މިދިޔަ ހޯމަ ދުވަހުގެ ފަތިހަށް އަލިވެލެން ދަނިކޮށް އައި ބާރުގަދަ ބިންހެލުމުގައި ތުރުކީއާއި ސީރިއާއިން މަރުވި މީހުންގެ އަދަދު 15،000 ފަހަނައަޅާ ހިނގައްކެއެވެ.

ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރަކީ 2 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސަރަރަހައްދެކެވެ. ރިކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގައި އައި އެ ބިންހެލުމުގައި ބޯޑަރު ސަރަހައްދުގެ 10 ޕްރޮންވިންސެއްގެ ގިނަ އަދަދެއްގެ އިމާރާތްތައް ވަނީ ވެއްޓި ފުނޑުފުނޑުވެފައެވެ. އެތައް އިމާރާތެއް ހުރީ އެއްފަރާތަށް އަރިއަޅާލާފައެވެ. ސަލާމަތުން ރައްކާތެރި ސަރަހައްދުތަކަށް ދެވުނު މީހުންނާއި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ސަލާމަތް ކުރެވުނު މީހުން މިހާރު ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައި ވުމުން، ބޯޑަރު ސަރަހައްދު މިހާރު ފެންނަނީ ފަޅު ޝަހަރުތަކެއްގެ ގޮތަށެވެ.

މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ، އެތައްހާސް ބަޔަކާއި ކެރޭނާއި އެކްސްކަވޭޓަރުތަކުން ޕްރޮވިސްތައް ވަނީ ފުރާލާފައެވެ. ރެސްކިއު މަސައްކަތުގައި ބައެއް އާންމުންނާއެކު 10،000 އަށް ވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރި ވަމުން ދާ އިރު، ދިރިހުރި ފުރާނައެއް ފެނުމުގެ އުންމީދު އަދިވެސް ނަގައެއް ނުލައެވެ.

މީހެއްގެ ހަޅޭކުގެ އަޑު ނުވަތަ ތުއްތުތުއްތު ކުއްޖެއްގެ ކުކުރުމުގެ އަޑެއް އިވޭތޯ އޮފިޝަލުން އަތްފުނާ އަޅަމުން ދާއިރު، ރެސްކިއު މަސައްކަތުގައި ހަރަކާތްތެރިވާ ކުއްތާ ސްކޮޑު ދަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ހެދިފައި ހުރި ކުދިކުދި ޖާގަތަކަށް ވަދެ ބަލަމުންނެވެ.

މި މަސައްކަތުގައި އިނގިރޭސި ކުއްތާތަކައި މެކްސިކޯ އަދި ދެކުނު ކޮރެއާގެ ކުޅަދާނަ ކުއްތާތައް ބައިވެރިވަމުން ދެއެވެ.

މިހާތަނަށް މަރުވި މީހުންގެ އަދަދުތައް؛

  • ތުރުކީ: 12،873
  • ސީރިއާ: 2،992

ހަބަރުތައް ބުނާ ގޮތުން، ބޯޑަރަށް އައި މައި ބިންހެލުމާއެކު 140 އަށް ވުރެ ގިނަ އާފްޓާ ޝޮކް (އިތުރު ލޮޅުންތައް) އައެވެ. އަދިވެސް ކުދިކުދި ލޮޅުންތައް އަންނަމުން ދާ އިރު، ބޯ ފިންޏާއި ބާރު ވައިގެ އިތުރުން ކަރަންޓުގެ އަލިކަން ނެތުމުގެ ސަބަބުން ރެސްކިއު މަސައްސަކަތްތަކަށް ވެސް ދަނީ ހުރަސް އެޅެމުންނެވެ. ނަމަވެސް އޮފިޝަލުންގެ އުންމީދަކީ ނުފުރޮޅާ އެންމެ ގާކޮޅެއްވެސް ނުބޭއްވުމެވެ. ދިރި ތިއްބަސް އަދި މަރުވެފައި އޮތަސް، އެމީހެއްގެ ހަށިގަނޑު ނެގުމަކީ އެމީހުންގެ އުންމީދެކެވެ.

