މީގެ ހަތަރު ދުވަސް ކުރިން އއ. މަތިވެރިން ވީނުވީއެއް ނޭނގި އުމުރުން 73 އަހަރުގެ ހަސަން އަލީ (ހަސަންފުޅު) ގެއްލުނު ވާހަކައަކީ އެ ރަށުގެ ރައްޔިތުންނަށާއި ހަސަންފުޅުގެ އާއިލާއަށް ކުއްލި ސިހުމެއް ގެނުވި ހަބަރެކެވެ. މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ރެއިން ފެށިގެން ހަސަންފުޅުގެ ހަބަރެއް ނުވެގެން އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ނުހުއްޓި ދަނީ ކުރިއަށެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ހަސަންފުޅުގެ ކާފަ ދަރިފުޅު ބުނީ، ކާފަ ނުފެނިގެން ހޯދުން ލަސްވީ ވެސް ކާފައަކީ ދޭތެރެދޭތެރެއިން ރަށުން ބޭރަށް ފުރައިގެންދާ މީހެއް ކަމުންނެވެ. ނަމަވެސް ކާފަގެ ހަބަރެއް ނުވެ ލަސްވުމުން ކާފަ ހޯދަން ފެށީ ކަމަށާއި އޭރު، އެގޭތެރޭގައި ހުރި ކާފަ ފީނަންދާ ދެ މާސްކެއް ނެތުމުން ކާފަ ފީނަން ދިޔައީ ކަމަށް ނިންމުނު ކަމަށެވެ.
ބައެއް މީހުން ބުނާ ގޮތުގައި ހަސަންފުޅު ކައިރި ރަށަކަށް ދިޔައީ ކަމަށް ވެސް ވެދާނެއެވެ. ނަމަވެސް އެކަން އޭނާގެ ކާފަ ދަރި ދޮގުކުރެއެވެ. ކާފަ އެހެން ރަށަކަށް ދިޔަ ނަމަ ފޯނާއި ވޮލެޓު ބާއްވާފައި ނުދާނެތީ އާއި އެކަމަކު ފީނަން ދާ ނަމަ ދާނީ އެތަކެތި ބަހައްޓާފައި ކަމަށް އޭނާ ފާހަގަ ކުރެއެވެ.
ގެއްލުނު ރޭ އެކަން ފާހަގަ ނުވި ނަމަވެސް ޖެހިގެން އައި ދުވަހުގެ ހެނދުނު ގޭތެރެއިން ކާފަގެ ވޮލެޓާއި ފޯނު ފެނުމުން ހޯދަން މަސައްކަތް ފެށީ އެހިސާބުން ކަަމަށް އޭނާ ބުނެއެވެ. އެ ގޮތުން އެންމެ ފުރަތަމަ އެ ރަށުން ކައިރީ ރަށްރަށަށް ފުރާ ލޯންޗުތަކާ ވާހަކަ ދައްކައި އެއިން އެއްވެސް ލޯންޗަކަށް ކާފަ އެރިތޯ ބެލި ކަމަށް އޭނާ ބުނެއެވެ. ނަމަވެސް އެއިން އެއްވެސް ލޯންޗަކަށް ކާފަ އަރާފައިވާ ކަމުގެ މައުލޫމާތެއް ނުލިބުނެވެ.
ދެން ރަށުތެރެއިން މީސްމީހުންނާ ސުވާލުކޮށް ބެލިބެލުމުގައި ޖެނުއަރީ 31 ވަނަ ދުވަހުގެ މެންދުރު ފަހު ރަށުތެރެއިން މީހުންނަށް ހަސަންފުޅު ފެނިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އާއިލާއިން ބުނެއެވެ. އެގޮތުން އާންމުކޮށް ހަސަންފުޅު ދަލެއް ހިފައިގެން ބަނދަރުމަތިން ކުނި ނަގަން ދާ ފަދައިން ޖެނުއަރީ 31 ވަނަ ދުވަހު ވެސް ދާ ހިފައިގެން ބަނދަރުމަތީ އުޅުނުތަން ބައެއް މީހުންނަށް ފެނުނު ކަމަށް ބުނެފައި ވެއެވެ. އަދި އެ ބުނާ ދާ އާންމުކޮށް ބާއްވާ ތަނުގައި ބާއްވާފައި އޮތް ކަމަށް ވެސް އާއިލާއިން ބުނެއެވެ. މިއީ އެންމެ ފަހުން ހަސަންފުޅު ފެނުނު ކަމަށް ބެލެވޭ މީހުން ކަމަށް ވެސް އާއިލާއިން ބުނެއެވެ.
ހަސަން ފުޅަކީ ވަރަށް ހިތްހެޔޮ އެންމެންނާ ވެސް ގުޅޭ މީހެކެވެ. އާއިލާއިން ބުނާ ގޮތުގައި ހަސަންފުޅަކީ އަބަދުވެސް އާއިލާ އާއި ރައްޓެހިންނަށް ގުޅައި ހާލު ބަލައި އޯގާތެރި މީހެކެވެ. ދުވަހަކުވެސް މީހަކާ ދެބަސްވެ އުޅޭ މަންޒަރު ނުފެންނަ ކަމަށް ބުނެއެވެ.
5 އަންހެން ކުދިންނާއި 5 ފިރިހެން ކުދިންނާއެކު ކާފަ ކިޔާ ގިނަ ދަރިންތަކެއް ތިބި ހަސަންފުޅަކީ އެ ރަށުގައި ދަނގަނޑުން ތަކެތި ހަދައިގެން ނުވަތަ ލޭތު މަސައްކަތުން އާމްދަނީ ހޯދަން މަސައްކަތް ކުރާ މީހެކެވެ. އެގޮތުން އޭނާ އަކީ އެ ރަށުގައި ނަގިލި ހަދަަން މަޝްހޫރު މީހެކެވެ.
މުޅި ރަށުގެ ރައްޔިތުން ނިކުމެ ރަށުތެރޭގައި ނުބަލާ ފަޅުގެއެއް، ގޯއްޗެއް، ވަލެއް ހުސްބިމެއް ނެތެވެ. އެންމެ ފަހުން ހަސަންފުޅު ހޯދުމަށް އެރަށުގެ ފަޅުތެރެ ވެސް ބަލައި ކައިރީގައި އޮތް ފިނޮޅާއި އެ ރަށުގެ ވަށަައި ކަނޑުގެ ސަރަހައްދު ވެސް ދަނީ ބަލަމުންނެވެ. އަދި އެ ރަށުގެ ކައިރީގައި ހުރި ފަޅުރަށްތައް ބަލާފައިވާ އިރު އެއިން ރަށަކުން ވެސް ހަސަންފުޅު ފެނިފައެއް ނުވެއެވެ.
މިއީ އެ އާއިލާއަށް ލިބިފައިވާ ފުން ހިތާމައިގެ ވަގުތެކެވެ. އަދިވެސް އާއިލާގެ އުންމީދަކީ ހަސަންފުޅު ގަދަވެ ސަލާމަތުން ހުއްޓާ ފެނުމެވެ. އަދި ހަސަންފުޅު ހެޔޮ ހާލުގައި ހުއްޓާ ފެނުމުގެ ހެޔޮ ތައުފީގު މިންވަރު ކުރައްވާތޯ ދުއާކޮށް ދިނުމަށް އެ އާއިލާ އާއި އެ ރަށުގެ ރައްޔިތުން އެދެއެވެ.