ރޭގަނޑުގެ ވަގުތެއްގައި އީރާނުގެ އާންމު ތަނެއްގައި ޑާންސް ކޮށްލި ނުވަތަ ނަށާލި ދެލޯބިވެރިން 10 އަހަރަށް ޖަލަށްލައި އިންޓަނެޓް ބޭނުން ކުރުން މަނާ ކޮށް 2 އަހަރަށް އީރާނުން ނުކުތުންވެސް މަނާކޮށްފިއެވެ.

އީރާނުގެ ވެރިރަށް ތެހެރާންގެ އާޒާދީ ޓަވަރު ފެންނަ ގޮތަށް އެ ދެމީހުން ނަށާލައި ވީޑިއޯއެއް ކޮށް ސޯޝަލްމީޑިއާ އަށް ލުމާއެކު އެކަން އީރާނުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައުމުން ހައްޔަރު ކުރިއެވެ.

އުމުރުން 20 އިން މައްޗަށް ގޮސްފައި ވާ އާމިރު މުހައްމަދު އަހްމަދީ އާއި އަސްތިޔާޒު ހަގީގީ އެކުގައި ނަށާލައި އާންމު ކުރި ވީޑިއޯ މައްސަލައިގައި ހައްޔަރު ކުރީ މިދިޔަ ނޮވެމްބަރުގައެވެ. އެ ދެމީހުންގެ މައްޗަށް ހިންގި ޝަރީއަތުގައި ބުނެފައި ވަނީ ބިމުގައި ފަސާދަ އުފައްދާ އާންމު އާންމު ތަނެއްގައި ޖިންސީ ހަރަކާތަކަށް ހިއްވަރު ދީފައި ވާ ކަމަށެވެ. އަދި އެ ދެމީހުން ހިންގި އަމަލަކީ، އެގައުމުގައި ގަބޫލު ކުރާ އިސްލާމީ ހަމަތަކާ ދެކޮޅު ޝިއާރުތައް ފެތުރުން ކަމަށް ވެސް ބުނެފައި ވެއެވެ.

އީރާނަކީ އަންހެނުން ހެދުން އެޅުމުގައާއި އާންމު ތަންތާނގައި އަންހެނުންނާއި ފިރިހެނުން ގައިގޯޅި ވުން މަނާ ކޮށް ހަރުކަށި އަދަބު ދެވޭ ގޮތަށް ގާނޫނުތައް ހަދާފައި ހުންނަ ގައުމެކެވެ. އާންމު ވި ވީޑިއޯގައި ހަގީގީ ފެންނަނީ ބުރުގާ ނާޅާ ހުއްޓައެވެ.

އީރާނުގައި ބުރުގާ އަޅާ ގޮތުގެ މައްސަލައިގައި ދާދި ފަހުން ހައްޔަރު ކުރި އުމުރުން 22 އަހަރުގެ މާޝާ އަމީނީގެ މަރާއެކު ބޮޑެތި މުޒާހަރާތަކެއް ކޮށްފައި ވާ އިރު، އެ މުޒާހަރާތަކުގައި ބައިވެރިވި މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކޮށް، ޝަރީއަތް ހިންގާ ގިނަ ބަޔަކު މަރާވެސް ލައިފިއެވެ.

މި މައްސަލަތަކާ ގުޅިގެން ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ފަޑުކިޔުން އީރާން ސަރުކާރަށް އަމާޒުވަމުން ދާ އިރު އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތަތްކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް އީރާނުގެ ސިޔާސަތުތައް ބަދަލުކުރަން ގޮވާލާފައެވެ.