އިއްޔެ ރިކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގައި ތުރުކީއާއި ސީރިއާގެ ބޯޑަރަށް އައި ބިންހެލުމުގައި، 2 ގައުމުން ހާލުގަ ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި "އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން" (އޭއައިއެސް) އިން އެފުރުސަތު ހުޅުވާލައިފިއެވެ.

ބިމު އަޑިން 24 ކިލޯމީޓަރު ފުނަށް އައި މިބިންހެލުމުމުގެ ސަބަބުން ދެ ގައުމުގެ ޖުމްލަ 4300 އަށްވުރެ ގިނަ މީހުން މިހާރު މަރުވެފައި ވާއިރު ޒަހަމްވި މީހުންގެ އަދަދު ވަނީ 15000 އަށް ވުރެ މަތީގައެވެ. ބިމާ ހަމަވެފައިވާ ގެތަކުގެ ދަށުވެފައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުން ދާއިރު މިއަދަދު ބޮޑުތަނުން އިތުރުވެގެން ދާނެ ކަމަށް ބެލެވެއެވެ.

ތުރުކީ ބިންހެލުމުގައި ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ކައިރީގައި އޮފިޝަލުން ހަރކާތްތެރި ވަނީ

"ދަ ޕްރެސް" އަށް އޭއައިއެސްގެ ފަރާތުން މައުލޫމާތު ހިއްސާ ކުރަމުން ބުނީ މި ލިބިދޭ އެހީގެ ޒަރިއްޔާގައި ކުރެވިގެންދާނެ އެންމެ މުހިންމު އެއް ކަމަކީ ހާލުގައި ޖެހިފައި ތިބި ފަރާތްތައް ބަނޑުހައިހޫނުކަމުން ސަލާމަތްކުރުމަށްޓަކައި ކާބޯތަކެތި ތައްޔާރުކޮށް ތާޒާ ހޫނު ކެއުން އެފަރާތްތަކަށް ދިނުން ކަމުގައި ވާތީ އެންމެ އިސަކަމެއް މިވަގުތު ދޭނީ އެތަކެތި ފޯރުކޮށްދިނުމަށް ކަމަށެވެ.

އޭއައިއެސްގެ ޓީމެއް ތުރުކީ އަދި ސީރިއާގައި ހަރަކާތްތެރިވަމުން ދާ ކަމަށާއި މި ޓީމުގައި ދިވެހި އެހީތެރިއެއް ވެސް ހިމެނޭ ކަމަށް އެފަރަތުން މައުލޫމާތު ދިނެވެ. މިކަމުގައި ވީހާވެސް ގިނަ ދިވެހިންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާތީ ވެވެން އޮތް އެހީއެއް ފޯރުކޮށްދިނުމަށް އެދިފައި ވެއެވެ.

އޭއައިއެސްއަކީ ރާއްޖެއިން ބޭރުގައި ގުދުރަތީ ކާރިސާތަކުގެ އިތުރުން އެހެނިހެން ގޮތްގޮތުން ހާލުގައި ޖެހޭ އެކި ގައުމު ތަކުގެ މީހުންނަށް މީގެ ކުރިންވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމިއްޔާއެވެ. އަދި މި ޖަމިއްޔާގެ އެންމެ ބޮޑު އެއް އަމާޒަކީ އެންމެނަށްވެސް ދެމެހެއްޓެނިވި ރަނގަޅު ދިރިއުޅުމެއް ފޯރުކޮށް ދިނުމެވެ.

އެހީތެރިކަން ފޯރުކޮށްދިނުމަށް؛

ބީއެމްއެލް އިސްލާމިކް:

  • އެކައުންޓް ނަމްބަރު: 7770000062741
  • އެކައުންޓް ނަން: އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން
  • އެކައުންޓް ލޭބަލް: IAC | EMERGENCY

ހަބަރުތައް ބުނާގޮތުން ސީރިއާ ބޯޑަރުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ރަޝިއާގެ 300 ސިފައިން މިހާރުވެސް ހަރަކާތްތެރިވަމުން ދާކަމަށާއި 2 މިލިއަނެއްހާ މީހުން ދިރިއުޅޭ އެ ސަރަހައްދުން 338،000 މީހަކު ރައްކާތެރި ސަރަހައްދުތަކަށް ގެންގޮސްފައި ވާއިރު ގާކުނޑިތަކުގެ ދަަށުން ސަލާމަތް ކުރި މީހުންގެ އަދަދު 7،840 އަށް އަރައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން ފާއިތުވި 25 އަހަރުގެ ތެރޭގައި ރިކްޓާ މިންގަނޑުން 7 ގެ ބާރުމިނުގެ 7 ބިންހެލުމެއް ތުރުކީއަށް އައިސްފައި ވެއެވެ.