ކުޑަގިރި ޕިކްނިކް އައިލެންޑަށް ދަތުރުކުރާ ފެރީގެ އަގަކީ ކޮޅަކަށް 25 ރުފިޔާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ކުޑަގިރި ހުޅުވުމަށް ވަމުންދާ އެންމެފަހުގެ ތައްޔާރީތައްް ބައްލަވާލެއްވުމަށް ފަހު ނައިބު ރައީސް ވިދާޅުވީ ކުޑަގިރިއަށް ދަތުރުދާ ފަރާތްތަކުން އެންޓްރޭންސް ފީއަށް ދައްކަން ޖެހޭނީ 50 ރުފިޔާ ކަމަށާއި ފެރީއަށް ދައްކަން ޖެހޭނީ ކޮޅަކަށް 25 ރުފިޔާ ކަމަށެވެ. އަދި 12 އަހަރުން ދަށުގެ ކުދިންނަށް ނަގަާނީ މި އަގުތަކުގެ ދެބައިކުޅަ އެއްބައި ކަމަށް ފައިސަލް ވިދާޅުވިއެވެ.
ނަމަވެސް ހަފްތާ ބަންދު އަދި ސަރުކާރު ބަންދު ދުވަސް ދުވަހު މުޅިން ހިލޭ ކުޑަގިރި އަށް ދެވޭނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. ފައިސަލް ވިދާޅުވީ، ބަންދު ދުވަސްތަކުގައި އެ ރަށް ބޭނުން ކުރެވޭނީ ހަމައެކަނި ދިވެހިންނަށެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑް ތަރައްގީ ކޮށްފައި ވަނީ އާންމުން ބޭނުން ކުރުމަށްޓަކައި ގިނަ ވަސީލަތްތަކެއް ހިމަނައިގެންނެވެ. އޭގެތެރޭގައި ޑޭ ޔޫސްގެ ގޮތުގައި 12 ކޮޓަރި، އާންމުން ބޭނުން ކުރުމަށް 13 ކުޑަ އަށްޓާއި ހަތަރު ބޮޑު އަށި، މިނީ ފުޓްބޯޅަ، ވޮލީ، އަދި ބާސްކެޓް ކޯޓުތައް، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭ އޭރިއާ އަދި އެއް ޑައިވް މަރުކަޒުގެ އިތުރުން މޫދު ކުޅިވަރު މަރުކަޒެއް ހިމެނެއެވެ.
މާލެ އާ ގާތްގަނޑަކަށް 10.5 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަގިރި، ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރަން ސަރުކާރުން ނިންމީ ސަރުކާރުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދާނެ ވައުދުތަކުގެ ދަށުންނެވެ.
ކުޑަގިރި ޕިކްނިކް އައިލޭންޑް ރަސްމީކޮށް މި މަހުގެ 11 ވަނަ ދުވަހު ހުޅުވާއިރު، ކުޑަގިރިއަށް ހާއްސަ މޯބައިލް އެޕްލިކޭޝަނުން ދަތުރު ދިއުމަށް ބުކްކުރުމާއި ދަތުރު ދާން ޖާގަ އޮތް ދުވަސްތަކާއި ޖާގަ ހުރި މިންވަރު ބެލޭނެއެވެ.
ކުޑަގިރިއަށް ގޮސް އައިސް ވާ ފެރީ އޮންނާނީ މާލެ އަދި ހުޅުމާލެ ފެރީ ޓަމިނަލުންނެވެ.