ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާގެ ކުރީ މެންބަރު އަހްމަދު ނިހާން ހުސެން މަނިކުގެ މައްޗަށް އުފުލާފަައިވާ މައްސަލަތަކުގެ އަޑުއެހުން ކުރިއަށް ނުގެންގޮސް މިއަދު ހުއްޓާލައިފިއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތާއި ގުޅުންހުރި މައްސަލަތަކެއްގެ ދައުވާ ނިހާންގެ މައްޗަށް އުފުލާފައިވާއިރު، ޖުމްލަ ހަ ދައުވާ އެއް ވެއެވެ. އޭގެ ތެރޭގައި، ރިޝްވަތު ހިފުމުގެ ދެ ދައުވާއާއި، ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ ހިމެނެއެވެ. ނަމަވެސް މި ހަ ދައުވާއަށް ނިހާން ވަނީ އިންކާރު ކުރައްވާފައެވެ.
އެ މައްސަލައިގައި މިއަދަށް ތާވަލު ކޮށްފައި އޮތީ އިފްތިތާހީ ބަޔާން ހުށަހަޅައި ޝަރީއަތް ފެށުން ކަމުގައި ވީ ނަމަވެސް އަޑުއެހުން ފެށުމާއެކު ނިހާނުގެ ފަރާތުން ދިފާއީ ވަކީލް ހުސްނީ މުބާރިކް ވިދާޅުވީ, ޖެނުއަރީ 18 އިން ފެށިގެން އަމަލު ކުރަމުން އަންނަ ހެއްކާ ބެހޭ ގާނޫނުގެ ދަށުން ހެކި ލިސްޓު މުރާޖާ ކުރުމަށް ފުރުސަތު ދިނުމަށެވެ.
އެ ކަމަށް ދައުލަތުން އިއުތިރާޒުކޮށް އިތުރަށް ވިދާޅުވީ މައްސަލަ ފެށުނު ފަހުން ވުޖޫދުވި ގާނޫނަކަށްވެފައި މައްސަލައިގެ ފަހަތަށް ދިއުމަކީ އެންމެ އެދެވޭ ގޮތް ނޫން ކަމަށެވެ. އެހެންކަމުން މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ ހެކި ލިސްޓު މުރާޖައާ ކުރުމުގެ ފުރުސަތު ނުދިނުމަށް ނިންމާފައެވެ. ނަމަވެސް ނިހާންގެ ވަކީލު އިފްތިތާހީ ބަޔާން ހުށަހެޅުމަށް ހަފުތާއެއްގެ މުއްދަތަކަށް އެދުމާއެކު ހަތް ދުވަހުގެ މުހުލަތެއް ދެއްވާފައި ވެއެވެ.
ނިހާނަށް ދައުވާ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ހުންނެވި ދުވަސްވަރު ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުގެ ފަރާތްޕުޅުން ރިޝްވަތަށް އެދިވަޑައިގަތުމާއި ރިޝްވަތު ހިއްޕެވުމާއި އެގޮތަށް ހޯއްދެވި ފައިސާ ލޯންޑާ ކުރެއްވުމުގެ ކުށުގަ އެވެ.
އެ މައްސަލައިގެ މީގެ ކުރިން ބާއްވަން ތާވަލުކުރި ދެ އަޑުއެހުން ވެސް ވަނީ ކެންސަލް ކޮށްފައެވެ. އަހަރެއްހާ ދުވަސް ފަހުން މިއަދު ތާވަލު ކުރި އަޑުއެހުންވެސް މިވަނީ ކުރިއަށް ނުގެދްދެވި ނިންމާލާފައެވެ.