އިންޓަނޭޝަނަލް ރެސްކިއު އެޖެެންސީން ބުނާ ގޮތުގައި، ތުރުކީއާ ހިލާފަށް ސީރިއާގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކާ ވަނީ ކުރިމަތިވެފައެވެ. ސީރިއާއަށް ބިންހެލުން އައި ސަރަހައްދުތަކުގެ ތެރޭގައި ސަރުކާރު ކޮންޓްރޯލް އޮތް ސަރަހައްދުތަކާއި ދާހިލީ ހަނގުރާމައިގެ ސަބަބުން ސަރުކާރާ ވަކިވެގަންފައިވާ ހަތިޔާރުއެޅި ޖަމާއަތްތަކުގެ ކޮންޓްރޯލް އޮތް ސަރަހައްދުތައް ހިމެނޭ އިރު، އެހީގެ ތަކެތި ހަނގުރާމަވެރިންގެ ސަރަހައްދުތަކަށް ފޯރުކޮށްދިނުމުގައި ގޮންޖެހުންތައް ބޮޑެވެ. ހަނގުރާމަވެރިން ކޮންޓްރޯލް ކުރާ ސީރިއާގެ އުތުރުގެ ސަރަހައްދަކީ 3.4 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅޭ ސަރަހައްދަކަށް ވާއިރު ތުރުކީއާ އިންވެގެން އޮންނަނީވެސް އެ ސަރަހައްދެކެވެ.

އިންސާނީ އެހީއާއި ކާބޯތަކެތި އަދި ބޭސްފަރުވާ ފޯރުކޮށް ދިނުމުގައި ހުރި ގޮންޖެހުންތައް ހުރަސް ކުރަން އދ ގެ ޖަމްއިއްޔާތަކާއި ރެސްކިއު އެެޖެންސީތަކުން ދަނީ ވަކިވަކި ޖަމާއަތްތަކާ ވާހަކަ ދައްކަމުންނެވެ. އަދި ތުރުކީ ބޯޑަރު ހުރަސްކޮށް، ސީރިއާ އަށް ވަނުމަށްޓަކައި ތުރުކީގެ ސަރުކާރާވެސް ވާހަކަ ދައްކަމުން ދާކަމަށް އޮފިޝަލުން ބުނެއެވެ.

މުޅި ސީރިއާއަކީ ހަނގުރާމައިގެ މައިދާނެއް ކަމުން އެގައުމުގައި އިންސާނީ އެހީ ބޭނުންވާ 54 މިލިއަން މީހުން އެބަތިއްބެއެވެ. ނަމަވެސް މިވަގުތު އެޖެންސީތަކުން އިސްކަން ދެނީ ބިންހެލުމާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށެވެ.

ބިންހެލުމުގައި ލިބުނު ގެއްލުންތައް ދެނެގަނެ، އަންދާޒާއެއް ހަދަމުން ދާ އިރު، ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުގާން ވިދާޅުވެފައި ވަނީ ހާލުގައި ޖެހުނު އެއްވެސް އާއިލާއެއް ބޯހިޔާވަހިކަމެއް ނެތި ދޫކޮށްނުލައްވާނެ ކަމަށެވެ. މިކަމުގައި ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ބަހެއް އާންމު މީޑިއާތަކުގައި ހިއްސާ ކޮށްފައެއް ނުވެއެވެ.

ރެސްކިއު މަސައްކަތްތައް ބާރަށް ކުރިއަށް ދާއިރު، އުރުދުގާން ވަނީ އެންމެ ބޮޑަށް ގެއްލުން ލިބުނު އެއް ސަރަހައްދަށް ވަޑައިގެން މަސައްކަތްތައް ކުރިއަށް ދާގޮތްވެސް ބައްލަވާލައްވާފައެވެ.