ކުޑަގިރި ޕިކްނިކް އައިލެންޑްގައި ފަތުރުވެރިންނަށް ހާއްސަ ވަކި ޒޯނެއް ކަނޑައަޅާފައި ނުވާނެ ކަމަށް އެޗްޑީސީއިން ބުނެފިއެވެ.

މާދަމާ ކުޑަގިރި ހުޅުވަން ތައްޔާރުވެފައި ވާއިރު އެޗްޑީސީއިން ބުނީ ކުޑަގިރީގައި ފަތުރުވެރިންނަށް ހާއްސަ ކުރެވިގެން ވަކި ޒޯނެއް ކަނޑަނޭޅި ނަމަވެސް ބަންދު ނޫން ދުވަސްތަކުގައި ފަތުރުވެރިންނާއި ދިވެހިން ވަކިކުރުމުގެ މަސައްކަތް ކުޑަގިރި ޓީމުން ކުރާނެ ކަމަށެވެ.

ކުޑަގިރިއަށް ދަތުރުދާ ފަރާތްތަކުން އެންޓްރޭންސް ފީގެ ގޮތުގައި 50 ރުފިޔާ އަދި ފެރީއަށް ކޮޅަކަށް ދައްކަން ޖެހެނީ 25 ރުފިޔާއެވެ. އަދި 11 އަހަރުން ދަށުގެ ކުދިންނަށާއި 65 އަހަރަށްވުރެ މަތީގެ މީހުންނަށް ފީއެއް ނުނަގާނެއެވެ.

ނަމަވެސް ހަފްތާ ބަންދު އަދި ސަރުކާރު ބަންދު ދުވަސް ދުވަހު މުޅިން ހިލޭ ކުޑަގިރިއަށް ދެވޭއިރު ބަންދު ދުވަސްތަކުގައި އެ ރަށް ބޭނުން ކުރެވޭނީ ހަމައެކަނި ދިވެހިންނަށެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑް ތަރައްގީ ކޮށްފައި ވަނީ އާންމުން ބޭނުން ކުރުމަށްޓަކައި ގިނަ ވަސީލަތްތަކެއް ހިމަނައިގެންނެވެ. އޭގެތެރޭގައި ޑޭ ޔޫސްގެ ގޮތުގައި 12 ކޮޓަރި، އާންމުން ބޭނުން ކުރުމަށް 13 ކުޑަ އަށްޓާއި ހަތަރު ބޮޑު އަށި، މިނީ ފުޓްބޯޅަ، ވޮލީ، އަދި ބާސްކެޓް ކޯޓުތައް، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭ އޭރިއާ އަދި އެއް ޑައިވް މަރުކަޒުގެ އިތުރުން މޫދު ކުޅިވަރު މަރުކަޒެއް ހިމެނެއެވެ.

މާދަމާ ކުޑަގިރި ހުޅުވައިދެއްވުމަށްޓަކައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު އެ ރަށަށް ވަޑައިގަތުމަށް ނިންމަވާފައިވެއެވެ. މާލެ އާ ގާތްގަނޑަކަށް 10.5 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަގިރި، ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރަން ސަރުކާރުން ނިންމީ ސަރުކާރުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދާނެ ވައުދުތަކުގެ ދަށުންނެވެ.

ކުޑަގިރިއަށް ހާއްސަ މޯބައިލް އެޕްލިކޭޝަނުން ދަތުރު ދިއުމަށް ބުކްކުރުމާއި ދަތުރު ދާން ޖާގަ އޮތް ދުވަސްތަކާއި ޖާގަ ހުރި މިންވަރު ބެލޭނެއެވެ. ކުޑަގިރިއަށް ގޮސް އައިސް ވާ ފެރީ އޮންނާނީ މާލެ އަދި ހުޅުމާލެ ފެރީ ޓާމިނަލުންނެވެ.