އއ. މަތިވެރިން ގެއްލިގެން ހޯދަމުން ދާ އުމުރުން 73 އަހަރުގެ ހަސަންފުޅު ހޯދުމަށް މުޅި ރަށުތެރެ ބަލައި ފަޅުތެރެ ވެސް ބަލައިފި ކަމަށާއި އަދިވެސް އޭނާ ނުފެންނަ ކަމަށް ކައުންސިލުން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ ރަށު ކައުންސިލުން ބުނީ، އޭނާ ގެއްލިގެން ހޯދަނީ ރެއިން ފެށިގެން އޭނާގެ ހަބަރެއް ނުވެގެން ކަމަށެވެ. ހަސަންފުޅަކީ އަމިއްލަ މަސައްކަތެއް ކުރާ މީހެއް ކަމަށާއި އެއްވެސް މަސައްކަތެއްގައި ރަށުން ބޭރަށް ދިޔަ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ކައުންސިލުން ބުނެއެވެ.

މިއަދު އޭނާ ހޯދުމަށް މުޅި ރަށުތެރެ ބަލާފައިވާ ކަމަށާއި އެކަމުގައި ރަށުގެ ހުރިހާ ރައްޔިތުން ބައިވެރިވެފައިވާ ކަމަށް ކައުންސިލުން ބުނެއެވެ. ހަމައެއާއެކު ރަށުގެ ފަޅުތެރެވެސް ބަލާފައިވާ ކަމަށާއި އެމްއެންޑީއެފްއާ އެކު ރަށުގެ ފަޅުތެރެ ފީނައިގެން ބެލިބެލުމުން ވެސް ހަސަންފުޅު ފެނިފައި ނުވާ ކަމަށް ކައުންސިލުން ބުނެއެވެ.

ފީނައިގެން އެ ރަށުގެ ފަޅުތެރެ ބަލާފައި ވަނީ، މީގެ ކުރިން ވެސް އެކަނި މަސްބާނަންށާއި ދާ އަޅަން ހަސަންފުޅު ދާ ކަމަށް ބެލެވޭތީއެވެ. އަދި ހަސަންފުޅު ދިރިއުޅޭ ގޭ ތެރެއިން ފީނަން ބޭނުން ކުރާ މާސްކެއް މަދުވާ ކަމަށް ބުނެފައިވާތީ އޭނާ ފީނަން ދިޔައީ ކަމަށް ލަވާ ކުރެވޭތީއެވެ.

އެންމެ ފަހުން އޭނާ ފެނުނު ކަމަށް ބައެއް މީހުން ބުނަނީ އިއްޔެ އަސްރު ނަމާދު ވަގުތުގައި ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދިން ގޮތުަގައި އުމުރުން 73 އަހަރުގެ ފިރިހެނަކު ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓެއް މިއަދު ހެނދުނު 9:35 އެހާއިރު ލިބިގފައިވާ ކަމަށާއި އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