ގުޖުރާތުގައި 2002 ވަނަ އަހަރު ހިންގި ގަތުލުއާންމުގައި އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ދައުރު ބޮޑު ކަމަށް ބުނެ ބީބީސީން ދެއްކި ވީޑިއޯ ރިޕޯޓާ ގުޅިގެން، އިނގިރޭސި ޕާލިމަންޓުގައި ކުރި ބަހުސްގައި، މޯދީ އަކީ މިވަގުތު ދުނިޔޭގައި ހުންނެވި އެންމެ ނުފޫޒުގަދަ އެއް ލީޑަރުކަމަށް އެމްޕީއަކު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ގުޖުރާތުގެ ދަރިކޮޅަށް ނިސްބަތްވާ ހައިދްރަބާދަށް އުފަން އިންޑިއާ ދަރިކޮޅު އެމްޕީ، ކަރަން ބިލިމޯރިއާ ވިދާޅުވީ، މޯދީ އަކީ ތުއްޕުޅު އިރު ބައްޕާފުޅާއެކު ރެއިލްވޭގައި ސައި ވިއްކަވަން އުޅުއްވި ބޭފުޅެއް ކަމަށާއި މިއަދު އެއީ އިންޑިއާގެ ބޮޑުވަޒީރުގެ ހައިސިއްޔަތުން މިވަގުތު ދުނިޔޭގައި ހުންނެވި އެންމެ ނުފޫޒު ގަދަ އެއް ލީޑަރު ކަމަށެވެ.
ގުޖުރާރު މައްސަލައަށް ބީބީސީން ތައްޔާރު ކުރި ޑޮކިއުމެންޓަރީގެ ވާހަކަ ޕާކިސްތާން ދަރިކޮޅަށް ނިސްބަތްވާ އެމްޕީއަކު އިނގިރޭސި ޕާލިމަންޓަށް ގެންދިޔުމުން ފެށި ބަހުސްގައި ބިލިމޯރިއާގެ އިތުރުން އިނގިރޭސި ބޮޑުވަޒީރު ކަމުގައި ހުންނެވި އިންޑިއާ ދަރިކޮޅުގެ ރިޝީ ސޫނަކްވެސް ވަނީ މޯދީއަށް ތައުރީފު ކުރައްވާ ވާހަކަ ދައްކަވާފައެވެ.
ބިލިމޯރިއާގެ ވާހަކައިގައި މޯދީގެ "ގަދަ ކަން" ފާހަގަ ކުރައްވަމުން އިތުރަށް ވިދާޅުވީ، އިންޑިއާ ދަނީ ދުވަހުން ދުވަހަށް ކުރިއަށް ކަމަށާއި މިއަހަރަކީ ދުނިޔޭގެ އެންމެ މުއްސަނދި 20 އިގުތިސޯގެ ވެރިންގެ ސަމިޓް އިންޑިއާގައި ބާއްވާ އަހަރު ކަމަށެވެ. އަދި ކުރިއަށް އޮތް 25 އަހަރުގެ ތެރޭގައި ދުނިޔޭގެ ދެވަނަ އަށް އެންމެ މުއްސަނދި އިގްތިސޯދަށް ވާނީ އިންޑިއާ ކަމަށާއި އިންޑިއާގައި ދުއްވާ ޒަމާންވީ ރެއިލްތަކުގެ ބަދަލުގައި ދުނިޔޭގެ އެންމެ ދުވަލި ބާރު ރޭލު، މިހާރު ސްޓޭޝަނުން ނައްޓާލައިފި ކަމަށް ވިދާޅުވެ އިންޑިއާއިން ދާދި ފަހުން ތައާރަފް ކުރި ދުވެލި ބާރު ރޭލުގެ ވާހަކަ ވިދާލުވިއެވެ.
އަދި މިވަގުތު އެންމެ ކުރިއަަމުން އަންނަ އިގުތިސޯދަކީ ވެސް އިންޑިއާ ކަމަށާއި އިނގިރޭސީންގެ އެންމެ ގާތް ބައިވެރިއަކީ އިންޑިއާ ކަމުގައި ހަދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ބީބީސީން އާންމު ކުރި އެ ރިޕޯޓުގެ މައްސަލަ ހޫނުވެ، އެ ރިޕޯޓުގެ ބައިތައް ޔޫޓިއުބާއި ސޯޝަލްމީޑިއާ ޕްލެޓްފޯމް ތަކުގައި ދައުރުވުން ހުއްޓުވުމަށް އިންޑިއާގެ ބްރޯޑްކާސްޓިން މިނިސްޓްރީން ވަނީ ހާއްސަ އިއުލާނެއް ނެރެފައެވެ. އެއާ އެކު ޔޫޓިއުބުން އެ ޑޮކިއުމެންޓަރީގެ ވީޑީއޯ މިހާރު ވަނީ ނަގާފައެވެ.
އަދި ގުޅުން ހުރި 50 ޓްވީޓެއްވެސް ވެސް ވަނީ ނަގާފައެވެ.