މިދުވަސްވަރު ހއ. އަތޮޅުގައި ހަރަކާތްތެރިވަމުން ދަނީ ހަނގުރާމަ މަތީ މަނަވަރެއް ނޫންކަމަށާއި، އެއީ އިންޑިއާއިން ކުރިއަށް ގެންދާ ހައިޑްރޯގްރަފިކް ސާވޭ ކުރާ މަނަވަރެއް ކަން އެނގިއްޖެއެވެ.

ޖެނުއަރީ 19 ވަނަ ދުވަހު ހއ. ބާރަށު ކައުނަސިލުން ނެރުނު އިއުލެއްގައި ބުނެފައި ވަނީ، އެދުވަހުން ފެށިގެން ފެބްރުއަރީ 28 ގެ ނިޔަލަށް މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސް އާއި އިންޑިއާ ނޭވީ ގުޅިގެން ހއ އަތޮޅުގައި ސާވޭއެއް ކުރިއަށް ގެންދާ ކަމަށެވެ.

އަދި މި ސާވޭގައި ގިރިފަރުތަކުގެ މަޢުލޫމާތު އެއްކުރުމާއި، ރަށްތަކުގެ ކޯސްޓްލައިން ކުރެހުމުގެ އިތުރުން ކަނޑުގެ ދިޔަވަރު ދެނެގަތުމަށް ބެންޗް މާކް ޓައިޑްޕޯލް ހަރުކުރުން ފަދަ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާކަމަށެވެ.

ކުދިއުޅަނދުފަހަރާއި ހެލިކޮޕްޓަރު ބޭނުން ކޮށްގެން ކުރިއަށް ގެންދާ މި ސާވޭގައި ޖިއޮޓިކް ރިފަރެންސް ސްޓޭޝަންތަކާއި ބެންޗްމާކް އާއި ޓައިޑްޕޯލް ހަރުކުރާ ސަރަހައްދުތަކުގެ ސްޓޭޝަންތައް މޮނިޓާ ކުރަމުން ދާނެ ކަމަށް އެ ކައުންސިލުން ބުނެއެވެ. އަދި މި މަސައްކަތަކީ 24 ގަޑިއިރު ސާވޭ ޓީމްތަކުން ޑިއުޓީ ކުރާ ގޮތަށް ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް ވެސް ބުނެފައި ވެއެވެ.

ހއ. އަތޮޅުން މަނަވަރެއް ފެނިގެން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކޮށް، މިފަދަ އުޅަދެއް ދިވެހި މަސް ކަނޑު ގައި ހަރަކާތްތެރި ވަމުން ދާނަމަ، މަސްވެރިންނަށް މައުލޫމާތު ދިނުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭކަމަށް ބުނެފައެވެ. އަދި މިއީ ހަނގުރާމަ މަތީ މަނަވަރެއްތޯ ވެސް އެ ޔޫނިއަން އިން ވަނީ ސުވާލު އުފައްދާފައެވެ.

ސާވޭ ކުރާ މަނަވަރު ހއ ގައި ހަރަކާތްތެރި ވަނީ / ފޮޓޯ: ބޮޑުކަންނެލި ޔޫނިއަން

މިދިޔަ އަހަރުގެ މެއި މަހު ހައިޑްރޯގްރަފިކް ސާވޭ ހަދާ އުޅަނދުތައް ހަރަކާތްތެރި ވީ ހދ. އާއި ށ. އަދި މާލެ އަތޮޅުގައެވެ. މީގެ ކުރިން އެހެން ބައެއް ސަރަހައްދުތައް ސާވޭ ކޮށްފައި ވާ އިރު، ސާވޭގެ އަލީގައި އުފެއްދި ޗާޓްތައް ވިއްކައިގެން ރާއްޖެއަށް 8،278 ޑޮލަރު ލިބިފައި ވެއެވެ.

އިންޑިއާއާ އެކު ރާއްޖެއިން ހަދާފައި އޮންނަ އެމްއޯޔޫއެއްގެ ދަށުން ރާއްޖޭގެ އިގުތިސޯދީ ސަރަހައްދާއި އެތެރެވަރި އަދި ބޭރުގެ ކަނޑުގެ ސަރަހައްދުގެ ނެވިކަމުގެ ޗާޓުތައް ހެދުމުގެ ހައްގު އިންޑިއާއަށް ލިބެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ މުހިންމު ބަނދަރުތަކާއި ރަށްތަކުގެ ކައިރި ސަރަހައްދުތަކުގައި ހައިޑްރޮގްރެފިކް ސާވޭ ހެދުމުގެ ހުއްދަ އިންޑިއާއަށް ލިބެއެވެ.

އިންޑިއާއިން މި ހަދާ ޗާޓުތައް ރާއްޖެއިން ބޭނުން ވާނަމަ ގަންނަން ޖެހޭނީ އިންޑިއާ އިންނެވެ. ރާއްޖެއިން ޗާޓު ބޭނުން ވާކަން އެންގުމުން އެ ޗާޓު އިންޑިއާ އިން ފޮނުވާނީ ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައި ކޮމިޝަނަށް ކަމަށާ ހައި ކޮމިޝަނުން އެ ޗާޓުތައް ދިވެހި ސަރުކާރަށް ފޯރުކޮށްދޭނެ ކަމަށް އެ އެއްބަސްވުމުގައި ވެއެވެ. އަދި ކޮންމެ 6 މަހަކުން ޗާޓުތައް ވިއްކުމަށް ފަހު ސޭލްސް ބަޔާނެއް އިންޑީއާގެ ހައިކޮމިޝަނަށް ހިއްސާކުރަން ޖެހޭ ގޮތައް ވެސް ވެއެވެ.

ކޮންމެ ޗާޓަކުންވެސް ރާއްޖެއަށް އެއްފަހަރާ ގެންގުޅެވޭނީ 25 ކޮޕީ ކަމަށާ، ސަރުކާރުގައި ހުންނަ ކޮޕީގެ އަދަދު 10 އަށް ވުރެ މަދުވެއްޖެނަމަ އެކަން އިންޑިއާ ހައި ކޮމިޝަނަށް އަންގައި އިންޑިއާގެ ހައިޑްރޮގްރަފީ އޮފީހުން ޗާޓު ހޯދަން ޖެހޭނެ ކަމަށް އެ އެއްބަސްވުމުގައި ވެެއެވެ.

އެއްބަސްވުމުގައިވާ ގޮތުން އިންޑިއާ އިން އެކުލަވާލާ މައުލޫމާތުތައް ރާއްޖޭގައި ވިއްކާ ނަމަ ދިވެހި ސަރުކާރަށް 35 ޕަސެންޓްގެ ކޮމިޝަނެއް ލިބެއެވެ. އަދި އިންޑިއާ އިން އެ މައުލޫމާތުތަކާއި ކަމާ ގުޅޭ ޗާޓުތައް ބޭރުގެ ބަޔަކަށް ވިއްކާނަމަ ރޯޔަލްޓީގެ ގޮތުގައި ރާއްޖެއަށް ލިބޭނީ 25 ޕަސެންޓެވެ.

ރާއްޖެއަކީ 99.7 ޕަސެންޓު ކަނޑު ހިމެނޭ ގައުމަކަށް ވުމުން، އެ ސާވޭގެ އަލީގައި ހަދާ ޗާޓުތަކާ އެކު ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، ކަނޑުތަކުގައި ހިނގާ ހާދިސާތައް މަދުކުރެވި، އޮޑިވެރިންނަށް ގެއްލުން ލިބުމުގެ ފުރުސަތު ކުޑަކުރެވިގެން ދާނެ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.