ބޭންކް އޮފް މޯލްޑިވްސްގެ ސްޕޯޓް ސްކޮލަޝިޕް ލިބޭ އެތްލީޓުން ހޮވައި ބައިވެރިންނަށް އެކަމުގެ ލިޔުން މިއަދު ހަވާލުކޮށްފިއެވެ.

މިއަދު ހެނދުނު މާލޭ ޓޭބަލް ޓެނިސް ހޯލުގައި ބޭއްވި މިކަމަށް ހާއްސަ އިވެންޓަކީ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގި މުޖްތަމައުއަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ތައާރަފްކުރި ސްޕޯޓް ސްކޮލާޝިޕް ލިބޭ ޕްރޮގްރާމެކެވެ.

ޖުމްލަ 7 އެތްލީޓުންނަށް ބޭރުގެ އެކި ގައުމު ތަކުން ތަމްރީނު ލިބޭ މި ޕްރޮގްރާމުގައި ހުރިހާ ހަރަދަކާ އެކު ރާއްޖެއިން ބޭރުގައި ހައި ޕާފޯމަންސް ޓްރެއިނިންގް ސެންޓަރުތަކުގައި ތަމްރީނު ހެދުމުގެ ފުރުސަތު ލިބިދެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ގައުމީ އެސޯސިއޭޝަން ތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދެވުނު އިވެންޓްގައި ސްކޮލަޝިޕް ލިބުނު އެތްލީޓުންގެ ތެރޭގައި ހިމެނެނީ މަރިޔަމް ރޫޔާ އަލީ، މުހައްމަދު މިންހާލް ޝާމިން، މުހައްމަދު ސާލިމް އަބްދުލް ސަމަދު، ޝުބާ މުހައްމަދު ޝަރީފް، ފާތިމަތު ޖުމާނާ ނިމާލް، މޫސާ މުންސިފް އަހްމަދުގެ އިތުރުން ލަޔާން މުހައްމަދު ޝާމިންއެވެ.

މި ކުޅުންތެރިންގެ ޓްރެއިނިންތައް ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ، ކުޅިވަރުގެ ދާއިރާއިން މަޝްހޫރު ބައެއް ބޭރުގައުމުތަކުގެ ސްޓޭޑިއަމްތައް ކަމަށްވާ ކިންގްސްޓަން ޖަމައިކާ، ޑުބާއީ ޔުނައިޓެޑް އަރަބް އެމިރޭޓްސް ބެޑްމިންޓަން، ޒަގްރިބް ކްރޯޝިއާގެ އިތުރުން ބާސެލޯނާ ސްޕެއިންއަށް ކަމަށް ބީއެމްއެލް އިން މައުލޫމާތު ފޯރު ކޮށްދެއެވެ.

މި ހާއްސަ ހަފްލާގައި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު އާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމެކްގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަދި ގައުމީ ކުޅިވަރު އެސޯސިއޭޝަންގެ އޮފިޝަލުން ބައިވެރިވެފަވެއެވެ.

މި ސްކޮލާޝިޕް ހާއްސަ ކުރެވިފައިވަނީ އެތުލީޓުންގެ ހުނަރު ކުރިއައެރުވުމުގެ އިތުރުން ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީ ތެރިވުމުގެ ގޮތުން ކަމަށް ބީއެމްއެލް އިން ހާމަ ކުރެއެވެ.