އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށާއި 3 ދުވަސްތެރޭގައި އެމަސައްކަތް ނިމޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ހަދަމުން ދިޔަ އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ، އާރުޑީސީން އެ ކުންފުންޏާ ހަވާލުކުރީ ސްޓެލްކޯ އިމާރާތް ނިމޭ ހިސާބަށް ތާރުއެޅުމުގެ ހުރިހާ މަސައްކަތެއް ކުރުމަށް ކަމަށެވެ.

ތާރުއަޅުމުގެ މަސައްކަތް ނިންމަން 24 ގަޑިއިރު އެމްޓީސީސީގެ މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތް އަންނަ ބުދަ ދުވަހަށް އެއްކޮށް ނިންމާލެވެނޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

އަމީނީ މަގުގެ މަސައްކަތް އަވަހަށް ނިންމުމަށްޓަކައި އެމްޓީސީސީ އާ ހަވާލުކޮށްފައި ވާއިރު މި މަސައްކަތް އެމްޓީސީސީ އާ ހަވާލުކުރީ އާރުޑީސީގެ ތާރު މެޝިން ބަހައްޓާނެ ބިމެއް އަދި ކަނޑައެޅިފައި ނުވާތީ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ. އަދި ބިން ހަމަޖެހުނުހާ އަވަހަކަށް އާރްޑީސީގެ ތާރު މެޝިން ބަހައްޓައި، އަމީނީމަގުގެ ދެން އޮތް ބައިގައި ތާރު އެޅުމުގެ މަސައްކަތް ކުރާނީ އާރުޑީސީން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަމީނީ މަގު އަލުން ތަރައްގީ ކުރާ އިރު ހުންނާނެ ވަސީލަތްތައް؛

  • މަގު ފެހިކުރުމަށް 'ޓްރީ ޕިޓް' ނުވަތަ ގަސް މުށި ބެހެއްޓުން
  • މަގުގެ ދެ ފަޅީގައި ކޭބަލް ޓްރޭ ހެދުން
  • އެޗްވީ ކޭބަލަށް ހާއްސަ ޖަންކްޝަންތަކެއް ބެހެއްޓުން
  • ވީލްޗެއާ ދުއްވާ ހަދަން ފަސޭހަ ގޮތްތައް ގާއިމް ކުރުން
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމަށް ދުވާރުގައި ބްރެއިލް ބްލޮކްސް ޖެހުން
  • ސައިން ބޯޑުތަކާއި ބަމްޕަރުތައް ހެދުންފެން ހިންދާ ނިޒާމެއް ގާއިމް ކުރުން

ކުރިން މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައި އޮތް ތާރީހަކީ ފެބްރުއަރީ މަސްކަމުގައި ވިޔަސް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، މަސައްކަތް ލަސްވެ ދެން އެ މަސައްކަތް ނިންމޭނީ އަންނަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހަށް ކަމަށެވެ. އެ މަގު ހެދުމުގެ އެންމެ ބޮޑު ގޮންޖެހުމަކީ މަގަށް ބޭނުންވާ ހޮޅިތައް އެމްޑަބްލިއުއެސްސީ އިން ފޯރުކޮށް ނުދެވުން ކަމަށް އަސްލަމް ވިދާޅުވެފައި ވާއިރު އެކުންފުނިން ބުނެފައި ވަނީ އެދޭ މިންވަރަކަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.

އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށީ މި ދިޔަ އަހަރު ސެމްޓެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ.