ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް ޔާމީންގެ ނަން އޮންނަވާނެކަމުގެ 100 ޕަސެންޓް ޔަގީން އެބަ އޮތް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިފަދައިން ވިދާޅުވީ ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ ފަރާތުން "ހޯޕް" (އުންމީދާއެކު) ގެ ނަމުގައި މިއަދު ފެށި ކޮންފަރެންސްގައި ވާހަކަދައްކަވަމުންނެވެ.

އަދުރޭ ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަނުކުރެއްވިއްޖެ ނަމަ ކުރިމަތިލައްވާނެ ބޭފުޅަކާ ބެހޭ ގޮތުން ގިނަ ބަޔަކު ސުވާލުކުރައްވާ ކަމަށާއި އެހެންނަމަވެސް 2023 ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ކުރިމަތި ލެއްވޭނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބަ އޮތް ކަމަށެވެ. އަދި އިސްތިއުނާފުގެ މަރުހަލާގައި ރައީސް ޔާމީން މިނިވަންވެވަޑައިގެންނަވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މާޔޫސް ވެވަޑައިނުގަންނަވާ، ދިވެހި ގައުމު އަޅުވެތި ކަމަށް ދިއުމަށް ދޫކޮށްނުލައްވާ، ދިވެހި ގައުމުގެ މިނިވަން ކަމަށްޓަކައި ފަހު ނޭވާއާ ޖެހެންދެންވެސް މަސައްކަތް ކުރެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި މި ވަރުގަދަ ކޮންފަރެންސް ފެށިގެންދާއިރު މިއީ އުފާވެރިނޫން ކޮންފަރެންސްއެއްގެ ގޮތުގައި އަދުރޭ ވަނީ ފާހަގަކުރައްވާފައެވެ.

އަދުރޭ ވިދާޅުވީ މި ކޮންފަރެންސް އުފާވެރި ނުވަނީ މި ސަރުކާރުގެ އަނިޔާވެރިކަމުގެ ސަބަބުން ކަމަށާއި މި ކޮންފްރެންސްއަކީ ރައީސް ޔާމީން ހުންނަވަނިކޮށް ބާއްވަން ނިންމާފައިވާ ކޮންފްރެންސްއެއް ނަމަވެސް ކޮންޕްރެންސްގެ ތައްުޔާރީތައް ކުރިއަށްދަނިކޮށް ރައީސް ޔާމީން ޖަލަށް ހުކުމްކުރެއްވީ ކަމަށެވެ.

ދާދިފަހުން ޕާޓީގެ ލީޑާސިޕުން ރައީސް ޔާމީނާ ބައްދަލުކުރެއްވިކަން ފާހަގަކުރައްވާ އަދުރޭ ވިދާޅުވީ އެންމެ ބޭނުންވީ ރައީސް ޔާމީންގެ އަތްޕުޅުން ލިޔުއްވާފައިވާ ލިޔުމެއް ނަމަވެސް އެކަމަށް އެދިވަޑައިގެން ނަމަވެސް އެކަމަށް ގާނޫނު ތަން ނުދޭތީ އެކަން ނުވީ ކަމަށެވެ.

ރައީސް ޔާމީން އަބަދުވެސް ވިދާޅުވީ އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަކަކޫ ނުޖެއްސުމަށާއި އަޅުވެތި ކަމަށް ކުރިމަތި ކުޑަކޮށްވެސް މަޑުނުޖެއްސެވުން ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.

3 ދުވަހުގެ މުއްދަތައް ދަރުބާރުގޭގައި ކުރިއަށްގެންދާ މި ކޮންފަރެންސްގައި 1057 އަށްވުރެ ގިނަ މެމްބަރުން މާލެއާއި އަތޮޅުތެރެ ހިމެނޭހެން ބައިވެރިވާ ގޮތަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި ދާއިރާ ރައީސުން، ދާއިރާ ނައިބު ރައީސުން، ޒުވާނުންގެ ރައީސުން، އަންހެނުންގެ ރައީސުން، ސެނެޓަރުން، ކައުންސިލަރުންގެ އިތުރުން ޑަބްލިއުޑީސީގެ މެމްބަރުން ހިމެނެއެވެ.