އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކަން އިޒްރޭލާއި ފަލަސްތީނަށް ކުރައްވާ ދަތުރުގައި އިއްޔެ އިޒްރޭލަށް ވަޑައިގެންފައި ވާ އިރު، އިޒްރޭލުން ފަލަސްތީނުގެ ބިންތައް ހިފައި، މުސްލިމުން ޝަހީދު ކުރާ މައްސަލަ ކުށްވެރި ކުރައްވާކަށް ކެރިވަޑައެއް ނުގަތެވެ.

އޭގެ ބަދަލުގައި އޭނާ ތަކުރާރު ކުރެއްވީ، ދެ ދައުލަތެއް ގާއިމު ކުރުމަށް ބާރު އަޅާ އެމެރިކާއިން ދައްކާ ވާހަކަތަކެވެ.

ޔަހޫދީ އިޒްރޭލުން ފަލަސްތީނުގެ އެކި ތަންތަނަށް ބޮން އަޅާ މިސައިލް ހަމާދީ އަދި ބަޑިޖަހާ އެތައް ބަޔަކު ޝަހީދު ކުރަމުން ދާ މިދަނޑިވަޅުގައި ބްލިންކަން އިޒްރޭލަށް ވަޑައިގެން، އެމެރިކާ އާއި އިޒްރޭލުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމާއި އެމެރިކާއިން އިމެއް ނެތި އިޒްރޭލަށް ކުރާ ތާއީދު ދަމަހައްޓަވާނެ ކަަމަށް ވިދާޅުވިއެވެ. އޮފީހާ ހަވާލުވެވަޑައިގެން އިންސާނީ ހައްގުތަކަކީ އެންމެ އިސްކަން ދެއްވާނެ ސިޔާސަތުކަމަށް ވިދާޅުވި ބްލިންކަން އަށް އިޒްރޭލުން ހިންގާ ލާ އިންސާނީ އަމަލުތައް ފެނިވަޑައި ނުގަތުމުން އެކިއެކި ފަރާތްތަކުގެ ފާޑުކިޔުން އޭނާ އަށް ވަނީ އަމާޒު ވެފައެވެ.

އެގޮތުން ސެންފްރެންސިސްކޯގެ ގާނޫނީ ކޮލެޖްގެ ފްރޮފެސަރު ޖޯޖް ބިޝާރަތް ވިދާޅުވީ، ފަލަސްތީނު ރައްޔިތެއްގެ ފުރާނަ އެމެރިކާއަށް މުހިންމު ނުވާ ކަމަށާއި އެމެރިކާއަށް މުހިންމު ވަނީ މެދުއިރުމަތީގައި އެމެރިކާއިން ދަމަހައްޓަން ބޭނުންވާ ސިޔާސަތު އެކަނި ކަމަށެވެ. އެ ސިޔާސަތު ދެމެހެއްޓުމަށް އިޒްރޭލަކީ އެމެރިކާއަށް މުހިންމު ބައިވެރިއެއް ކަމަށާއި އެހެން ކަމުން އެމެރިކާއަށް ފަލަސްތީން މުހިންމު ނުވާނެ ކަމަށެވެ.

އިޒްރޭލުން ފަލަސްތީންގެ ޖެނީން އަށާއި ހުޅަނގު އައްސޭރިއަށް ހަމަލާތައް ދީ އެތައް ބަޔަކު ޝަހީދު ކޮށް، ގެދޮރުން ނެރުމުގެ ސިޔާސަތު ތަންފީޒު ކުރަމުން ދާ މި ދަނޑިވަޅަކީ މިއީ، ނަތަންޔާހޫގެ އާ ދައުރުގައި ހަނުރާމައިގެ ޖަރީމާތައް އެންމެ ފުޅާ ކޮށްފައި ވާ ދަނޑިވަޅެވެ.

އިޒްރޭލުގެ ބައި ނިންމަވާލެއްވުމަށް ފަހު ބްލިންކަން މިއަދު ފަލަސްތީނުގެ ރާމައްލޯ އަށް ވަޑައިގަންނަވާނެއެވެ. އަދި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އާ ބައްދަލު ކުރައްވާނެ ކަމަށާއި އެ ބައްދަލު ކުރެއްވުމުގައި، ބައެއް ކަންކަމަށް ޑިމާންޑް ކުރައްވާނެ ކަމަށް ހަބަރުތައް ބުނެއެވެ. އެގޮތުން އިޒްރޭލާއި ފަލަސްތީނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ފަލަސްތީނުގެ ފަޅިން ހުއްޓުވުމަށާއި، ޔަހޫދީ ލީޑަރު، ނަތަންޔާހޫއާ ދެކޮޅަށް އދ އާއި ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރާ ބައިނަލްއަގުވާމީ ކޯޓަށް މައްސަލަތައް ހުށަނޭޅުމަށް އެދިވަޑައިގަތުން ހިމެނެއެވެ.

ބްލިންކަން އިޒްރޭލަށް ވަޑައިގެން މި ދަނޑިވަޅަކީ، އިޒްރޭލުގެ މޮސާޑުން އީރާނުގެ އަސްކަރީ މަމާގުތަކަށް ޑްރޯން ހަމަލާއެއް ވެސް ދީފައި ވާ ވަގުތެކެވެ. ނަމަވެސް މޮސާޑުން އެ ހަމަލާގެ ޒިންމާ އުފުލާފައެއް ނުވެއެވެ.

އެމެރިކާއަކީ އިޒްރޭލާ ގުޅިގެން މެދުއިރުމަތީގައި ހަންފަތުރާ، ބާރު ފޯރުވާ ގައުމަކަށް ވާއިރު، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވައި އީރާނުގެ ބާރު ކަނޑުވާލުމަކީވެސް އެމެރިކާއިން ބޭނުންވާ ކަމެކެވެ.

ބްލިންކަން އަށް ހިފެހެއްޓުމެއް ނެތް ސަޕޯޓް ކޮށް ނަތަންޔާހޫ ބުނެފައި ވަނީ އެއީ އިޒްރޭލުގެ ހަގީގީ ރަހުމަތްތެރިއެއް ކަމަށެވެ. އިޒްރޭލަކީ އެމެރިކާގެ ފުރިހަމަ މަދަދާއި އެހީ ލިބޭ ގައުމަކަށް ވާއިރު، އަސްކަރީ އެހީގެ ގޮތުގައި ކޮންމެ އަހަރަކު 3.8 ބިލިއަން އެމެރިކާ ޑޮަލަރުގެ އެހީ އެމެރިކާއިން އިޒްރޭލަށް ދެއެވެ. އަދި ބައިޑަން ވެރިކަމާ ހަވާލުވެވަޑައިގެން އެ އަދަދު ވަނީ އިތުރު 1 ބިލިއަން ޑޮލަރު އިތުރުކޮށް 4.8 ބިލިއަނަށް ހައްދަވާފައެވެ.