ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށްޓަކައި އެ އެއާޕޯޓުގައި ރޭގަނޑަށް ތާވަލު ކޮށްފައިވާ ދަތުރުތައް ވަގުތީ ގޮތުން މެދު ކަނޑާލަން ނިންމާފަައި ވާ ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.
ކުރިއަށް އޮތް މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިގޮތަށް އަމަލު ކުރަން ހަމަޖެހިފައިވާ ކަމަށާއި، އެގޮތުން ޓްރެވިންޑްރަމްއާއި ދޭތެރޭ ކުރަން ހަމަޖެހިފައިވާ ދަތުރުތައް ވެސް ވަގުތީ ގޮތުން މެދު ކަނޑާލެވިގެންދާނެ ކަމަށް އެކުންފުނިން މައުލޫމާތު ދިނެވެ.
އަދި މިކަމުން ދިމާވެދާނެ ދަތިތަކަށް އެކުންފުނިން މާފަށް އެދިފައިވާއިރު މީގެ އިތުރުން މާޗް 1 ގެ ފަހުން ޓިކެޓް ގަނެފައިވާ އެންމެހާ ކަސްޓަމަރުން މޯލްޑިވިއަންގެ ކޯލްސެންޓަރު މެދުވެރިކޮށް ދަތުރުގެ ކަންކަން ހަމަޖެއްސުމަށް އެކުންފުނިން އިލްތިމާސް ކުރެއެވެ. މޯލްޑިވިއަންގެ ކޯލްސެންޓަރު ނަންބަރަކީ 1671 އެވެ.
ބޮޑުތިލަދުންމައްޗަށް ނިސްބަތްވާ ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމަކީ މާލެއިން ބޭރުގައި ކުރެވޭ އެންމެ ބޮޑު އެއް އިންވެސްޓްމެންޓު ކަމަށް، މި ސަރުކާރުން ފާހަގަ ކޮށްފައި ވެއެވެ. އަދި މި މަޝްރޫއަކީ ޖުމްލަ 136.6 މިލިއަން ޑޮލަރުގެ ބޮޑު ބިޔަ މަޝްރޫއެއް ކަމަށާއި މިމަޝްރޫއު ހިންގުމަށް ބޭނުންވާ ފައިސާ ހުރީ ހަމަޖެހި ނިމިފައި ކަމަށް މީގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.
1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޒަމާނީ ރީތި ފަސިންޖާ ޓާމިނަލް ހިމެނޭ މި މަޝްރޫއުގައި ހަދާ 2.46 ކިލޯ މީޓަރުގެ އާ ރަންވޭ އަކީ ދުނިޔޭގެ ބައްރު ތަކުން ގިނަ ފަސިންޖަރުން އުފުލޭނެ ބޮޑެތި މަތިންދާ ބޯޓު ފަހަރަށް އަޅާ ރަންވޭއެއް ކަމަށާއި މީގެ އިތުރަށް ބައިނަލްއަގުވާމީ އެއާޕޯޓަށް ބޭނުންވާ ހުރިހާ ވަސީލަތްތައް ހަނިމާދޫގައި ގާއިމް ކުރާނެކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
މަސައްކަތް ހަވާލުކުރީ ކޮން ބަޔަކާތޯ އެވެސް ރައްޔިތުންނަށް އެނގެން ބޭނުންވާ ކަމެކޭ