ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު (އަންނި) އަކީ އެޕާޓީގެ ފެށުން އަދި ނިމުުން ކަމަށް ވެސް ގަބޫލުކުރާ ގިނަ ބަޔަކު މި ރާއްޖޭގައި ތިބޭނެއެވެ. އެމްޑީޕީގެ ފިކުރު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާ އަދި އެކަން ބަހާ އަމަލު ދައްކަވަނީ އެމަނިކުފާނު ކަމާއި އެމަނިކުފާނުގެ ތަރި އަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ދުވަހަކުވެސް ފަނޑުނުވާނެ ތަރިއެއް ކަމަށް ހެކިވާނެ ބަޔަކު ވެސް އުޅޭނެއެވެ.

އެހެނަސް ޕާޓީގެ ތާރީހުގައި ވެސް ބޭއްވި ފުރަތަމަ ވާދަވެރި ރިޔާސީ ޕްރައިމަރީގައި ނަޝީދު އަށް ލިބިވަޑައިގެން ލަދުވެތި ނާކާމިޔާބީއާއެކު އެމްޑީޕީގެ ތެރޭގައި ނަޝީދަށް އޮތް ތާއީދުގެ އަސްލު މަންޒަރު މިވަނީ ފެނިފައެވެ.

މިގޮތުން ނަޝީދާ ވާދަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޕްރައިމަރީ ކާމިޔާބުކުރެއްވީ ގާތް ގަނޑަކަށް 9 ހާސް ވޯޓުގެ ބޮޑު ފަރަގަކުންނެވެ. ރައީސް އިންތިހާބު ކާމިޔާބުކުރެއްވީ 24،566 ވޯޓާ އެކުގައެވެ. ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ.

ޕްރައިމަރީގައި ލިބިވަޑައިގެން ނާކާމިޔާބީއަށް ފަހު ނަޝީދުގެ ބަހަކަށް އިންތިޒާރު ކޮށްގެން ތިބި ސަޕޯޓަރުންނަށް މިއަދު އެބަސް އިވިގެން ދިޔަ އިރު އެމަނިކުފާނުގެ ވިސްނުންފުޅު މިވަގުތު ހުރީ ޕާޓީގެ ތެރެއިން އެހެން ހަރަކާތެއް ފެށުމާ ދިމާލަށެވެ.

ނަޝީދު ބޭނުންފުޅުވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ހަރަކާތެއް ފަށަން

އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕަކަށް މިއަދު ހެނދުނުގެ ވަގުތެއްގައި ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ، ޕްރައިމަރީގެ އޮޅުވާޅުންތައް "އެއްކިބާކޮށްފި" ނަމަ، ރައީސަށް ގިނަ ވޯޓު ގެއްލޭނެ ކަމަށެވެ. ނަމަވެސް ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް ބަލައިފި ނަމަ ކުޑަ ތަފާތަކުން ރައީސް ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އެހެންވިޔަސް ވެސް، ނަޝީދު ވިދާޅުވި ގޮތުގައި ރައީސަށް މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބެއް ނުކުރެއްވޭނެއެވެ.

އެހެންވެ، ނަޝީދު ލިޔުއްވި މެސެޖުގައި ހުށަހަޅުއްވާފައި ވަނީ "ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީގެ ހުރިހާ ރަށެއްގައި ގޮފިތައް ހަދައި، އެމްޑީޕީގެ ދަފްތަރުން ވަކިކުރި 39 ހާސް މެންބަރުން ޕާޓީ އާ ގުޅި، އެ މެންބަރުން ހިމެނޭހެން ގޮތް ނިންމުމަށެވެ.

އިތުރު ހަރަކާތަކަށް ޕާޓީގެ ތާއީދު އެބަ އޮތްބާ؟

އެމްޑީޕީގެ ތެރެއިން އިތުރު ފިކުރެއް އުފައްދަވާނެ ކަމުގެ އިޝާރާތެއް ނަޝީދު ދެއްވުމާއެކު ޕާޓީގެ ތެރެއިން މިވަނީ މިކަމާ ދެކޮޅު އަޑުތައް ވަގުތުން އިވެން ފަށާފައެވެ. މިގޮތުން، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލު ވިދާޅުވީ ޕާޓީގެ އުސޫލާއި ގަވާއިދު ބަދަލުނުކޮށް، ޕާޓީ ތެރޭގައި ވަކި ހަރަކާތެއް ނުހިންގޭނެ ކަމަށެވެ. އަދި ޕާޓީގެ ކެންޑިޑޭޓަކީ ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅަކު ކަން ފާހަގަކުރައްވައި ފައްޔާޒް ވިދާޅުވީ، ރައީސް ސޯލިހްއަށް ތާއިދު ނުކުރާ ވަކި ފިކުރަކަށް ޕާޓީ ތެރޭގައި ޖަަގަނެތް ކަމަށެވެ. މީގެ އިތުރުން ފައްޔާޒް ވަނީ އަދި އެއްފަހަރު އެކަމާ މެދު ވިސްނަވާލެއްވުމަށް ރައީސް ނަޝީދުގެ އަރިހުން އެދިވަޑައިގެންފައެވެ.

