ކަނޑުގެ ދިރުންތަކާ ބެހޭ ދިރާސާކުރަން ހާއްސަ މެރިން ރީސާޗް ސެންޓަރެއް، ކްރައުން އެންޑް ޗަމްޕާ އިން ޅ. އަތޮޅުގައި ހިންގަމުން އަންނަ ޖަވަކަރާ އައިލެންޑްސް މޯލްޑިވްސް ރިސޯޓުގައި ހުޅުވައިފިއެވެ.

އިއްޔެ އެ ރިސޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ސެންޓަރު ހުޅުއްވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމާ އާއި ހޯމް މިނިސްޓަރު އަލީ އިހުސާން ގެ އިތުރުން ޗަމްޕާ ބްރަދާސްގެ ވެރިޔާ މުހައްމަދު މޫސާ (އުއްޗު) އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގު ވިދާޅުވީ ތިމާވެއްޓާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގައި އަބަދުވެސް ސައިންސްގެ އަލީގައި ސިޔާސަތުތައް ކަނޑައެޅުމަށް އިސްކަންދޭ ކަމަށެވެ. އެހެން ނަމަވެސް، އަދިވެސް ހޯދިފައިނުވާ ގިނަ ކަންތައްތަކެއް ހުންނާނެކަން ފާހަގަކޮށް ތޯރިގު ވިދާޅުވީ ސައިންސްވެރިން ގެނެސް، މި ރީސާޗު ސެންޓަރުން ކުރާ މަސައްކަތުގެ އަލީގައި ވަށައިގެންވާ ވެއްޓާ ބެހޭގޮތުން ނޭނގި ހުރި ކަންތައްތަކެއް ހޯދި، އާންމު މަައުލޫމާތު މުއްސަނދި ކުރެވޭނެކަމަށެވެ.

މީގެ އިތުރުން ތޯރިގު ވިދާޅުވީ ޖަވަކަރާގައި ހުޅުވި މި ރިސާޗު ސެންޓަރަކީ ވެސް ތިމާވެށީގެ ހިމާޔަތާއި ރައްކާތެރިކަމަށް އެ ކުންފުނިން އިސްކަންދީ، އަދި މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ މީހުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް ހުޅުވުނު ދޮރެއްކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ވެށީގެ އިލްމާއި ދިރާސާތައް މުހިންމު ރޯލެއް އަދާކުރާތީ، މި ދާއިރާ އިން ރާއްޖެ އަށް ކުރިއެރުން ވަރަށް ބޮޑަށް ބޭނުންވާ އިރެއްގައި، ޖަވަކަރާއިން މި ރިސާޗު ސެންޓަރު ހުޅުވުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށް ތޯރިގު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކްރައުން އެންޑް ޗަމްޕާގެ ސީއީއޯ މުހައްމަދު ސޮލާހު ވިދާޅުވީ އެ ކުންފުނީގެ ރިސޯޓުތަކުން ހިދުމަތް ދެނީ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ތަރައްގީ އަށް ވަރަށް ބޮޑަށް އަމާޒު ކޮށްގެން ކަމަށާއި މިހާރުވެސް އެ ކުންފުނީގެ ރިސޯޓުތަކުގައި ބޭނުންކުރާ ކަރަންޓުގެ 30-40 ޕަސެންޓަކީ ސޯލާ ޕެނަލްގެ އެހީގައި އަވިން އުފައްދާ ހަކަތަކަމަށެވެ.

މި ރިސާޗު ސެންޓަރުން، އަތޮޅުތަކާ ބެހޭ ދިރާސާކޮށް، އަތޮޅުތަކުގެ ގުދުރަތީ ވެށި ދަމަހައްޓަން މަސައްކަތް ކުރުމަށްޓަކައި 'އެޓޯލްސް މޯލްޑިވްސް'ގެ ނަމުގައި ހާއްސަ ވޯކްޝޮޕެއް ފަށާފައިވާއިރު، މިއީ ދުނިޔޭގެ އެކި ޔުނިވާސިޓީތަކުގެ ސައިންސްވެރިންގެ ބައިވެރިވުމާއެކު މި ފެންވަރުގައި ބާއްވާ މިފަދަ ފުރަތަމަ ވޯކްޝޮޕެވެ.