އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ރިޔާސީ ޓިކެޓް އެރުވުން އަންނަ މަހަށް ތާވަލްކޮށްފިއެވެ.

އެ އިންތިހާބާ ގުޅޭގޮތުން މިއަދު އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ވިދާޅުވީ އިއްޔެ ބޭއްވި ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް ފަސް ދުވަހުގެ ތެރޭގައި އިއުލާނުކުރާނެ ކަމަށާއި އަށްފަހު އަންނަ މަހުގެ މެދުތެރޭގައި ރައީސް ސޯލިހަށް ރަސްމީކޮށް ޕާޓީގެ ޓިކެޓު އަރުވާނެ ކަމަށެވެ. އެހެންނަމަވެސް ޓިކެޓު އަރުވާނެ ތާރީހެއް ނުވެއެވެ.

އެ އިންތިހާބުގައި ރައީސް މުހައްމަދު ނަޝީދުވެސް ވާދަކުރެއްވިއިރު އެމަނިކުފާނަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 38.90 ޕަސެންޓް ވޯޓެވެ. އެހެންނަމަވެސް ރައީސް ސޯލިހު އެ އިންތިހާބު ކާމިޔާބުކުރެއްވީ 24،566 ވޯޓާއެކުއެވެ. އެއީ ވޯޓްލީ މީހުންގެ 61.10 ޕަސެންޓް ވޯޓެވެ.

މި އިންތިހާބުގައި 57،255 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު ވޯޓުލާފައިވަނީ 40،887 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 71 ޕަަސެންޓެވެ.

ރިޔާސީ ޓިކެޓު އެރުވުމުގެ ވާހަކަތައް އެމްޑީޕީއިން ދައްކާފައިވާއިރު އިންތިހާބުގެ ނަތީޖާއާ މެދު ޝައްކު އުފައްދަވާ ނަތީޖާ ރައީސް ނަޝީދު ގަބޫލުފުޅު ކުރައްވާފައެއް ނުވެއެވެ.