ޒަކާތް ވާޖިބުވާވަރުގެ ތަނަވަސްކަން ހުރި މީހަކު ޒަކާތް އަދާނުކޮށްފިނަމަ އެ މީހެެއްގެ ދީން ފުރިހަމަ ނުވާނެކަމަށް މިއަދު ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައި ވަނީ މުދަލު ޒަކާތަށެވެ. މި ގޮތުން މިއަދުގެ ހުތުބާގައި ވަނީ މުދަލު ޒަކާތަކީ އިސްލާމީ އިގްތިސާދު ހަރުދަނާ ކުރުމަށް އެޅިފައިވާ މުހިންމު ފިޔަވަޅެއްކަމަށެވެ. އަދި އެކަން ރުކުނެއްގެ ގޮތުގައި ދީނުގައި ވެސް ކަނޑައަޅާފައި ވާއިރު ޒަކާތް ވާޖިބުވާވަރުގެ ތަނަވަސްކަން ހުރި މީހަކު ޒަކާތް އަދާނުކޮށްފިނަމަ އެ މީހެެއްގެ ދީން ފުރިހަމަ ނުވާނެކަމަށް ހުތުބާގައި ވަނީ ބުނެފައެވެ،
މުދަލުން ނެރެންޖެހޭ ޒަކާތް އަދާނުކޮށްފިނަމަ ގިޔާމަތް ދުވަހުން ގަދަ ފަދަވެގެންވާ އަޒާބު ލިބޭނެކަން ފާހަގަކޮށް ހުތުބާގައިވަނީ މުދަލަކީ ﷲ އަހަރެމެންނާ ހަވާލުކުރައްވާފައިވާ އަމާނާތެއްކަމާއި އެއްވެސް މުސްލިމަކު އެންމެ ހިނދުކޮޅަކަށްވެސް އެކަން ހަނދާން ނައްތާލައިގެން ނުވާނެކަމަށް ބުނެފައެވެ. މާތްﷲ ތަނަވަސްކަމާއި ރޯދިބަރަކާތް އެކި މީހުންނަށް އެކި މިންވަރަށް ދެއްވާފައިވުމުގެ ހިކުމަތެއް ވާކަން ފާހަގަކޮށް ހުތުބާގައި ވަނީ މީސްތަކުންގެ މެދުގައި ރިޒުގު ބައްސަވާފައިވަނީ އެކަކުގެ އަތުގައިވާ އެއްޗަކަށް އަނެކަކު ބޭނުންވާނޭ ފަދަ ގޮތަކަށް ކަމަށެވެ.
މީގެ އިތުރުން ހުތުބާގައި ވަނީ އިސްލާމް ދީނުގެ ނަޒަރުގައި މުދަލަކީ އެ ހަވާލުކުރެވިފައިވާ ބައެއްގެ އަތް މަތީގައިވާ މުޅި އިސްލާމީ އުއްމަތުގެ ހިއްސާއެއް އޭގައިވާ އެއްޗެއް ކަމަށް ބުނެފައެވެ. އަދި ކިތަންމެ ގިނަ މުދަލެއް ޖަމާކޮށްފައިވީ ނަމަވެސް ކޮންމެ މީހަކަށް ވެސް އެ މުދަލުން ފައިދާ ކުރާނީ އާހިރަތުގެ ސަވާބާއި ދަރުމައަށް އެދިގެން ހޭދަކުޅަ އެއްޗަކުން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
މުދަލުގެ ޒަކާތުގެ އިތުރުން ފިތުރު ޒަކާތާއި ގުޅޭ ގޮތުން މިއަދު ހުތުބާގައި ބުނީ އެއީ ރޯދަވެރިޔާ ދެއްކުން ބޭކާރު ވާހަކަތަކުންނާއި ކުރެވުނު ބޭކާރު އަމަލުތަކުން އޭނާ ތާހިރުކޮށް ފަގީރުންނަށް އެހީވުމަށް ވާޖިބުކޮށްފައިވާ ޒަކާތެއްކަމަށެވެ.