މާލޭގެ އާންމުން ޕިކްނިކް ދިއުމަށް ތަރައްގީ ކުރަމުން އައި ކ. ކުޑަގިރީ ހުޅުވުމަށް ކުރަމުން އަންނަ ފަހުގެ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާ ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވާލައްވައިފިއެވެ.

ކުރިއަށް އޮތް ހަފްތާ ތެރޭގައި ހުޅުވުމަށް ވަމުންދާ އެންމެ ފަހުގެ ތައްޔާރީތައް ބައްލަވާލެއްވުމަށް ނައިބު ރައީސް ފައިސަލް ވަނީ މިއަދު އެރަށަށް ޒިޔާރާތްކުރައްވާފައެވެ. މީގެ ކުރިންވެސް ނައިބު ރައީސް ވަނީ ކުޑަގިރި ޕިކްނިކް އައިލެންޑަށް ޒިޔާރަތް ކުރައްވާ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.

"ދަ ޕްރެސް" އަށް އެނގިފައި ވާ ގޮތުން އަންނަ ހުކުރު ދުވަހު އެރަށް ހުޅުވާނެއެވެ.

ކުޑަގިރި ޕިކްނިކް އައިލޭޑް ތަރައްގީ ކުރަމުން ދަނީ އާންމުން ބޭނުން ކުރުމަށްޓަކައި ގިނަ ވަސީލަތްތަކެއް ހިމަނައިގެންނެވެ. އޭގެތެރޭގައި ޑޭ ޔޫސްގެ ގޮތުގައި 12 ކޮޓަރި، އާންމުން ބޭނުން ކުރުމަށް 13 ކުޑަ އަށްޓާއި ހަތަރު ބޮޑު އަށި، މިނީ ފުޓްބޯޅަ، ވޮލީ، އަދި ބާސްކެޓް ކޯޓުތައް، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭ އޭރިއާ އަދި އެއް ޑައިވް މަރުކަޒުގެ އިތުރުން މޫދު ކުޅިވަރު މަރުކަޒެއް ހިމެނެއެވެ.

ސަރުކާރުން އެންމެ ފުރަތަމަ ނިންމީ މިދިޔަ ޖުލައި 26 ގައި ކުޑަގިރި ހުޅުވާށެވެ. ނަމަވެސް މަސައްކަތްތަކެއް ހުރި ކަމަށް ބުނެ، ކުޑަގިރި ހުޅުވުން ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ. އެކަމަކު ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިދިޔަ އޮކްޓޯބަރު މަހު ވިދާޅުވީ، ހުސްވި ނޮވެމްބަރު މަހުގެ ތެރޭގައި ކުޑަގިރި އާންމުންނަށް ހުޅުވާލާނެ ކަމަށެވެ. ނަމަވެސް އަހަރު ނިމުނު އިރު ވެސް ކުޑަގިރި ހުޅުވާލެވިފައެއް ނުވެއެވެ. ނަމަވެސް މިހާރު އަންނަ ހުކުރު، ފެބްރުއަރީ 10، 2023 ގައި ހުޅުވާކަން ވަނީ އެނގިފައެވެ.

މާލެ އާ ގާތްގަނޑަކަށް 10.5 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަގިރި ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާފައި ބަނީ ސަރުކާރުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދާނެ ކަމަށް ބުނި ވައުދުތަކުގެ ދަށުންނެވެ.