ޕާޓީގެ ކުރިއެރުވުމަށް މަސައްކަތްކުރެއްވި ބޭފުޅުންގެ މަސައްކަތްތައް ބަލައިނުގަނެ، ބޭނުންހާ އެއްޗެއް ގޮވުމަކީ އެމްޑީޕީ އަށް ފައިދާހުރި ގޮތެއް ނޫން ކަމަށް ވިދާޅުވެ، ވާދަވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްދު ދެއްވައިފިއެވެ.
ނަޝީދު މީގެ ކުރިން ވަނީ ރައީސްގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބައެއް ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު އޭރު ވިދާޅުވީ ރައީސްގެ އަރިހުގައި ކެމްޕެއިން ކުރައްވަން ތިއްބެވީ އެހެން ޕާޓީތަކުގެ ބޭފުޅުން ކަމަށެވެ. ބެލެވޭ ގޮތުގައި އެމަނިކުފާނު ފާޑުވިދާޅުވެފައި ވަނީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށާއި، ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒްގެ އިތުރުން، އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) އަށެވެ.
ހުވަދޫ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ގއ. ވިލިނގިއްޔަށް ވަޑައިގެން އެ ރަށުގައި ހުރި ކެމްޕެއިން ޖަގަހަ ހުޅުވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި ނަޝީދަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ، އެމްޑީޕީ އަށް އެތައް ބަޔަކު ގުރުބާންވި ކަމަށާއި، ނަޝީދު ޕާޓީ އާ "ތަންކޮޅެއް ދުރުގައި" ހުންނެވުމުން، އެކަން ހަނދާން ނެތިގެން ހިނގައިދާނެ ކަމަށެވެ.
ވިލިނގިލި ދާއިރާގެ ރައީސް މުހައްމަދު ރައޫފާއި އެ ދާއިރާގެ މަޖިލިސް މެންބަރު ސައުދު ހުސައިން ކުރެއްވި މަސައްކަތްތަކުން މިސާލު ނަންގަވައި ނަޝީދަށް އިތުރަށް ރައްދުދެއްވާ ރައީސް ވިދާޅުވި ގޮތުގައި:
- އިންތިހާބެއްގައި ވާދަކޮށް ކާމިޔާބު ކުރުމަށް މަސައްކަތް ކުރަން ޖެހޭނެ
- އެކަމަކު ޕާޓީ އުފެއްދުމަށާއި ކުރިއެރުވުމަށް މަސައްކަތް ކުރެއްވި ބޭފުޅުންގެ މަސައްކަތް ބަލައިނުގަނެ، ވާހަކަ ދެއްކުމަކީ އެކަން ކުރަން ވާނެ ގޮތެއް ނޫން
ރައީސް ވަނީ ކޮންމެ ރަށަކަށް ވެސް ފައިބާ ވަޑައިގަތުމުން އިހްސާސްކުރެވެނީ ޕްރައިމަރީ ނިމިއްޖެކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައި، ބޮޑު ތަފާތަކުން ޕްރައިމަރީ ކާމިޔާބުކުރައްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައިފައެވެ.
"ވިލިނގިއްޔަށް ފޭބުމުން ވެސް އަނެއްކާވެސް އަޅުގަނޑަށް އިހްސާސްކުރެވެނީ މިކަން ނިމިއްޖެ، ނިމިއްޖެ، ނިމިއްޖެ، ނިމިއްޖެ،" އެމަނިކުފާނު ވިދާޅުވިއެވެ.