ކ މާފުށީ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މާފުށި ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 600 ދުވަހުގެ ތެރޭގައި ނިންމަން 82.6 މިލިއަން ރުފިޔާއަށެވެ.

މިއަދު ސޮއި ކުރެވުނު މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.

މި މަޝްރޫއުގެ ދަށުން 28،836 ކިއުބިކް މީޓަރު ބަނދަރު ފުން ކުރުމާއި 63،711 ކިއުބިކް މީޓަރު އާ ބަނދަރު ފުންކުރުމާއި 4،414 ކިއުބިކް މީޓަރު ނެރު ފުންކުރުމާއި 31 މީޓަރު ބޭރު ތޮށި ޖެހުން ހިމެނެއެވެ. އަދި ސޭންޑް ފިލް ބްރޭކްވޯޓާ ޖެހުމާއި 64 މީޓަރު ރިވެޓްމެންޓް ޖެހުމާއި 700 މީޓަރު ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމާއި 374 މީޓަރު އެއްގަމު ތޮށި ޖެހުން ހިމެނެއެވެ.

367 މީޓަރު ސްކޯރިން އެޕްރޮން ޖެހުމާއި 73 މޫރިން ރިންގް ހަރުކުރުމާއި 10 މޫރިން ބޮއި ހަރުކުރުމާއި 1،869 އަކަ މީޓަރުގެ ޕޭވްމެންޓްއެއް ހެދުން ވެސް އެ މަޝްރޫއުގެ ދަށުން ހިމެނެއެވެ. އަދި އެކްސެސް ޕްލެޓްފޯމެއް އެޅުމާއި 12 މީޓަރުގެ ތިން ކޮންކްރީޓް ބްރިޖާއި 80 މީޓަރުގެ ދެ ކޮންކްރީޓް ޖެޓީ ހެދުމުގެ އިތުރުން 33 މަގު ބައްތި ހަރުކުރާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.