މިދިޔަ ހޯމަ ދުވަހު ތުރިކީއާއި ސީރިއާ ގުޅުނު ބޯޑަރަށް އައި ބާރުގަދަ ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުން އަދިވެސް އަޑެއް އިވޭތޯ އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ. ބިންހެލުމަށް ހަފްތާއަކަށް ވާން ގާތްވެފައި ވާއިރު، ދިރިހުއްޓާ އެންމެ ފަހުން ސަލާމަތް ކުރީ ގާކުނދިތަކުގެ ދަށުގައި އޮންނަތާ 102 ގަޑިއިރު ވީ އަންހެނެކެވެ.
ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ޕްރޮވިސްން ކަމަށް ވާ ހަޓޭގައި ވެއްޓިފައި ހުރި އިމާރާތްތަކުގެ ދަށަށް ވަދެވެން ހުރި ހަނި ހަނި ޖާގަތަކުގެ ތެރެއަށް އަލިކުރަމުން ބަލަމުން ގޮވަމުން ދާ އިރު، އެފަދަ ހާދިސާތަކުގައި މީހުން ހޯދުމަށް ބޭނުން ކުރާ ހާއްސަ ކުއްތާވެސް ދަނީ ބޭނުން ކުރަމުންނެވެ.
މީހުން ހޯދުމުގެ މަސައްކަތުގައި އޮފިޝަލުން އަވަދިނެތި އުޅެމުން ދަނިކޮށް، އެންމެންގެ ނޭވާ ހުއްޓުވާލީ އިވުނު މަޑު ކުކުރުމެއްގެ އަޑަށެވެ.
މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅުނު މީހަކު ބާރަށް ގޮވަން ފެށުމާއެކު މުޅިތަން ހުއްޓުމަކަށް އައެވެ. ނޭވާލާ އަޑުވެސް ނީވޭނެހާ ވަރަށް މުޅިތަނަށް ހިމޭންކަން ގެނައެވެ. ބޭނުމަކީ އެ ކުކުރުމުގެ އަޑު އަންނަ ސީދާ ތަން ދެނެގަތުމެވެ. އެވަގުތަކީ، ބޭރުގެ ނޫސްވެރިންވެސް ހަޓޭގައި ހަރަކާތްތެރިވަމުން ދިޔަ ވަގުތެއް ކަމުން އެމީހުން ހަބަރުތައް ގެނެސްދިނުމަށް، ނިއުސްރޫމްތަކާ ގުޅައިގެން ވާހަކަ ދައްކާތީ، އިވޭ އަޑާހެދި އުނދަގޫ ވިޔަ ނުދޭން، އެމީހުންގެ ފޯނުތައްވެސް ނިއްވާލިއެވެ. އެކުގައި އެއް ޓީމެއްގެ ގޮތުގައި އެންމެން މަސައްކަތް ކުރީ އެ އަޑު އަންނަތަން ދެނެގަތުމަށެވެ.
ޔަގީޒް ނަމަކަށް ކިޔާ އުމުރުން އެންމެ 10 ދުވަސް ވީ ކުއްޖަކު ފެނުނީ، ވެއްޓި ފުނޑުފުނޑުވެފައިވާ ގެއެއްގެ ގާތަކުގެ ދަށުންނެވެ. އޮފިޝަލުން ކެތްތެރިކަމާއެކު ކުރި މަސައްކަތުން ފުރަތަމަ ނެގީ ކުއްޖާއެވެ. އޭނާ ނެގުމަށް ފަހު ތާމަލް ކަރުދާހުގެ ބްލޭންކެޓަކަށް ލައިގެން އަވަސް ފަރުވާއަށް އޮފިޝަލުން ދުއްވައިގަތެވެ. ޔަގީޒްގެ މަންމަ ނަގައިގެން ގެންދިޔައީ ސްޓްރެޗާއެއްގައެވެ.
މިފަދަ ކިތަންމެ ހާދިސާއެއް އަޖައިބު ކުރުވަނިކި ކިތަންމެ ކަމެއް ބިންހެލުމާ ގުޅިގެން ފެންނަމުން ދާއިރު، މިހާތަނަށް ސަލާމަތް ކުރި މީހުންގެ ތެރެއިން އެންމެ ގިނަ ވަގުތު ގާކުނޑިތަކުގެ ދަށުގައި އޮއްވާ ސަލާމަތް ކުރި އަންހެން މީހާ 102 ގަޑިއިރު ހޭދަކޮށްފައި ވެއެވެ.
މީގެ ކުރިން މަޔަކު އޭނާގެ ދަރިފުޅު ވިހެއުމަށް ފަހު، މިދުނިޔެއާ ވަކިވެގެން ދިޔަ ހިތާމަވެރި ހާދިސާއެއްވެސް ހިނގާފައި ވެއެވެ. ހިރަފުހުގެ ތެރެއަށް މޫނުވަތަށް ދަރިފުޅު އޮތް އިރު ފޫޅު ދަނޑިވެސް އޮތީ ވަކިނުވެއެވެ. އެ މައުސޫމް ތުއްތުތުއްތު ކުއްޖާގެ މުޅި އާއިލާ އެއްކޮށް މަރުވެ ދިޔައެވެ.
މިއަދު ހަބަރުތަކުގެ ސުރުހީތަކުން ޖާގަ ހޯދި އެފަދަ އަނެއް ހާދިސާއަކީ، 15 ބުރީގެ އިމާރާތެއް ބިނާ ހަމަވެ، އެ އިމާރާތުގައި އުޅުނު އާއިލާތަކުގެ ތެރެއިން 3 މެންބަރަކު ފިޔަވައި އެންމެން މަރުވެ ދިޔަ ހާދިސާއެވެ.
ރިކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގައި އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 21،000 އަށް އަރައިގެން ހިނގައްޖެއެވެ.
ދުނިޔޭގެ 70 އެތައް ގައުމަކުން އެހީތެރިކން ފޯރުކޮށް ދެމުން ދާއިރު، މީހުން ހޯދުމުގެ މަސައްކަތަކާއި، ކާބޯތަކެއްޗާއި ބޭހާއި، އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމުގައި އުޅޭ އޮފިޝަލުންވެސް މިހާރު ވަނީ ބިންހެލުމުގައި އަސަރުކުރި ތުރުކީ އާއި ސީރިއާގެ ސަރަހައްދުތަކަށް ގޮސްފައެވެ.