ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ ތެރެއިން 17 ޕަސެންޓު މީހުން މަރުވަނީ ކެންސަރުގެ ސަބަބުން ކަމަށާއި، 2016 އިން ފެށިގެން 2019 އަށް 7،500 އެއްހާ މީހުން ކެންސަރަށް ފަރުވާ ހޯދާފައިވާ ކަމަށް، އެޗްޕީއޭ އިން ބުނެފިއެވެ.

ކޮންމެ އަހަރެއްގައި ވެސް ފެބްރުއަރީ 4 ވަނަ ދުވަސް ފާހަގަ ކުރަނީ ކެންސަރު ބައްޔާ ބެހޭ ދުވަހުގެ ގޮތުގައެވެ. ބައިނަލްއަގުވާމީ ފެންވަރުގައި އެ ދުވަސް ފާހަގަކުރަނީ ކެންސަރު ބައްޔާ މެދު މީހުންގެ މެދުގައި ހޭލުންތެރިކޮށް އިތުރުކޮށް، ބަލިން ރައްކާތެރިވެވޭނެ ގޮތްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.

ކެންސަރު ބަލީގައި ރާއްޖޭން ކޮންމެ އަހަރަކު އެތައް ބައެއް މަރުވާކަން ފާހަގަކޮށް، ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާ ހަވާލާދީ އެޗްޕީއޭ އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި:

  • ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 ޕަސެންޓު މަރުވަނީ ކެންސަރު ބަލީގައި
  • 2016 އިން 2019 އަށް 7،500 މީހުން ކެންސަރަށް ފަރުވާ ކޮށްފައިވޭ

އެޗްޕީއޭއިން ފާހަގަކުރި ގޮތުގައި، ފިރިހެނުންނަށް އާންމު ގޮތެއްގައި ޖެހެނީ ފުއްޕާމޭ، ޕްރޮސްޓޭޓް، ކޮލޮރެކްޓަލް، ބަނޑު، އަދި ފުރަމޭގެ ކެންސަރެވެ. އަދި އަންހެނުންނަށް އެންމެ ގިނައިން ޖެހެނީ އުރަމަތި، ކޮލޮރެކްޓަލް، ފުއްޕާމޭ، ސާވިކަލް، އަދި ތައިރޮއިޑް ކެންސަރު ކަން ވެސް އެ އޭޖެންސީން ފާހަގަކޮށްފައިވެއެވެ.

ކެންސަރު ޖެހުން، ދިރިއުޅުމުގެ ނޭދެވޭ އާދަތަކާ ގުޅިފައި

ކޮންމެ އަހަރަކު ވެސް ރާއްޖޭން މަރުވާ މީހުންގެ ތެރެއިން ކެންސަރު ބަލީގައި 17 ޕަސެންޓު މީހުން މަރުވާ ކަމަށް ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކާއިރު، ދިވެހިންގެ ކެއުން ބުއިމާއި، އެނޫންވެސް ދިރިއުޅުމުގެ އާދަކާދަތަކަށް ބަލާލާއިރު، އެ އަދަދުތައް ކުރިއަށް އޮތް ތަނުގައި އިތުރުވުން ވެސް އެއީ އެކަށީގެންވާ ކަމެކެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުމަށް ހުށަހެޅުން
  • އެކަށީގެންވާ މިންވަރަށް ހެލިފެލިވެ ނޫޅުމާއި ކަސްރަތުނުކުރުން
  • ކެއިންބުއިމުގެ އާދަކާދަތަކުގެ ސަބަބުން ބަރުދަން ހުންނަން ޖެހޭ ވަރަށް ވުރެ އިތުރުވުން
  • ދުފުން

ކެންސަރު ބަލިން ރައްކާތެރިވުމަށްޓަކައި، ކެއުމުގައި މޭވާ އާއި ތަރުކާރީ ފަދަ ސިއްހަތަށް ފައިދާހުރި ކާނާ ގިނައިން ބޭނުންކުރުމަށާއި، ގަވައިދުން ކަސްރަތުކޮށް ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށާއި، އަވިން ރައްކާތެރިވުން ފަދަ ކަންކަން ކުރުމަށް އެޗްޕީއޭ އިން އިރުޝާދު ދެއެވެ.