ފާއިތުވި އަހަރުގެ ޖުމްލަ ފައިދާގެ ގޮތުގައި އެސްޓީއޯއަށް 2 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، އެ ކުންފުނީގެ އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި ފުރަތަމަ ފަހަރަށް 1 ބިލިއަން ރުފިޔާ ހުރަސްކޮށްފިއެވެ.

އެ ކުންފުނީގެ ވެބްސައިޓުގައި މިއަދު ޝާއިއުކުރި މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގެ ރިޕޯޓުން ދައްކާ ގޮތުގައި، އެ ކުންފުނީގެ އޮޕަރޭޓިން ޕްރޮފިޓް ތާރީހުގައި ވެސް އިތުރު ނުވާ މިންވަރަށް ވަނީ އިތުރުވެފައެވެ. އެ ގޮތުން އެ ކުންފުނިން ވަނީ މިދިޔަ އަހަރު އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި ފުރަތަމަ ފަހަރަށް، 1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ބުނެފައެވެ. 2021 ވަނަ އަހަރު އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި ލިބިފައި ވަނީ 643 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު 1 ބިލިއަން ރުފިޔާ އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި ލިބުނު އިރު، އެ އަހަރުގެ 4 ވަނަ ކުއާޓަރުގައި ވަނީ 368 މިލިއަން ރުފިޔާ އަދި 3 ވަނަ ކުއާޓަރުގައި ވަނީ 255 މިލިއަން ރުފިޔާ ލިބިފައެވެ.

ހަމައެއާއެކު މިދިޔަ އަހަރު އެ ކުންފުނިން ވަނީ ރެކޯޑު އަދަދަކަށް އާމްދަނީ އަދި ފައިދާ ހާސިލް ކޮށްފައެވެ. 2021 ވަނަ އަހަރު އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 10.2 ބިލިއަން ރުފިޔާ ލިބިފައި ވާއިރު މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2021 ވަނަ އަހަރާއި އަޅާބަލާއިރު 79 ޕަސެންޓްގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ ކުންފުނީގެ ހުރިހާ ވިޔަފާރިތައް ވެސް ކުރިއަރާ، އާމްދަނީ އިތުރުވަމުން ދިއުން ކަމަށް އެސްޓީއޯ އިން ފާހަގަ ކުރެއެވެ.

އަމްދަނީގެ ގޮތުގައި ލިބުނު އަދަދަށް ބަލާއިރު މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ވެސް ވަނީ އެ އަހަރުގެ 3 ވަނަ ކުއާޓަރެކޭ އެއްފަދައިން 4.6 ބިލިއަން ރުފިޔާ ލިބިފައެވެ. މިއާއެކު ޓެކްސްއަށް ކެނޑުމަށްފަހު، ފައިދާގެ ގޮތުގައި 269 މިލިއަން ރުފިޔާ 4 ވަނަ ކުއާޓަރުގައި ލިބިފައިވާއިރު، 3 ވަނަ ކުއާޓަރުގައި ލިބިފައި ވަނީ 168 މިލިއަން ރުފިޔާއެވެ. އެގޮތުން ފާއިތުވި އަހަރުގެ ޖުމްލަ ފައިދާގެ ގޮތުގައި އެސްޓީއޯއަށް 2 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، ޖުމްލަ ފައިދާގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 41 ޕަސެންޓްގެ ކުރިއެރުމެކެވެ.

މީގެ އިތުރުން ޓެކްސްއަށް ކެނޑުމަށްފަހު މިދިޔަ އަހަރަށް ސާފު ފައިދާގެ ގޮތުގައި 742 މިލިއަން ރުފިޔާ ހޯދައި އެކުންފުނީގެ ރެކޯޑް ވަނީ މުގުރާލާފައެވެ. އެގޮތުން 2021 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 487 މިލިއަން ރުފިޔާއެވެ. މިއީ 52 ޕަސެންޓްގެ ކުރިއެރުމެކެވެ.

ފާއިތުވި އަހަރު އެސްޓީއޯއަށް ލިބުނު ކާމިޔާބީ ތަކަށް ބާލައިރު، ރާއްޖޭގައި ފާހަގަކޮށްލެވޭ އެންމެ ހަރުދަނާ 100 ވިޔަފާރީގެ ތެރެއިން 1 ވިޔަފާރި ކަމަށް ކޯޕަރޭޓް މޯލްޑިވްސްއިން ފާހަގަކޮށް ވަނީ އެވޯޑް ދީފައެވެ. އަދި، އެސްޓީއޯއިން ވަނީ ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ ފެއާއެއް ކަމަށްވާ ބިގް 5 އެގްޒިބިޝަންގައި، އެ ކުންފުނީގެ ކޮންސްޓްރަކްޝަން މެޓީރިއަލްސް އެގްޒިބިޓް ކޮށްފައެވެ.

އެ ކުންފުނިން ބުނާގޮތުގައި އެ ކުންފުނީގެ އަމާޒަކީ ހަމައެކަނި ވިޔަފާރިތައް އިތުރުކުރުން ނޫން ކަމަށާއި ޖުމްލަކޮށް، ފުދިގެންވާ މުޖުތަމައުއެއް އުފެއްދުމަށް އެހީތެރިވެދިނުން ކަމަށެވެ. އަދި 2023 ވަނަ އަހަރު ސީއެސްއާރްގެ ހިދުމަތް އިތުރު ދާއިރާތަކަށް ފުޅާކުރުަމކީ އަމާޒެއް ކަމުގައި އެސްޓީއޯއިން ބުނެއެވެ.