ކޮންޓްރޯލްޑް ބޭހެއް ކައިގެން އެންމެ ގިނަ އިރު ނުނިދާ ހުރެވޭ މީހާ ބެލުމައް ޓިކްޓިކްގައި ނުރައްކާތެރި ޗެލެންޖެއް ކުރިއަށް ގެންދާތީ ސަމާލުވާން މެކްސިކޯގެ އިދާރާތަކުން އެދިއްޖެއެވެ.

މި ޓިކްޓޮކް ޗެލެންޖަކީ "މޮޅު ވާނީ އެންމެ ގިނަ އިރު ހޭލާ ހުރެވޭ މީހާ" މި ސްލޯގަން ގެ ދަށުން ކްލޯނަޒެޕަމް ނަމަކަށް ކިޔާ ބޭހެއް ކައިގެން އެންމެ ގިނަ އިރު ހޭލާ ހުރެވޭ މީހާ މޮޅުވާނެ ކަމަށް ބުނެ ކުރިއަށް ގެންދާ ޓިކްޓޮކް ޗެލެންޖެކެވެ.

ކްލޯނަޒެޕަމް އަކީ ސީޒާ، އެންޒައިޓީ އަދި ޕެނިކް އެޓޭކްސް އަށް ފަރުވާއެއްގެ ގޮތުން ދޭ ބޭހެކެވެ. ބޯ އެނބުރުމާއި ނިދިއައުމަކީ މި ބޭހުގެ ސައިޑް އިފެކްޓް އެކެވެ.

މެކްސިކޯގެ ކެޕިޓަލް ސިޓީގެ ސްކޫލެއްގެ 5 ކުދިން މި ބޭސް ބޭނުން ކުރުމަށް ފަހު އިންޓޮކްސިކޭޓް ވެގެން ފަރުވާދީފައި ވާކަމަށް އެގައުމުގެ ޕެރަމެޑިކްސް އިން ބުނެއެވެ. މީގެ އިތުރުން މެކްސިކޯގެ އުތުރުގެ ސަރަހައްދެއް ކަމަށްވާ ނިއުވާ ލިއޯންގައި ވެސް 3 ކުއްޖަކު މި ބޭސް ބޭނުންކުރުމުގެ ސަބަބުން ހާލުދެރަވެ ފަރުވާ ދޭންޖެހިފައި ވެއެވެ.

ނުއިވޯ ހެލްތް ސެކްރެޓަރީ އަލްމާ ރޯސާ ވިދާޅުވެފައި ވަނީ މިފަދަ ވައިރަލް ވެގެންދާ ޗެލެންޖް ތަކާއެކު އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށައެޅިގެން ދާކަމަށެވެ.

މި ބޭސް ކާތަން ފެންނަ ވީޑިއޯ އަދި ބޭހުގެ ސައިޑް އިފެކްޓްސްތައް ފެންނަ ވީޑިއޯތައް ގިނަ ބަޔަކު ވަނީ ޓިކްޓޮކްގައި ހިއްސާ ވެސް ކޮށްފައެވެ.

ރާއްޖޭގައިވެސް ޓިކްޓޮކަކީ މަގުބޫލު ޕްލެޓްފޯމަކަށް ވާއިރު ގިނަ އަދަދެއްގެ ޒުވާނުން އެ ޕްލެޓްފޯމްގައި އުޅެއެވެ. ނަމަވެސް މިހެން ދައުރުވާ އެކި ފާޑުފާޑުގެ ޗެލެންޖައް ކުޅެ، ބައިވެރިވެ ނުހެދުމަށް އިލްތިމާސް ކުރަމެވެ.