ހދ. ކުޅުދުއްފުށީ ކޯޓުގެ އިސްމެޖިސްޓްރޭޓް އަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަށައިފިއެވެ.

މިއަދު ޖޭއެސްސީ އިން އާންމުކުރި ބަޔާނެއްގައި ބުނީ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ރައްކާތެރިކަމުގެ އަމުރު ނެރެދިނުމާގުޅޭ މައްސަލައެއްގައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާ ހިލާފަށް ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އެހެންކަމުން މި މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލުމަށް ޖެނުއަރީ 18، 2023 ވީ އާދިއްތަ ދުވަހު ބޭއްވި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ 5 ވަނަ ޖަލްސާގައި ނިންމާ ތަޙްގީގު ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ.

މިދިޔަ އަހަރު އެޕްރީލް މަސްތެރޭގައި ވެސް އަލީ އާދަމްގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެގެން ޖުޑީޝިއަލް ސާވިސް ކޮމިޝަނުން ވަނީ ފިޔަވަޅު އަޅާފައެވެ. މި ގޮތުން ތަފްރީގް ކޮށްފައިވާ ކައިވެންޏެއް ރުޖޫއަ ކޮށްދިނުމުގައި ފަނޑިޔާރެއްގެ ހައިސިއްޔަތުން ބަލަންޖެހޭ ވަރަށް ބަލާފައި ނުވުމާއި އަދި ބަހައްޓަންޖެހޭ ފަރުވާތެރިކަން ބަހައްޓާފައި ނުވާކަން ވަނީ ސާބިތުވެފައެވެ.

މީގެ އިތުރުން އަލީ އާދަމް ޖަމްއިއްޔާއެއް އުފައްދައި ހަރަކާތްތެރިވެފައި ވާކަން ސާބިތުވެފައި ވާއިރު އަލީ އާދަމް އުފެއްދި ޖަމްއިއްޔާއިން އިސްނަގައިގެން ހދ. ކުޅުދުއްފުށީގައި ބޭއްވި ހަރަކާތެއްގައި އަލީ އާދަމް އަމަލީ ގޮތުން ބައިވެރިވެފައި ވާތީ އާއި އެ ހަރަކާތަކީ ސިޔާސީ ހަރަކާތެއްގެ ގޮތުގައި އާންމުން ދުށުމުގެ ފުރުސަތު އޮތް ހަރަކާތެއްކަމަށް ޖޭއެސްސީއިން ވަނީ ބުނެފައެވެ. އަދި އަލީ އާދަމްގެ ފޭސްބުކް އެކަންޓުން އެ ހަރަކާތް އިޝްތިހާރު ކުރުމަށް މަސައްކަތް ކޮށްފައި ވާއިރު ފޭސްބުކު ޕޭޖުގައި ހިއްސާކޮށްފައިވާ ފޮޓޯތަކާއި ފާޅުކޮށްފައިވާ ޝުއޫރުތަކަކީ އޭނާ ހިއްސާކޮށްފައިވާ ތަކެތިކަމަށް ބުނެ ވަނީ އިއުތިރާފު ވެފައެވެ.

އެއީ ސިޔާސީގޮތުން ފާޅުކޮށްފައިވާ ހިޔާލުތަކާއި ޝުއޫރުތަކެއް ކަމަށް އާންމުން ދުށުމުގެ ފުރުސަތު ފާޅުކަން ބޮޑު ގޮތެއްގައި އޮތް ކަމެއްކަމުގައި ޖޭއެސްސީ އިން ވަނީ ނިންމާފައެވެ. އަދި ފަނޑިޔާރެއްގެ ހައިސިއްޔަތުން ނުވަތަ ފަނޑިޔާރެއްގެ މަގާމުގައި ހުރި މީހަކު ކޮށްގެން ނުވާނެ ފަދަ އަމަލެއް އަލީ އާދަމް ކުރިކަން ސާބިތުވެ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް 02 ހަފްތާގެ މުއްދަތަށް ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާކުރުމަށް އޭރު ޖޭއެސްސީ އިން ވަނީ ނިންމާފައެވެ.