މި މަހުގެ 11 ވަނަ ދުވަހު ކުޑަގިރި ރަސްމީކޮށް ހުޅުވާލާނެ ކަމަށް، ރައީސް އޮފީހުން މިއަދު ބުނެފިއެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށްޓަކައި ތަރައްގީކުރަމުންދާ ކުޑަގިރީގެ މަސައްކަތްތައް ނިމި، ހުޅުވާލަން ތައްޔާރު ވެފައިވާ ކަމަށް އެޗްޑީސީން ބުނީ މިދިޔަ މަހުގައެވެ. ނަމަވެސް ސީދާ ތާރީހެއް އެ ކޯޕަރޭޝަނުން އޭރު ހާމައެއް ނުކުރެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ މި މަހުގެ 11 ވަނަ ދުވަހު ކުޑަގިރި އާންމުންނަށް ހުޅުވާލާނެ ކަން ހާމަކުރައްވާފައެވެ. އަދި އަންނަ ހޮނިހިރު ދުވަހު އޮލިމްޕަސް އަލުން ހުޅުވާލާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ސަރުކާރުން އެންމެ ފުރަތަމަ ނިންމާފައިވަނީ މިދިޔަ ޖުލައި 26 ގައި ކުޑަގިރި ހުޅުވުމަށެވެ. ނަމަވެސް މަސައްކަތްތަކެއް ހުރި ކަމަށް ބުނެ، ކުޑަގިރި ހުޅުވުން ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ. އެކަމަކު ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިދިޔަ އޮކްޓޯބަރު މަހު ވިދާޅުވީ، ނޮވެމްބަރު މަހުގެ ތެރޭގައި ކުޑަގިރި އާންމުންނަށް ހުޅުވާލާނެ ކަމަށެވެ. ނަމަވެސް އަހަރު ނިމުނު އިރު ވެސް ކުޑަގިރި ހުޅުވާލެވިފައެއް ނުވެއެވެ.

މާލެ އާ ގާތްގަނޑަކަށް 10.5 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަގިރި ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރުމަށް ސަރުކާރުން ނިންމާފައި ބަނީ ސަރުކާރުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދާނެ ކަމަށް ބުނި ވައުދުތަކުގެ ދަށުންނެވެ.