ކޮންމެ 50،000 އަހަރަކުން ނޫނީ ދުނިޔެއަށް ނުފެންނަ "ގްރީން ކޮމެޓް" ބަލާލުމުގެ އިންތިޒާމު މާލޭ ސަރަހައްދުގައި ހަމަޖައްސައިފިއެވެ.

"ގްރީން ކޮމިޓަކީ" ވަކި ބާވަތެއްގެ ހިލަތަކުން ދޫކުރާ ވަކި ގޭސްތަކެއް، އިރުގެ އަލްޓްރާވައިލެޓް ދޯދިތައް އެކުވެ ދުނިޔެ މައްޗަށް އަރާ ފެހި ކުލައެއްކަން މިހާތަނަށް ހޯދި ހޯދުންތަކުން ދައްކައެވެ. މި ހާއްސަ ހޯދުންތައް، ފަލަކީ އިލްމުވެރިން ފުރަތަމަ ފަހަރަށް ދެނެގަތީ ނިމިދިޔަ 2022 ވަނަ އަހަރުގެ މާޗް ދެވަނަ ދުވަހު ޒްވިކީ ޓްރާންސިއެންޓް ފެސިލިޓީ ޓެލެސްކޯޕް ބޭނުންކޮށްގެން ސެން ޑިއޭގޯގެ ކަލްޓެކްގެ ޕަލޯމާ އޮބްޒަވޭޓަރީގައެވެ.

މި ކޮމިޓް އާންމުންނަށް ދައްކާލުމަށްޓަކައި، ކުރިއަށް ގެންދާ އިވެންޓް ރާވާހިންގުމުގެ އިސްކޮށް އުޅުއްވާ ފަރާތެއް "ދަ ޕްރެސް" އަށް މައުލޫމާތު ހިއްސާކުރަމުން ބުނީ، މި ރީތި މަންޒަރު މާލެއިން ބަލާލަން ބޭނުންވާ މީހުންނަށް ސްޕޭސްކެޓުގެ ފަރާތުން ވަނީ އެ ފުރުސަތު އެއްވެސް އަގަކާ ނުލާ ބަލާލެވޭނެ އިންތިޒާމު ހަމަޖައްސަދީފައިކަމަށެވެ.

އެގޮތުން މާލެ މަސްވެރިންގެ ޕާކު ސަރަހައްދުގައި މިރޭ 8:00 އިން ފެށިގެން ޓެލެސްކޯޕެއް ބަހައްޓާފައި ހުންނާނެކަމަށާއި ހުރިހާ އެންމަނަށް ވެސް ކޮމެޓް ބަލާލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މީގެ އިތުރުން މާދަމާ ރޭ 8:00 އިން ފެށިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވޯލްޑް ކަޕްގެ މެޗުތައް އެޅުވި ހުސްބިން ސަރަހައްދުގައި ވެސް ޓެލެސްކޯޕެއް ބަހައްޓާނެކަމަށް މައުލޫމާތު ދިނެވެ.

މިރެއިން ފެށިގެން ފެބްރުއަރީ 8 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ އެކި ހިސާބުތަކަށް މި ކޮމެޓް ފެންނާނެކަމަށް ލަފާކުރެވޭއިރު އަނދިރިކޮށް އޮންނަ ސަރަހައްދުތަކުން ހަމަ ލޮލަށް ވެސް މި ކޮމެޓް ފެނުން އެކަށީގެންވެއެވެ.

ސްޕޭސްކެޓަކީ މީގެ އެއް އަހަރު ކުރިން 5 މެމްބަރުންގެ މައްޗަށް އެކުލެވިގެންދިޔަ ގްރޫޕް އެއްކަމަށާއި، މި ގްރޫޕްގެ އެންމެ ބޮޑު އެއް އަމާޒަކީ ދިވެހިންގެ މެދުގައި ޖައްވާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން މިދާއިރާއިން ކުރިއަށް ދާންބޭނުންވާ ކުދިންނަށް އެފުރުސަތު ފަހިކޮށްދިނުމެވެ.

އެގޮތުން ދާދި ފަހުން ރާއްޖޭގެ ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލްގައި މި ޓީމުގެ ފަރާތުން މައުލޫމާތު ފޯރުކޮށްދިނުމަށް ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވާނެ ކަމަށް މައުލޫމާތު ދިނެވެ. މީގެ އިތުރުންވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި އެސްޓްރޯ ޓޫރިޒަމް ފެތުރުމަކީ މައިގަނޑު އެއް ބޭނުންކަމުގައި ސްޕޭސްކެޓުން މައުލޫމާތު ދިނެވެ.