2023 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ދިޔަ ވަގުތު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ގެ މެމްބަރުން ހެންވޭރު ރޯޝަނީ ބިލްޑިންގް ސަރަހައްދުގައި މިއަދު ހެނދުނު ކުރި މުޒާހަރާގައި ނޫސްވެރިއަކަށް ހުރަސްއަޅާ ފުރައްސާރަ ކޮށްފައިވާ މައްސަލަ ޖުމްހޫރީ ޕާޓީން ކުށްވެރިކޮށްފިއެވެ.
ވީ ނިއުސްގެ ޖާނަލިސްޓްއެއް ކަމަށްވާ ޒިދާން ރިޔާޒު މުޒާހަރާ ކަވަރުކުރަން އެ ސަރަހައްދަށް ދިއުމުން އޭނާއަށް އަމާޒުކޮށް ފެންފުޅިތަކެއް އުކާފައިވާ ކަމަށާއި އަދި މިނޫންވެސް ގޮތްގޮތައް މަސައްކަތައް ހުރަސްއަޅާފައިވާ ކަމަށް ޒިދާން ބުނެފައި ވެއެވެ. ވާހަކަ ލިޔުމަށް ވެސް ޝައުގުވެރިކަން ހުންނަ ޒިދާން އިތުރަށް ބުނީ ނޫސްވެރިކަމުގެ މިނިވަންކަން ބޭނުން ކުރަމުން ދިޔައީ ހުދޫދުގެ ތެރެއިން ކަމަށާއި އިދިކޮޅުން މިފަދަ ފިނޑި އަމަލެއް ހިންގީތީ ހިތާމަ ކުރާކަމަށެވެ.
މި މައްސަލަ ކުށްވެރި ކުރައްވަމުން ޖޭޕީގެ ޗީޕް ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވީ، އެއްވެސް ތަނެއް އަދި ނޫސްވެރިޔެއް އިސްތިސްނާ ނުކޮށް، އެއްވެސް މިންވަރަކަށް ފުރައްސާރަކޮށް އެ ނޫސްވެރިއެއްގެ މަސައްކަތަށް ހުރަސް އެޅުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށާއި މިފަދަ އަމަލުތައް ބަލައި ނުގަންނާނެ ކަމަށެވެ.
މީގެ އިތުރުންވެސް މުޒާހަރާ ކޮންޓްރޯލް ކުރުމަށް އެސަރަހައްދުގައި ތިބި އެސްއޯ ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ޗެނަލް13ގެ ފޮޓޯގްރާފަރަކާއި ވީޑިއޯގްރާފަރަކަށް އަނިޔާވެ ބިންމައްޗަށް ވެއްޓުނުކަމަށް މަންޒަރުދުއް މީހުން ބުނެއެވެ. އޭގެތެރެއިން އެކަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށާއި އަދި އަނެކަކުގެ ހާލަތު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.
އަދި މި މުޒާހަރާގައި ޖުމްލަ 11 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާއިރު 4 މީހަކަށް އެކިވަރުގެ އަނިޔާތަށް ލިބިގެން ހޮސްޕިޓަލުން ފަރުވާދީފައި ވާކަމަށް ޕީޕީއެމް ގެ ފަރާތުން "ދަ ޕްރެސް" އަށް މައުލޫމާތު ދިނެވެ.
މިފަދަ މައްސަލަތައް މަދުންނަމަވެސް ފެންމަތިވަމުން އަންނައިރު ދާދި ފަހުން ވަނީ އިދިކޮޅުގެ ހަބަރުތައް ގެނެސްދޭ، ޗެނަލް 13ގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ)ގެ މަގާމުގައި ހުންނެވި ސަމާހު 30 ދުވަހުގެ މުއްދަތަށް އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް ގޭބަންދުވެސް ކޮށްފައެވެ.
އެކަމާ ގުޅިގެން ސަމާހު ބުނެފައިވަނީ މުޒާހަރާއަށް އޭނާ ދިޔައީ ޗެނަލް 13ގައި މަސައްކަތް ކުރާތީ މުޒާހަރާ ލައިވްކުރުމަށް ކަމަށާއި 12 ގަޑިއިރު ގޭ ބަންދެއްގައި ހުންނަން ޖެހޭ ގޮތަށް ޝަރުތުކޮށް އޭނާ ދޫކޮށްލާފައި ވީ ނަމަވެސް ކޯޓު އަމުރުގައި އެކަމުގެ ތަފްސީލް ހާމަކޮށްފައި ނުވާކަމަށެވެ.
އިދިކޮޅުން މުޒާހަރާތައް ކުރިއަށް ގެންދަނީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން މިދިޔަ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުގައި ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީންގެ މައްޗަށް އިއްވުމުންނެވެ. މި މުޒާހާރާތަކުގައި ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި އެމަނިކުފާނަށް ކުރާ އަނިޔާ ހުއްޓާލުމަށް އަންނަނީ ގޮވާލަމުންނެވެ.