އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިނަށް ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

މީގެ ކުރިން އެމްޑީޕީގެ ރައީސްކަން ކުރެއްވި ޑރ. މުނައްވަރު ވަނީ އެ ޕާޓީގެ ފުރަތަމަ ރިޔާސީ ޕްރައިމަރީގައިވެސް ރައީސް ނަޝީދާ ވާދަކުރައްވާފައެވެ. އަދި ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުގެ ދާއިރާގެ މާހިރެއް ކަމަށްވާ ޑރ. މުވައްވަރު ދާދިފަހުން ވަނީ ޗާގޮސްގެ މައްސަލާގައި ސަރުކާރަށް ފާޑުވިދާޅުވެ، ރައީސް ސޯލިހުގެ އިސްތިއުފާއަށް ވެސް ގޮވާއްލައްވާފައެވެ. އަދި ދިޔާނާ ވެސް ގެންދަވަނީ ފާޅުކަން ބޮޑު ގޮތެއްގައި ރައީސް ސޯލިހަށް ފާޑު ވިދާޅުވަމުންނެވެ.

ލޯކަލް ގަވަރަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ އަފްޝަން ލަތީފު ވަނީ ރައީސް ނަޝީދަށް ތާއީދުކުރައްވަން ނިންމަވާފައެވެ. އަފްޝަނަކީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުގެ އަނބިކަނބަލުންނެވެ. އަފްޝަންގެ އިތުރުން އަމްރު ވެސް ވަނީ ރައީސް ނަޝީދުގެ ކޭމްޕެއިން ގުޅިވަޑައިގެންފައެވެ. އަދި ރައީސް ނަޝީދާއެކު މިދިޔަ ހަފްތާ ވަނީ ކެމްޕެއިން އަށް ހުވަދު އަތޮޅަށް ވެސް ވަޑައިގަންނަވާފައެވެ.

ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ރައީސް ސޯލިހު ވަނީ ރ، ބ، ނ، ޅ، އަތޮޅާއި އައްޑޫ ސިޓީގެ ބައެއް ރަށްތަކަށް ވަޑައިގެންފައެވެ. އަދި ހއ. ހދ. އަދި ށ ގެ ބައެއް ރަށްތަކަށް ދާދިފަހުން ވަޑައިގެންފައިވެއެވެ. އަދި ފުވައްމުލަކު ސިޓީއަށާއި ގދ. ތިނަދޫ އަދި ގއ. ވިލިގިއްޔަށް ވެސް ރައީސް ވަނީ ވަޑައިގެންފައެވެ.

މިއަދު ރައީސް ގެންދަވަނީ މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގަންނަވަމުންނެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން ހަރަކާތްތައް މިދިޔަ ޑިސެންބަރު މަހު ބޮޑު ތިލަދުންމަތިން ފެއްޓެވިއިރު ހދ، ހއ، ށ އަށް އޭރު ވަޑައިގެންނަވިއެވެ. ފުވައްމުލަކު ސިޓީއަށާއި އއ، އދ، ފ، ދ، ނ، ރ، ބ، މ، ވ، ތ، ލ، ގއ، ގދ އަދި ފ އަތޮޅުގެ ބައެއް ރަށްތަކަށް ވަނީ ވަޑައިގެންފައެވެ. އަދި ޅ އަތޮޅާއި މާލެ އަތޮޅުގެ ރަށްތަކަށްވެސް ރައީސް ނަޝީދު ވަނީ ވަޑައިގެންފައެވެ.

މި މަހުގެ 28 ގައި ބާއްވާ ޕްރައިމަރީގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށްދާ އިރު، މާލެ ސަރަހައްދުގައި ޖުމްލަ 49 ވޯޓުފޮށި ފޮށި ބަހައްޓަން ވަނީ ނިންމައިފަ އެވެ.

މާލެ ސަރަހައްދުގައި ވޯޓުފޮށިތައް ބަހައްޓަނީ ސީއެޗްއެސްސީ އާއި އަމީނިއްޔާ އާއި އެމްއެންޔޫ އާއި އިސްކަންދަރާއި ހިރިޔާ އާއި އިމާދުއްދީނާއި މާފަންނު މަދަރުސާ އާއި ތާޖުއްދީނާއި އިއްޒުއްދީނާއި ރެހެންދި އަދި ކަލާފާން އިތުރަށް މުހިއްދީން ސްކޫލްގަ އެވެ.

އަތޮޅުތެރޭގެ ރަށްތަކުގައި ވެސް ވޯޓު ފޮށި ބަހައްޓަނީ ރަށްރަށުގެ ސްކޫލްތަކުގަ އެވެ. ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ޕްރައިމަރީގައި ވޯޓުލުން ކުރިއަށް ދާނީ 28 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އާ ހަމައަށެވެ.