައި މިހާރު ވަނީ ދެ ތަނބުގެ ޕައިލް އިންސްޓޯލް ކޮށްފައި ކަަމަށާއި އެއް ތަނބަށް 4 ޕައިލް އަދި ދެވަނަ ތަނބަށް ދެ ޕައިލް އިންސްޓޯލްކޮށް ނިމިފައިވާ ކަމަށް ޖިނާން ވިދާޅުވިއެވެ. މީގެ އިތުރުން މިހާރު ކުރިއަށް ދަނީ ތިން ވަނަ ތަނބުގެ ޕައިލްތައް އިންސްޓޯލް ކުރުމުގެ މަސައްކަތް ކަމަށް ވެސް ޖިނާން ވިދާޅުވިއެވެ.
ވިލިމާލޭގައި ވެސް ތިލަ ހިސާބުތަކުގައި ތަނބު ތަކެއް ޖަހާފައި އެބަ ހުއްޓެވެ. އެ ތަނބުތަކަކީ ބްރިޖުގެ ތަނބެއް ނޫނެވެ. އެއީ އެ ސަރަހައްދު ތިލަ ކަމުން ޕްލެޓްފޯމަށް ނުވަދެވޭތީ ބްރިޖްގެ މަސައްކަތް ކުރުމަށް އަޅާ ވަގުތީ ބްރިޖު ހެދުމަށް ޖަހާފައިވާ ތަނބުތަކެއް ކަމަށް ޖިންނާން ވިދާޅުވިއެވެ. ތިލަ ސަރަހައްދުގައި ދާއިމީ ބްރިޖުގެ ތަނބުތަކުގެ މަސައްކަތް ކޮށް ނިމުމުން އެ ވަގުތީ ބްރިޖް ނަގާނެ ކަމަށް ވެސް ޖިނާން ވިދާޅުވިއެވެ.
'ދަ ޕްރެސް' ގެ ޓީމުން މާލެ އަދި ވިލިމާލެ ސަރަހައްދުގައި ކުރަމުން އަންނަ ބްރިޖްގެ މަސައްކަތްތައް ބަލާލާފައިވާ އިރު، ވިލިމާލެ މޫދުގައި މިހާރު ދެ ތަނބު ޖެހުމަށް ޕައިލްތައް އިންސްޓޯލް ކޮށްފައި ހުރިތަން ފެނެއެވެ. އެ ސަރަހައްދު ކަނޑުގައި ވެސް ހަ ޕައިލެއް ޖަހައި ހަތް ވަނަ ޕައިލެއް ޖެހުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ހަތްވަނަ ޕައިލަކީ ތިންވަނަ ތަނބުގެ ޕައިލްތަކުގެ ތެރެއިން ޕައިލެވެ.
އަދި މާލެ ސަރަހައްދުން ކަނޑުގައި ދާއިމީ ތަނބު ޖެހުމަށް ހަތަރު ވަނަ ޕައިލް އިންސްޓޯލް ކުރުމަށް މިއަދު ހަވީރު މަސައްކަތް ކޮށްފައިވާ އިރު، ކެރޭނެއްގެ އެހީގައި ޕައިލް ނަގައި މޫދަށް ބޭލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވެއެވެ. އެ މަސައްކަތް ކުރުމުގައި ބާޖްތަކާއި ކެރޭނާއި އަދި "ރުމައިލާ" ޕްލެޓްފޯމްގައި އެފްކޯންސް މުވައްޒަފުން ދަނީ ހަރަކާތްތެރި ވަމުންނެވެ.
މާލެ އާއި ވިލިމާލޭގެ އިތުރުން ވެސް ތިލަފުއްޓާއި ގުޅީފަޅުގައި ވެސް ބްރިޖާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ދާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ. އެގޮތުން ގުޅީފަޅުގައި ކުރިއަށް ދަނީ ބްރިޖްގެ ކާސްޓިން ޔާޑްގެ މަސައްކަތްތައް ކަމަށާއި ތިލަފުށީގައި ކުރިއަށް ދަނީ ބްރިޖް މަޝްރޫއާ ގުޅިގެން ތިލަފުއްޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.
ތިލަމާލެ ބްރިޖް މަޝްރޫއުގެ ދަށުން ކަނޑުގައި ޖެހުމަށް ހަމަޖެހިފައިވާ ޓެސްޓް ޕައިލްތަކުގެ ތެރެއިން ޓެސްޓް ޕައިލް TP01 ގެ ކޮންކްރީޓް މަސައްކަތް ފަށަފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ކުރީ ކޮޅެވެ. އެ މަސައްކަތަށް ދެ "ފްލޯޓިންގް ބެޗިންގް ޕްލާންޓް" ދަނީ ބޭނުން ކުރަމުން ކަމަށް އޭރު ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެެވެ.
6.695 ކިލޯ މީޓަރުގެ ބްރިޖާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ އެ މަޝްރޫއު ވެގެން ދާނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއަށެވެ. އެގޮތުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ 3 ބްރިޖް މި މަޝްރޫއުގެ ދަށުން ހަދާނެއެވެ.
ތިލަމާލެ ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އާއި ތިލަ ހިސާބުތަކުގަ އާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައި ހަދާ ބުރިޖެކެވެ. ބްރިޖްގެ އުމުރަކީ 120 އަހަރު ކަމަށް އެފްކޯންސް ކުންފުނިން ވަނީ ބުނެފައެވެ.
އެފްކޯންސް އަކީ މީގެކުރިން ވެސް ބްރިޖާއި ހައިވޭ ފަދަ ތަރައްގީގެ މަޝްރޫއުތައް ބޭރުގެ އެހެން ގައުމުތަކުގައި ވެސް ކޮށްފައިވާ ބައެކެވެ. އެ ގޮތުން މި އަހަރުގެ ތެރޭގައި އިންޑިއާގެ ކަޝްމީރުގެ ޖައްމޫގައި ރެއިލްވޭ ބްރިޖެއްގެ މަސައްކަތް ނިންމާފައިވެއެވެ.
ތި ޖަހާ ތަނބުގެ ސައިޒު ފެނިފަ މަ ބޭނުމެއް ނޫން ތި ބްރިޖަށް އަރާކަށް. ވެއްޓިދާނެ ނޫނީ މަ ހުރި ފަޅިއަކަށް އަރިވެދާނެ.
7 ބިލިޔަން ރުފިޔާ ވިއްޔާދޯ ކޮންމެވެސް ވަރެއްދެން ފެންނަން ވެއްޖެތާ؟ 7 ބިލިޔަނުން މަސައްކަތް ތިދަނީ ފިހނިހަކު ދުވެލީގައި އަދި ވެސް ގުދޯގުދޯ ގޮވީ ޔާމީނަށް މާކުޑަ ހަރަދަކުން ޔާމީނު އުއްމީދު ކުރި ވަރަށްވުރެ އަވަހަށް އެކަން ނިންމައިފި ވިއްޔާ!
މީގެކުރިންވެސް ބަޔަކު ބުރިޖެއް އެޅި. ތިހާ ވާހަކަ ގިނައެއްނޫން.
މަ ހީކުރީ އެއީ ހުސް ތަނބޭ. އެހެންވީމަ އަދި ހުސް ހޮޅި ދޯ މި ޖަހަނީ. ހޮޅި ސަރުކާރުގެ ހޮޅި ދޯހަޅި ވާހަކަ. ތި ބްރިޖެއް ނިމޭނެބާ