މާލޭ ސަރަހައްދުގެ ރައްޔިތުން ދަތުރު ދިއުމަށް ތަރައްގީ ކުރާ ކ. ކުޑަގިރި ޕިކްނިކް އައިލޭންޑަށް ހާއްސަ އެޕްލިކޭޝަން އެއް ތައްޔާރުކޮށް ލޯންޗްކޮށްފިއެވެ.

މިއަދު ލޯންޗްކުރި މި އެޕް މެދުވެރިކޮށް ކުޑަގިރި ޕިކްނިކް އައިލޭންޑް ގެ އެންމެ ފަހުގެ މައުލޫމާތުތައް ލިބިގެންދާނެ ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. މި އެޕް އާންމުކޮށް ހުޅުވާލި ނަމަވެސް ކުޑަގިރީގެ ބުކިންއަށް އަދި ހުޅުވާލާފައެއް ނުވެއެވެ.

އެޗްޑީސީއިން ކުޑަގިރީގެ ހިދުމަތްތައް ވީހާ ވެސް ލުއި ފަސޭހަ ގޮތަކަށް ދިނުމަށް ހުޅުވާލި މި މޯބައިލް އެޕްލިކޭޝަން (ކުޑަގިރި ޕިކްނިކް އައިލޭންޑް) ގޫގްލް ޕްލޭ ސްޓޯ އަދި އެޕަލް އެޕް ސްޓޯއިން ޑައުންލޯޑް ކުރެވޭނެއެވެ. އެޕް ޑައުންލޯޑްކޮށް ރަޖިސްޓްރީ ކުރުމުން ކުޑަގރިއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ނޮޓީފިކޭޝަން އޮންކޮލެވޭނެއެވެ.

ކުޑަގިރި ޕިކްނިކް އައިލޭންޑް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

ކުޑަގިރި ޕިކްނިކް އައިލޭޑް ތަރައްގީ ކުރަމުން ދަނީ އާންމުން ބޭނުން ކުރުމަށްޓަކައި ގިނަ ވަސީލަތްތަކެއް ހިމަނައިގެންނެވެ. އޭގެތެރޭގައި ޑޭ ޔޫސްގެ ގޮތުގައި 12 ކޮޓަރި، އާންމުން ބޭނުން ކުރުމަށް 13 ކުޑަ އަށްޓާއި ހަތަރު ބޮޑު އަށި، މިނީ ފުޓްބޯޅަ، ވޮލީ، އަދި ބާސްކެޓް ކޯޓުތައް، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭ އޭރިއާ އަދި އެއް ޑައިވް މަރުކަޒުގެ އިތުރުން މޫދު ކުޅިވަރު މަރުކަޒެއް ހިމެނެއެވެ.

މާލެ އާ ގާތްގަނޑަކަށް 10.5 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަގިރި ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރުމަށް ސަރުކާރުން ނިންމާފައި ބަނީ ސަރުކާރުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދާނެ ކަމަށް ބުނި ވައުދުތަކުގެ ދަށުންނެވެ.