ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނިކޮށް މަރުވި ބިދޭސީ މީހެއްގެ ހަށިގަނޑާ ހަވާލުވާނެ މީހެއް ނެތިގެން މާލެ ފޮނުވާލައިފިއެވެ.

މިކަން "ދަ ޕްރެސް" އަށް ކަށަވަރު ކޮށްދެއްވަމުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސަރު، ހަސަން ފަޒީލް ވިދާޅުވީ ރ. މީދޫގައި މަސައްކަތް ކުރަން އުޅުނު 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު މިއަދު ހެނދުނު އެ ހޮސްޕިޓަލަށް ގެންދިޔައީ 9:20 ހާއިރު ކަމަށެވެ. އަދި އައިސީޔޫގައި ފަރުވާ ދެނިކޮށް ހެނދުނު 10:20 ހާއިރު މަރުވެފައިވާ ކަމަށް ފަޒީލް ވިދާޅުވިއެވެ.

ބަންގްލަދޭޝް އެ މީހާ އަކީ އިތުރު ބަޔަކާއެކު މީދޫގައި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރަން އުޅުނު މީހެއްއްކަމަށް މައުލޫމާތު ލިބިފައި ވާއިރު އެ މީހާ އުޅެމުން އައީ ފިލައިގެން ކަމަށް ވެސް މައުލޫމާތުތައް ވަނީ ލިބިފައެވެ.

ފަޒީލް ވިދާޅުވީ އެ މީހާއާ ހަވާލުވެ ހޮސްޕިޓަލަށް ދިޔައީވެސް ބަންގްލަދޭޝް މީހެއް ކަމަށާއި ދިވެއްސަކު ގޮސްފައި ނުވާ ކަމަށެވެ. އަދި އެ މީހާއާ ހަވާލުވެ އެއްވެސް ދިވެއްސެއް ނެތުމުން ފުލުހުންނަށާއި އުނގޫފާރު ކައުންސިލަށް އެކަން އެންގުމުން ތިން މުވައްސަސާއިން ފޮރިން މިނިސްޓްރީއާ ވާހަކަދައްކައިގެން ބަންގްލަދޭޝް ހައިކޮމިޝަން މެދުވެރިކޮށް އެ މީހާ މާލެ ފޮނުވާލާފައިވާ ކަމަށް ފަޒީލް ވިދާޅުވިއެވެ.

ފަޒީލް އިތުރަށް ވިދާޅުވީ އެ މީހާ މާލެ ފޮނުވާލާފައި ވަނީ މިރޭ 7:30 ހާއިރު ކަމަށެވެ.