ކުރިއަށް އޮތް 2 އަހަރު ތެރޭގައި ރާއްޖޭގެ 39 ރަށެއްގެ އިންޖީނުގެ ދުވާލު ހަތަރުދަމު ނިއްވާލެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލިހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން އަމާޒު ހިފާފައި ވަނީ ގުޅުންބޮޑު، ދިރުންހުރި، އެތެރޭގެ އިގްތިސޯދެއް އުފެއްދުމަށް ކަމަށެވެ، އަދި އިޖްތިމާ، އިގްތިސޯދީ އަދި އުމްރާނީ ބޮޑު ބަދަލަކަށްޓަކައި އިހަށް ކުރާންޖެހޭ ކަންކަން މިދައުރުތެރޭ ހިންގާ، ނިންމަމުންދާ ކަން ރައީސް ފާހަގަކުރެއްވިއެވެ.
މި ބަދަލު ގެނައުމަށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތް ފުރިހަމަވާންޖެހޭ ކަމަށާއި ހުރިހާ ރަށެއްގެ ހުރިހާ އިންޖީނުގެ އެރަށަކާ އެކަށޭނަ މިންވަރަށް ތަރައްގީކުރރަމުންދާ ކަމަށެވެ.
ރައީސް ވިދާޅުވީ، އެންމެ ބޭނުން ޖެހިފައިވާ 76 ރަށެއްގެ އިންޖީނުގެ މުޅިން އަލަށް ޒަމާނީ ފެންވަރަށް އިމާރާތްކޮށް ފުރިހަމަ ކޮށްފައިވާ ކަމަށާއި އަދި 144 ރަށެއްގެ އިންޖީނުގޭގައި 313 ޖެނެރޭޓާ ސެޓް އަލަށް ބެހައްޓާފައިވާ ކަމަށެވެ.
ހަކަތައަށް ގެނެވޭ އެންމެ ބޮޑު ދާއިމީ ހައްލަކީ އިއާދަ ކުރުވަނިވި ހަކަތަކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކަމަށްޓަކާ ހިންގޭ މަޝްރޫއުގެ ދަށުން ކުރިއަށް އޮތް 2 އަހަރު ތެރޭގާ ރާއްޖޭގެ 39 ރަށެއްގެ އިންޖީނުގެ ދުވާލު ހަތަރުދަމު ނިއްވާލެވޭނެ ކަމަށެވެ. އަދި އެ މަޝްރޫއު ފުރިހަމަ ވުމުން މުޅި ރާއްޖެއިން ތެލަށް ކުރާ ހަރަދު ކުޑަވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށަށް ކަރަންޓު ފޯރުކޮށްދިނުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުންނެވެ. މިދިޔަ 4 އަހަރުގެ ތެރޭގައި ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި އިންޖީނުގެތަށް މީހުން ދިރިނޫޅޭ ސަރަހައްދަށް ބަދަލުކޮށް، ޒަމަނީ ކަރަންޓުގެ ވިއުގަތަށް ރަށްރަށުގައި ފެނަކައިން އަންނަނީ ގާއިމުކުރަމުންނެވެ.
ފެނަކައިން އިންޖީނުގެތަކާއި ކަރަންޓު ވިއުގަ ގާއިމުކުރަނީ، ރަށްރަށުގައި އިތުރުވާނެ އާބާދީއަށް ބަލާ ހިދުމަތް ދެވޭނެ ކެޕޭސިޓީއާއެކުއެވެ. އާ އިންޖީނުގެތައް ތަރައްގީކުރުމުގެ މަސައްކަތަކީ، ފެނަކައިން އަތޮޅުތަކަށްދޭ ކަރަންޓުގެ ހިދުމަތް ޒަމާނީ ވިއުވައެއްގެ ތެރެއިން ދިނުމަށް ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެކެއް ކަމަށް އެކުންފުނިން ބުނެއެވެ.