2021 ވަނަ އަހަރުން ފެށިގެން ރައްކާތެރިކަމާ އެކު އިންޓަނެޓުގެ ހިދުމަތްތައް ހޯދުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، އުރީދޫއާއި ވިމަން ޓެކް އާ ގުޅިގެން ހިންގަމުން އަންނަ ސެޝަން ތަކެއް ކަމަށްވާ "ސައިބާ ރައްކާ"ގެ މި އަހަރުގެ ފުރަތަމަ ސެޝަން ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް އުރީދޫ އިން ހާމަ ކޮށްފިއެވެ.

ފެބްރުއަރީ 11 ގައި ވާ ހޮނިހިރުދުވަހުގެ 8:30 އިން 10:00 އަށް ކުރިއަށްދާނެ މި ސެޝަން ބޭއްވުމަށް ހަމެޖެހިފައި ވަނީ އުރީދޫގެ މައި އޮފީސް ހިންގަމުން އަންނަ، ހ. ސަންސްލީޓް އިމާރާތުގެ ފުރަތަމަ ފަންގިފިލާގައެވެ. މައިގަނޑު ފަސް މައުޟޫއެއްގެ މައްޗަށް އަލި އަޅުވާލަން ހަމަޖެހިފައިވާ މި ސެޝަން އަކީ އެއްދުވަހުގެ މުއްދަތައް ކުރިއަށްގެންދާ ސެޝަންއެކެވެ.

އެގޮތުން އަލި އަޅުވާލަން ހަމަޖެހިފައިވާ މައުޟޫތަކުގެ ތެރޭގައި:

އޮންލައިންގައި ރައްކާތެރިކަމާއެކު ތިބުމަށް ފަސޭހަ ގޮތްތަކާއި، އައިޑެންޓިޓީ ވަގަށް ނެގުމުން ރައްކާތެރިވުމާއި، ފައިނޭންޝަލް އެކައުންޓްތައް މޮނިޓާ ކުރުމުގެ މުހިންމުކަމާއި، ސެކިއުރިޓީ ޕާސްވޯޑް އުފެއްދުމަށް ދޭ އިރުޝާދުތަކާއި، އޮންލައިން ޕްރައިވެސީއާއި ސެކިއުރިޓީގެ އަސާސްތައް ދެނެގަތުމުގެ އިތުރުން ޕިޝިން ސްކޭމްތައް ދެނެގަނެ އެކަމުން ދުރުހެލިވުމަށްޓަކާ ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުވާލާނެ ކަމަށް މައުލޫމާތު ދިނެވެ.

މި ކެމްޕެއިންގެ އަމާޒަކީ ޑިޖިޓަލް ދުނިޔޭގެ އެންމެހާ މަންފާތައް ހޯދުމުގައި އާއިލާތަކަށް އަމާން ރައްކާތެރި، އަދި އުފާވެރި މާހައުލެއް ގާއިމްކޮށްދިނުން ކަމަށް އުރީދޫން ބުންޏެވެ. މި ކެމްޕެއިން ރާއްޖެތެރެއަށް ފުޅާ ކުރުމަށްޓަކައި ފާއިތުވި އަހަރު ވަނީ ހއ. އުލިގަމުގެ ދަރިވަރުންގެ އިތުރުން ކުޅުދުއްފުށީގައި ވެސް މައުލޫމާތު ދިނުމުގެ ސެޝަން ތަކެއް ކުރިއަށް ގެންގޮއްސައެވެ.

އިންޓަނެޓު މެދުވެރިކޮށް ކުރާ ކުށްތައް ރާއްޖޭގައި ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުން ދާއިރު، ސޯޝަލް މީޑިއާގައި ބިރު ދެއްކުމާއި، ޒާތީ މައުލޫމާތުތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމާއި، އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުން ވެސް މި ވަނީ އިތުރުވެފައެވެ.

މިފަދަ ކުށްތަކުން ރައްކާތެރިވުމަށް ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރެއެވެ. އަދި މިފަދަ ކަމެއް ދިމާވެއްޖެ ނަމަ، ލަސްނުކޮށް އެ މައުލޫމާތު ހިއްސާ ކުރުމަށް ވެސް ފުލުހުން އެދެއެވެ.