ޓޫރިސްޓް ރިޒޯޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލި 14 ރަށުގެ ތެރެއިން އެންމެ ބޮޑު އަގެއް، އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކަން ޖެހެނީ ކ. ކާށިދޫ އާއި ފ. ނިލަންދޫ ފަޅަށް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން އާންމު ކުރި އިއުލާންގައިވާ ގޮތުގައި ކ. ކާށިދޫ ފަޅުން 10 ހެކްޓަރުގެ ސަރަހައްދަކާއި ފ. ނިލަންދޫގެ ފަޅުތެރެއިން 10 ހެކްޓަރުގެ ދެ ސަރަހައްދެއް ވަނީ ރިސޯޓް ތަރައްގީ ކުރުމަށް ދޫކުރަން ނިންމާފައެވެ. މި ތިން ސަރަހައްދު އެންމެ ދަށް ލޭންޑް އެކުއިޒިޝަން ކޮސްޓެއްގެ ގޮތުގައި 2.2 މިލިއަން ޑޮލަރު (34 މިލިއަން ރުފިޔާ) ހުށަހަޅަން ޖެހެއެވެ. މިއީ އޯޕަން ބިޑިން މަރުހަލާއެއްގެ ދަށުން ދޫކުރާ ރަށްތަކަކަށް ވާތީ، އެ ތިން ތަނުގެ އަގު އެއަށް ވުރެ ވެސް ބޮޑަށް އުފުލުމުގެ ފުރުސަތު އެބައޮތެވެ.

14 ތަނަށް ދައްކަންޖެހޭ އެންމެ ދަށް ލޭންޑް އެކުއިޒިޝަން ކޯސްޓް

  • 3 ހެކްޓަރުގެ ހއ. އަލިދުށްފަރުފިނޮޅު - 350،000 ޑޮލަރު (5.3 މިލިއަން ރުފިޔާ)
  • 10.9 ހެކްޓަރުގެ ހއ. މެދަފުށި - 875،000 ޑޮލަރު (13.5 މިލިއަން ރުފިޔާ)
  • 1.20 ހެކްޓަރުގެ ހދ. ކުޑަފަރުފަސްގަނޑު - ދެ ލައްކަ ޑޮލަރު (3 މިލިއަން ރުފިޔާ)
  • ރ. އެއްތިގިލި - 250،000 ޑޮލަރު (3.8 މިލިއަން ރުފިޔާ)
  • 10 ހެކްޓަރުގެ ކ. ކާށިދޫ ފަޅު- 2.2 މިލިއަން ޑޮލަރު (34 މިލިއަން ރުފިޔާ)
  • 2 ހެކްޓަރުގެ މ. ބޯހުރާ - 288،500 ޑޮލަރު (4.4 މިލިއަން ރުފިޔާ)
  • 10 ހެކްޓަރު ސަރަހައްދެއް ފ ނިލަންދޫ ފަޅުން (ޕްލޮޓް1) - 2.2 މިލިއަން ޑޮލަރު (34 މިލިއަން ރުފިޔާ)
  • 10 ހެކްޓަރު ސަރަހައްދެއް ފ ނިލަންދޫ ފަޅުން (ޕްލޮޓް2) - 2.2 މިލިއަން ޑޮލަރު (34 މިލިއަން ރުފިޔާ)
  • 3 ހެކްޓަރުގެ ތ. އޮޅުފުއްޓާއި 0.54 ހެކްޓަރުގެ އޮޅުފުށި ފިނޮޅު - ހަތް ލައްކަ ޑޮލަރު (10.7 މިލިއަން ރުފިޔާ)
  • 3.08 ހެކްޓަރުގެ ގއ. ބޭރަމައުއްޑޫ - 288500 ޑޮލަރު (4.4 މިލިއަން ރުފިޔާ)
  • 5 ހެކްޓަރުގެ ގއ. ފުނަދޫވިލިގިއްލާ - 7 ލައްކަ ޑޮލަރު (10.7 މިލިއަން ރުފިޔާ)
  • 7.61 ހެކްޓަރުގެ ގދ. ކަޅެހުއްޓާ - 575،300 ޑޮލަރު (8.8 މިލިއަން ރުފިޔާ)
  • 7.42 ހެކްޓަރުގެ ގދ. ހާދުވާ - 560،900 ޑޮލަރު (8.6 މިލިއަން ރުފިޔާ)
  • ގދ.ގެ ފެރޭތަވިލިގިއްލާ އާ ޖެހިގެން އޮންނަ އިތުރު ތިން ރަށެއް - ހަތް ލައްކަ ޑޮލަރު (10.7 މިލިއަން ރުފިޔާ)

ޓޫރިޒަމް މިނިސްޓްރީން އިއުލާން ކުރި 14 ރަށާއި ފަޅުގެ ތެރެއިން އެންމެ ދަށް އަގެއް އެކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައްކަން ޖެހެނީ ހދ. ކުޑަފަރުފަސްގަނޑާއި، ރ. އަލިފުށި ފަޅުގެ 10 ހެކްޓަރާއެކު އެ ސަރަހައްދުގައި އޮންނަ ރ. އެއްތިގިލި އާއި މ. ބޯހުރާއެވެ. އެގޮތުން އެންމެ ދަށް އެކުއިޒިޝަން ކޯސްޓެއްގެ ގޮތުގައި ހދ. ކުޑަފަރުފަސްގަނޑަށް ދެ ލައްކަ ޑޮލަރު (3 މިލިއަން ރުފިޔާ)، ރ. އެއްތިގިލިއަށް 250،000 ޑޮލަރު (3.8 މިލިއަން ރުފިޔާ) އަދި މ. ބޯހުރާއަށް (4.4 މިލިއަން ރުފިޔާ) ދައްކަން ޖެހެއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 6 ވަނަ ދުވަހުގެ 10:00 ގައި އަދި އަންނަ މާޗް މަހުގެ 5 ވަނަ ދުވަހުގެ ހެންދުނު 10:00 ގައި ވާޗުއަލްކޮށް ޒޫމް މެދުވެރިކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި އަންނަ މަހުގެ 5 ވަނަ ދުވަހާއި އަންނަ މާޗް މަހުގެ 2 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި އީމެއިލް އަށް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު އީމެއިލް ކުރަންވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ހއ. ހދ. ރ އަދި ކ އަތޮޅުގެ ރަށްރަށާއި ފަޅުތަކުގެ ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މާޗް މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 10:00 އެވެ. މ، ފ އަދި ތ އަތޮޅުގެ ރަށްރަށާއި ފަޅުތަކުގެ ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މާޗް މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 10:00 އެވެ. ގއ އަދި ގދ އަތޮޅުގެ ރަށްރަށާއި ފަޅުތަކުގެ ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މާޗް މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 10:00 އެވެ.