އައްޑޫ ސިޓީގައި އޮންނަ ޝަންގްރިއްލާ ވިލިގިނލި ރިސޯޓްގައި އޮންނަ ސަރުކާރުގެ ހިއްސާ ދޫކޮށްލަން ނިންމާފައި ވާކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރޭ އައްޑޫ ސިޓީގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ނިންމާލަން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ޝަންގްރިއްލާ ގައި އޮންނަ ސަރުކާރުގެ ހިއްސާ ދޫކޮށްލަން ނިންމާފައިވާ ކަން އެ ރިސޯޓް ހިންގާ ކުންފުންޏަށް އަންގާފައިވާނެ ކަމަށެވެ.
ކޮވިޑް19 އާ އެކު ޝަންގްރިއްލާ ބަންދުކުރުމާ ގުޅިގެން ވަރަށް ގިނަ ޒުވާނުންގެ ވަޒީފާ ގެއްލި އެކަމުގެ ކަންބޮޑުވުންތައް އެ މަނިކުފާނާ ހަމައަށް އައިސްފައި ވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ޝަންގްރިއްލާ އަލުން ހުޅުވެން އޮތީ ސަރުކާރުގެ ހިއްސާ ދޫކޮށްލައިގެން ކަމަށެވެ.
މި ގޮތުން އެ މައްސަލައިގައި ގިނަ މަޝްވަރާތަކެއް ކޮށް މީގެ ދެ ދުވަސް ކުރިން އިކޮނޮމިކް ކައުންސިލުން ގޮތެއް ނިންމާފައި ވާކަމަށެވެ. "އިކޮނޮމިކް ކައުންސިލުން ނިންމީ ސަރުކާރުގެ ހިއްސާ ދޫކޮށްލަން. މިހާރު އެކަން ވަނީ ސިޓީ ކައުންސިލާއި ޝަންގްރިއްލާގެ ވެރިންނަށްވެސް އަންގާފަ. އެއް މަސް ދުވަސް ތެރޭ އެ ބޭފުޅުން ޑިޝިޝަނެއް ނަންގަވަން ޖެހޭ" ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ އަންނަ އޮގަސްޓް ނޫނީ ސެޕްޓެމްބަރުގައި ޝަންގްރިއްލާ ރިސޯޓް ހުޅުވުމަށް މަސައްކަތް ކުރަމުން ދާކަމަށް ޝަންގްރިއްލާގެ މެނޭޖްމެންޓުން އަންގާފައި ވާކަމަށެވެ.
މި މަހުގެ 13 ވަނަ ދުވަހު އައްޑޫ ސިޓީއަށް ރައީސް ކުރެއްވި ދަތުރުފުޅުގައިވެސް އެ މަނިކުފާނު ވަނީ އައްޑޫ ރައްޔިތުން ބޭނުން ނަމަ އައްޑޫގައި ހިންގާ ޝަންގްރިއްލާ ރިސޯޓު އޮޕަރޭޝަނަށް ގެންނަން ދިވެހި ސަރުކާރުގެ ހިއްސާ ދޫކޮށްލަން ތައްޔާރުކަމަށް ވިދާޅުވެފައެވެ.
އައްޑޫ، ޝަންގްރިއް-ލާ ވިލިނގިލި ރިސޯޓަކީ ސަރުކާރުގެ 30 ޕަސަންޓް ހިއްސާ ހިމަނައިގެން އުފައްދާފައިވާ އައްޑޫ އިންވެސްޓްމަންޓުން ހަދާފައިވާ ރިސޯޓެކެވެ. ސަރުކާރުން މި ރިސޯޓުގެ ހިއްސާ ދޫކޮށްލަން ނިންމާފައި ވާއިރު އެކަމަށްޓަކައި ސަރުކާރުން 670 މިލިއަން ޑޮލަރު ދައްކަން ޖެހޭނެއެވެ.