އިރާނުގެ ޖަލުތަކުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ދިހަ ހާހެއްހާ ކުށްވެރިންނަށް މައާފް ދިނުމަށް އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ ޚާމަނާއީ ނިންމަވައިފިއެވެ.

ފުލުހުން ހައްޔަރުކުރި 22 އަހަރުގެ އަންހެނެއް ކަމަށްވާ މާޝާ އަމީނީ ފުލުހުންގެ ހައްޔަރުގައި ހުއްޓާ މަރުވުމާ ގުޅިގެން އެ ގައުމުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރި މީހުންވެސް ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ބަޔަކަށް މައާފް ދިނުމަށް އާޔަތުﷲ ޚާމަނާއީ ނިންމަވާފައި ވަނީ އިރާނުގެ އިސްލާމީ އިންގިލާބަށް 44 އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބަތާ ގުޅިގެންނެވެ.

އިރާނުން ކުށްވެރިންނަށް މައާފް ދިނުމުގައި ޝަރުތުތަކެއް ކަނޑައަޅާފައި ވާއިރު ފޮރިން އިންޓެލިޖެންސްތަކަށް ޖާސޫސް ކޮށްދިނުމާއި ސަރުކާރާއި އާންމު ތަންތަނަށް ގެއްލުންދިން މީހުންނަށް މައާފު ނުދޭން ވަނީ ނިންމާފައެވެ. މީގެ އިތުރުން އިސްލާމީ އުސޫލުތަކާ ހިލާފުވެފައިވާ ފަރާތްތަކަށްވެސް މައާފް ނުދިނުމަށް ވަނީ ނިންމާފައެވެ.

އިރާނުގައި އެކި މައްސަލަތަކުގައި ހައްޔަރުކުރާ މީހުންނަށް ހަރުކަށި އަދަބުދެމުންދާ ކަމަށް ބުނެ އިންސާނީ ހައްގުތަކަށް ވަކާލާތުގެ ޖަމިއްޔާ ޖަމާއަތްތަކުން އެގައުމާ ދެކޮޅަށް އަޑު އުފުލަމުން އަންނައިރު އެ ގައުމުގައި މާޝާ އަމީނީ ގެ މަރާ ގުޅިގެން ކުރި މުޒާހަރާތަކުގައި ހައްޔަރުކުރި ހަތަރު މީހަކަށް ވެސް ވަނީ މަރުގެ އަދަބު ދީފައެވެ.