ރަޝިއާގެ ޓީ90 ޓޭންކުން ދޭ ހަމަލާތައް ނާކާމިޔާބު ކޮށްލައި ރަޝިއާގެ ފައުޖުތައް ފަހަތަށް ޖައްސާލަން ޔޫކްރައިން އިން ބޭނުންވާ އަސްކަރީ ޓޭންކް ދޭން އެމެރިކާ އާއި ޖަރުމަނުން ތައްޔާރު ވެއްޖެއެވެ.
ގޮތެއް ނުނިމި މަހެއްހާ ދުވަހަށް ދެމިގެން ދިޔަ މަޝްވަރާތަކަށް ފަހު، އެމެރިކާއިން މިހާރު ނިންމާފައި ވަނީ އެގައުމުގައި ބޭނުން ކުރާ 30 އެމް 1 މަރުކާގެ ޓޭންކް ފޮނުވާށެވެ. އަދި ޖަރުމަނުން މަސައްކަތް ކުރަނީ ޔޫކްރައިން އިން އެންމެ ބޭނުންވާ ލެޕާޑް 2 މަރުކާގެ ޓޭންކް ފޮނުވާފައެވެ.
ރޭ ޔުކްރައިންގެ ފޮރިން މިނިސްޓަރު ބީބީސީއަށް ވިދާޅުވި ގޮތުގައި، މިހަފްތާ ނިމުމުގެ ކުރިން އެގައުމުތަކުން އެކަމަށް ގޮތް ނިންމާނެ ކަމަށާއި އެ ދެގައުމުންވެސް ޓޭންކް ފޮނުވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެވޭ ކަމަށެވެ.
ބައިނަލްއަގުވާމީ ހަބަރުތައް ބުނާގޮތުން، އެ ދެގައުމުންވެސް ދަނީ އެ މަގަށް މަސައްކަތް ކުރަމުންނެވެ. އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަމާއި ގާނޫނީ އިމުގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފަހު މިފަހްތާގައި ގޮތް ނިންމާނެއެވެ.
ނަން ހާމަނުކުރާ އޮފިޝަލަކާ ހަވާލާދީ ބައެއް ހަބަރުތައް ބުނާ ގޮތުން އެމެރިކާއިން ޔޫކްރައިނަށް 30 ޓޭންކް ފޮނުވާނެ ކަމަށާއި އެތަކެތި މި ހަފްތާގެ ބުދަދުވަހު ޔޫކްރައިނަށް ވަންނާނެއެވެ. ނަމަވެސް އެމެރިކާގެ ރަސްމީ އެއްވެސް ފަރާތަކުން މި މައުލޫމާތު ހާމަ ކޮށްފައި އަދި ނުވާ އިރު އެގައުމުން ބުނެފައި ވަނީ އަބްރަމް ޓޭންކަކީ އެންމެ ޒަމާނީ ހަތިޔާރު ކަމަށާއި އެތަކެތި ބަލަހައްޓާ މެއިންޓަނެންސްގެ ކަންކަން ކުރަން ހާއްސަ ބަޔަކު ތަމްރީނުވެސް ކުރަން ޖެހޭ ކަމަށެވެ.
ޖަރުމަނުން ޔޫކްރައިން އަށް ފޮނުވާނީ ލެޕާޑް 2 މަރުކާގެ 14 ޓޭންކެވެ. މިއީ ޔޫރަޕްގެ ބައެއް ގައުމުތަކުގައި ބޭނުން ކުރާ އެންމެ ކާމިޔާބު ހަތިޔާރެވެ. ގަޑިއަކު 50 މޭލު ބާރު މިނުގައި ދުއްވޭ 1500 ހޯސްޕަވަރުގެ މި ޓޭންކުގެ އުންޑަ 5 ކިލޯމީޓަރަށް ފޮނުވާލެވެއެވެ. އަދި މިއީ ފަސޭހައިން ހަލާކު ކޮށްލެވޭ ވަރަށް ވުރެ ވަރުގަދަ ކޮށް ތައްޔާރު ކޮށްފައި ވާ ޓޭންކަކަށް ވުމާއެކު، ރަޝިއާގެ ޓީ90 ގެ ކުރިމަތީގައި މި ޓޭންކުން ނަތީޖާ ނެރޭނެ ކަމަށް ޔޫކްރައިންގެ އޮފިޝަލުން ވިދާޅުވެއެވެ.