ރާއްޖޭގެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ދަށުން ވިލިމާލޭގައި ދެމުން ގެންދާ އީވީ ބަހުގެ ހިދުމަތުން އަގު ނަގަން ނިންމައިފިއެވެ.

އެމްޓީސީސީ އިން ބުނީ މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން އަގުނަގަން ފަށާނެ ކަމަށެވެ. އާރްޓީއެލް އިން ވިލިމާލޭގައި އީވީ ބަހުގެ ހިދުމަތް 24 ގަޑިއިރު ދެމުން އަންނައިރު މި ހިދުމަތަށް ކަނޑައަޅާފައިވާ އަގަކީ 5 ރުފިޔާއެވެ.

ފައިސާ ދައްކާނީ ކިހިނެއް؟

ވިލިމާލޭގައި ދެމުން އަންނަ ބަހުގެ ހިދުމަތަށް ތިން ގޮތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މި ގޮތުން އާރްޓީއެލް މޯބައިލް އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮށް ކިޔުއާރް ޓިކެޓް ނެގޭނެއެވެ. އަދި ކޮންކްޓެކްޓްލެސް މާސްޓާކާޑް އަދި ވިސާ ޑެބިޓް ކާޑް ނުވަތަ ކްރެޑިޓް ކާޑް ބޭނުންކޮށްގެން ވެސް ޓިކެޓް ނެގޭ އިރު ބަހުން ކަރުދާސް ޓިކެޓުވެސް ވިއްކާނެއެވެ.

ކަަރުދާސް ޓިކެޓް ގަންނަން ހަދަންޖެހޭނީ ކިހިނެއް؟

އިސް ރަށްވެހީންނަށް ފަސޭހަ ކޮށްދިނުމަށް ވިއްކާ ކަރުދާސް ޓިކެޓް ލިބޭނީ ބަހުންނެވެ. ކަސްޓަރުން ގަންނަ ޓިކެޓުގެ ފައިސާ ލާނެ ހާއްސަ ފޮއްޓެއް، ބަސްތެރޭގައި ބަހައްޓާފައި ހުރެއެވެ. އެހެންނަމަވެސް ބަސް ތެރޭގައި ފައިސާ މާރުކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ނެތުމާއެކު، ސީދާ ޓިކެޓުގެއަގު ހަމަވާނެހެން ފައިސާ ގެނައުމަށް އެމްޓީސީސީ އިން ވަނީ އެދިފައެވެ. އެމްޓީސީސީ އިން ބުނީ ބަހުގައި ފައިސާ މާރުކުރެވެން ނުހުންނަ މައިގަނޑު ސަބަބަކީ ކަސްޓަމަރުންގެ ވަގުތު ސަލާމަތް ކުރުމަށާއި، ބަހުގެ ޝެޑިއުލަށް ބުރުލެއް އެރިޔަ ނުދިނުން ކަމަށެވެ.

ކިޔުއާރް ޓިކެޓް ބޭނުން ކުރާނީ ކިހިނެއް؟

އެޕު ނުވަތަ އޮންލައިންކޮށް ގަންނަ ކިޔުއާރް ޓިކެޓް ސްކޭން ކުރުމަށްޓަކައި ބަހަށް އެރުމަށް ފަހު، ޓިކެޓް ވެލިޑޭޓް ކުރުމަށް ކަނޑައެޅިފައިވާ މެޝިނަށް ދިމާކުރުމަށް ފަހު ސްކޭން ކޮށްލަން ޖެހެއެވެ. މީގެ އިތުރުން، ދުނިޔޭގެ ކޮންމެ ބޭންކެއްގެވެސް ކޮންޓެކްޓްލެސް މާސްޓާކާޑް އަދި ވިސާ ބްރޭންޑުގެ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑެއް އަތުގައި އޮވެއްޖެނަމަ އާރްޓީއެލް ވިލިމާލެ ބަހުގެ ހިދުމަތުގައި ވެސް ޓެޕް އެންޑް ޕޭ މެތަޑުން ފައިސާ ދެއްކޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ،

އާރްޓީއެލް މެދުވެރިކޮށް ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ގުޅުވާލުމަކީ ސަރުކާރުގެ އަމާޒެކެވެ. މިގޮތުން މާލޭ ސަރަހައްދުގައި ބަހުގެ ހިދުމަތް މިހާރުވެސް ހުޅުމާލެ އަދި މާލޭގައި އެކުންފުނިން ދެމުން އަންނައިރު ވިލިމާލޭގައި ބޭނުން ކުރާ ބަސްތަކަކީ ޖުމްލަ 15 މީހުންގެ ޖާގަ ހިމެނޭ ބަސްތަކެވެ.