ތިމާވެށި ހިމާޔަތްކުރުން އުޒުރަކަށް ހަދައިގެން އައްޑޫ ސިޓީގެ ބިން ހިއްކުން ހުއްޓުވުމަށް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދު އުޅުއްވިކަމަށް އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ތުހުމަތު ކުރައްވައިފިއެވެ.

އެމްޑީޕީ ޕްރައިމަރީގެ ކެމްޕައިންގައި މިހާރު އައްޑޫ ސިޓީގައި އުޅުއްވާ ރައީސް ނަޝީދުވަނީ އައްޑޫ ސިޓީ ކައުންސިލުން ރޭގަނޑު ދަންވަރު އައްޑޫ ސިޓީ އިން ގޯތި ދޫކުރުމަށް ކުރި އިއުލާނާއި ގުޅިގެން އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މި ގޮތުން ރައީސް ނަޝީދު ވިދާޅުވީ ރޭގަނޑު ދަންވަރު ކުރަން ހުރި ކަންކަން ވަރަށް ގިނަ ކަމަށެވެ. އަދި ނެތް ކަމެއް ކުރަން އުޅުމަކީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ވަރަށް ބޭއަދަބީ ކަމެއްކަމަށެވެ. އިތުރަށް ރައީސް ނަޝީދު ވިދާޅުވީ ކޮންމެ އިންތިހާބެއްގައި މި ގޯތިތައް ދެމުންދާ ކަމަށާއި އެ ގޯތި ހުރީ އަދި ކަނޑު އަޑީގައިކަމަށެވެ.

ރައީސް ނަޝީދުގެ މި ވާހަކަފުޅަށް ރައްދު ދެއްވަމުން މެމްބަރު ޝަރީފް ވިދާޅުވީ ޕާޓީގެ އެތެރެ އާއި ބޭރުން ތިމާވެށި ހިމާޔަތް ކުރުން އުޒުރަކަށް ހަދައިގެން އައްޑޫ ބިން ހިއްކުން ހުއްޓުވަން މަސައްކަތް ކުރެވުނު ކަމަށެވެ. އަދި އެ މަސައްކަތް ފެއްޓުން ލަސްވި ސަބަބަކީ އެއީކަން ފާހަގަކޮށް ޝަރީފު ވިދާޅުވީ އައްޑޫ ބިން ހިއްކުމާއި ދެކޮޅު ބޭފުޅެއް ވެރިކަމަށް ވަޑައިގެންފިނަމަ ބިން ހިއްކުމުގެ ޕްރޮޖެކްޓަށް ވެދާނެ ގޮތަކާ މެދު ކަންބޮޑުވާ ކަމަށެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ އައްޑޫ ބިން ހިއްކުން ހުއްޓުވުމަށް އައްޑޫ ރައްޔިތުންނަށް 'އޯކޭ' ނޫންނަމަަށެވެ. އަދި އައްޑޫގައި ރައީސް ސޯލިހް ގެ ސަރުކާރުން ފަންޑު ހޯދައިގެން ފަށަން ތައްޔާރުވެފައިވާ އެއްވެސް ތަރައްޤީގެ މަޝްރޫއުއެއް ހުއްޓާލުން ވެސް އޯކޭ ނޫންކަމަށެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ނެދަލޭންޑްގެ ކުންފުންޏެއް ކަމަށްވާ ވެން އޫޑްއާ ހަވާލުކުރީ 2021 ވަނަ އަހަރު މާޗް މަހުގެ ތެރޭގައެވެ. އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ހިންގާ މި މަޝްރޫއުގެ މަސައްކަތް ލަސްވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތަކައް އަމާޒުވެފައި ވާއިރު އެ މަޝްރޫއުގެ މަސައްކަތް ފެށުނީ މި މަހުގެ 5 ވަނަ ދުވަހުއެވެ.