ވޯޓު ފޮއްޓަށް ގެއްލުންދިން މައްސަލާގައި ހައްޔަރުކުރި ރައީސް މުހައްމަދު ނަޝީދުގެ މަންދޫބުން ދޫކޮށްލަން އެމަނިކުފާނު ގޮވާލައްވައިފިއެވެ.

ގދ. ތިނަދޫ އާއި އެ އަތޮޅު ރަތަފަންދޫ ވޯޓު ފޮށި ފަޅާލި މައްސަލާގައި ރައީސް ނަޝީދުގެ 3 މަންދޫބަކު ހައްޔަރު ކޮށްފައިވާއިރު ރައީސް ނަޝީދު ވިދާޅުވީ ބައެއް ވޯޓު ފޮށި ކައިރީގައި އެމަނިކުފާނުގެ ފަރާތުން ތިބި މަންދޫބުންނާއި ތާއީދުކުރައްވާ ގިނަ ބަޔަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މީހުން ވަގުތުން ދޫކޮށްލުމަށް އަދި ވޯޓު ގަޑުބަޑު ކުރާ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ރައީސް ނަޝީދު ގޮވާލެއްވިއެވެ.

ރައީސް ނަޝީދު މީގެ ކުރިން ވަނީ ރަތަފަންދޫ ވޯޓް ފޮށީގެ އޮފިޝަލުން ވޯޓް ކަރުދާހުން ބައެއް ވީދާފަ ހަވާލު ކުރަމުންދަނީ ވޯޓްލާ ގޮތް ބެލުމަށް ކަމަށާއި އެއްވެސް މާކެއް ޖަހާނަމަ ވޯޓް ބާތިލްވާނެތީ ވަކިގޮތަކަށް ވޯޓް ކަރުދާސް ބައެއް ވީދާލަނީ ވޯޓް ލާގޮތް ފާހަގަކުރަން ކަމަށް ތުހުމަތުކޮށް އެކަން ބަލައިދިނުމަށް އެމްޑީޕީއަށް އެދިފައެވެ.

މީގެ އިތުރުން ގދ. ގައްދޫއާއި ތ. މަޑިފުށީގެ ވޯޓު ފޮށި ފަޅާލައިފާވާއިރު އަލުން ވަނީ ވޯޓުލާން ފަށާފައެވެ. އެގޮތުން މަޑިފުށީގައި ވޯޓުލާން ފަށާފައިވަނީ ދަގަނޑު ފޮއްޓެއް ބަހައްޓައިގެންނެވެ.

މިއަދު ހެނދުނު ވޯޓުލާން ފެށީންސުރެ އެކި ވަރުގެ ހަމަނުޖެހުންތައް ހިނގަމުން އަންނައިރު މައިގަނޑު ގޮތެއްގައި ލިސްޓުގައި ނަން ނެތް މީހުން ވޯޓު ލާ މައްސަލަ ވަރަށް ބޮޑެވެ. މާލެއާއި އަތޮޅު ތަކުގައި އެ މައްސަލަ ޖެހި މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ.