މި ވަގުތަކީ އެމްޑީޕީގެ ހުރިހާ މެންބަރުން އެކީގައި ރިޔާސީ އިންތިހާބު ކާމިޔާބުކުރަން މަސައްކަތް ފަށަންވީ ވަގުތު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޕާޓީގެ މެންބަރުން ދެއްވި ތާއީދާއި ކުރެއްވި އިތުބާރަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި މި ވަގުތަކީ ޕާޓީގެ ހުރިހާ މެންބަރުން ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އެކުގައި މަސައްކަތް ފަށަންވީ ވަގުތު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް ސޯލިހަށް 24،566 ވޯޓު ލިބިވަޑައިގެންނެވިއެވެ. އެއީ 61.10 ޕަސަންޓެވެ. ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 15،641 ވޯޓެވެ. އެއީ 38.90 ޕަސަންޓެވެ.

މި އިންތިހާބުގައި 57،255 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު ވޯޓުލާފައިވަނީ 40،887 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 71 ޕަަސަންޓެވެ.

ރިޔާސީ ޕްރަައިމަރީގެ ކާމިޔާބު ފާހަގަކުރަން ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީގެ ތެރޭގައި އޮތް ވާދަވެރިކަން މިހާރު ނިމިފައިވާ ކަމަށާއި ދެން އޮތީ އެންމެން އެކުގައި ނިކުމެ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާ ގުޅިގެން ކުރިއަށް ދިއުމަށް ހުރިހާ ބޭފުޅުންނަށް ދައުވަތު ފޮނުއްވާނެ ކަމަށާއި، އެ ޕާޓީ އަކީ އަބަދުވެސް އެއް ވިސްނުމެއްގައި ކުރިއަށްދާ ޕާޓީއެއް ކަމަށެވެ.