އައްޑޫގެ އާބާދީ ބޮޑު ހިތަދޫން މި ހަފްތާ ތެރޭގައި ގޯތި ދޫކުރާނެ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ ފޭދު އާއި މީދު އަދި ހުޅުދޫން ގޯތި ދޫކުރަން ނިންމާ އިއުލާންކޮށްފައެވެ. މިގޮތުން ހުޅުދު އާއި މީދޫން ދޫކުރުމަށް ހަމަޖެހިފައި ކޮންމެ ރަށަކުން 2،000 އަކަފޫޓްގެ 100 ގޯތި ދޫކުރުމަށް ނިންމާފައިވާއިރު ފޭދޫން 1،500 އަކަފޫޓްގެ 300 ގޯތި ދޫކުރުމަށް ވަނީ އިއުލާނުކޮށްފައެވެ.

ނަމަވެސް ހިތަދޫން ގޯތި ދޫކުރުމަށް އިއުލާންކޮށްފައެއް ނުވެއެވެ. އެކަމާ ގުޅިގެން މޭޔަރު ވިދާޅުވީ މި ހަފުތާގައި ހިތަދޫން ދޫކުރަން ކައުންސިލުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ހިތަދޫ އިން ދޫކުރުމަށް ހަމަޖެހިފައިވާ 400 ގޯތި އިއުލާން ކުރުން ލަސްވެގެން ދަނީ އެ އަވަށުން ގޯތި ދޫކުރުމަށް ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެންނަން ޖެހޭތީކަމަށް މީގެ ކުރިން މޭޔަރު ވަނީ ވިދާޅުވެފައެވެ.

އައްޑޫ ކައުންސިލުން 500 ގޯޗަށް ހުޅުވާލި ނަމަވެސް މިމަހު 16 ވަނަ ދުވަހު އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވަނީ އައްޑޫއިން 950 ގޯތި ދޫކުރައްވާނެކަން އިއުލާނު ކުރައްވާފައެވެ.

އެގޮތުން ހުޅުދޫ އިން 100 ގޯތި އަދި މީދޫ އިން 100 ގޯތި، ފޭދޫ ހިއްކި ސަރަހައްދުން 350 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ހިތަދޫއިން ވެސް ގޯތި ދޫކުރަން އިއުލާން ކުރެވޭނެ ކަމަށް މޭޔަރު ވިދާޅުވިއެވެ. ހިތަދޫ އިން ދޫކުރުމަށް ހަމަޖެހިފައިވާ 400 ގޯތި އިއުލާން ކުރުން ލަސްވެގެން ދަނީ އެ އަވަށުން ގޯތި ދޫކުރުމަށް ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެންނަން ޖެހޭތީކަމަށް ވެސް މޭޔަރު ވަނީ ވިދާޅުވެފައެވެ.