އެހެން ނަމަވެސް، މިގޮތަށް ހަރަކާތެއް އުފެއްދުމަކީ ހަމައެކަނި ނަޝީދު އިޝާރާތް ކުރައްވާފައިވާ ކަމެއް ނޫނެވެ. ނަޝީދަށް ތާއީދުކުރައްވާ ސިޔާސީ ބޭފުޅުން ވަނީ ޕްރައިމަރީއަށް ފަހު އެމަނިކުފާނު ދެން ކުރައްވާނެ ކޮންމެ ކަމަކަށް ވެސް ތާއީދު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ ތެރޭގައި ޓެންޑާ ބޯޑްގެ ޗެޔާޕާސަން އިސްމާއީލު ޒަރިޔަންދުގެ އިތުރުން ތިމަރަފުށީ ދާއިރާގެ ކުރީގެ މަޖިލީސް މެމްބަރު މުހައްމަދު މުސްތަފާ ހިމެނިވަޑައިގަންނަވައެވެ.

ޕާޓީން ވަކިވެ ދެން ފަށާނީ ކޮންޒަވޭޓިވް ފިކުރެއްތަ؟

ޕާޓީގެ ތެރެއިން އިތުރު ހަރަކާތެއް އުފައްދާނެ ޖާގަ ނުލިބިއްޖެނަމަ އެމްޑީޕީ ދޫކުރައްވާ ނަޝީދު ވަކި ފިކުރެއް އުފެއްދުމަކީ ވެސް ގާތް ކަމެކެވެ. މީގެ ކުރިން ވެސް އެމްޑީޕީގެ ތެރެއިން މިފަދަ ފިކުރެއް ނެރުމުގެ މަސައްކަތް ކޮށްފައި ވާ އިރު އެމްޑީޕީގެ ކުރީގެ ޗެޔާޕާސަން ރީކޯ މޫސާ މަނިކު ވަނީ އެކަމަށް އިޝާރަތް ކުރައްވާ ވާހަކަ ދައްކަވާފައެވެ. ރީކޯ މޫސަ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮންޒަވޭޓިވް ޕާޓީއާއެކީ 2007 ގައި ހުޅުލޭއައިލެންޑް ހޮޓަލުގައި ތިބެ ޤައުމީ މަޖްލިސް މެންބަރުން ތައްޔާރުކުރި މެނިފެސްޓޯ ހާމަކޮށްލީމައި ރައްޔަތުންނަށް ވެރިކަން ކޮށްދޭން ނުކުތީ ކޮންބަޔަކު ބޭނުންވާ ވައުދުތަކެއް ހިފައިގެންކަން އެނގޭނެ ކަމަށެވެ.

ސިޔާސީ މައިދާނުގައި ކޮންޒަވޭޓިވް ފިކުރަކީ ވެރިކަމުގެ ބާރުތައް މަދު ބައެއްގެ އަތުގައި ބާއްވައިގެން ކުރާ ވެރިކަމެކެވެ. އަދި އެއީ ގައުމުގެ އަސާސީ ފިކުރުތަކާ ސަގާފީ ގޮތްތަކަށް އިސްކަންދީގެން ކުރާ ވެރިކަމެކެވެ.

މިއަދު ނަޝީދު ބޭއްވެވީ މަޝްވަރާތައް ފަށާ ބައްދަލުވުންތަ؟

ޕްރައިމަރީ އަށް ފަހު ނަޝީދު މިއަދު ފުރަތަމަ ފަހަރަށް އެމަނިކުފާނުގެ ކެމްޕޭން ޓީމާ ބައްދަލުކުރައްވާފައި ވާ އިރު އެ ބައްދަލުވުމުގައި އޮތީ ކެއުމެވެ. އެ ކެއުމުގައި އެމްޑީޕީ ދޫކުރައްވައި އިތުރު ޕާޓީއެއް ހެއްދެވުމުމުގެ ވިސްނުން ނުގެންގުޅުއްވަަ ކަމަަށް ވިދާޅުވިއެވެ. ނަމަވެސް މިއަދު 3 ޖަހާ އިރު ނަޝީދު ފެކްޝަންގެ މުހިންމު ބައްދަލުވުމެއް އޮންނާނެ ކަމުގެ އަޑުތައް ވަނީ އަރާފައެވެ. މިގޮތުން ނަޝީދު ފެކްޝަންގެ ބޮޑުންނާއި ރަށްރަށުގެ މަންދޫބުން މި ބައްދަލުވުމުގައި ބައިވެރިވާނެ ކަމުގެ މައުލޫމާތު ލިބެއެވެ.

މި ބައްދަލުވުމުގައި ކޮންމެ ގޮތަކަށް ކަން ކުރަން ނިންމިޔަސް ނަޝީދު އެ ވިދާޅުވާ 'ފިކުރެއް' ދިރުވުމުގެ ފުރުސަތު މިހާރު އޮތީ އެމްޑީޕީއާ ވަކިވެގެންނެވެ. އެހެން ކަމުން ޕްރައިމަރީގައި އެމަނިކުފާނަށް ވޯޓު ދިން 15 ހާސް މީހުންނާއި ޕާޓީން ނުހައްގުން ވަކިކުރި ކަމަށް ނަޝީދުގެ ކޭމްޕުން ބުނާ 39 ހާސް މީހުން ގޮވައިގެން އާ ފިިކުރެއް އަދި އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމަކީ ނަޝީދަށް ނުކުރެއްވޭނެ ވަރުގެ ބޮޑު ކަމެއް ނޫނެވެ.